އިކުއެޑޯގެ ރިޔާސީ ކެންޑިޑޭޓް މަރާލުމުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި، ހަ މީހަކު ހައްޔަރުކޮށްފިއެވެ.

މިދިޔަ ހަފުތާގެ ބުދަދުވަހު ކެމްޕެއިން ރެލީއެއްގައި ހަރަކާތްތެރިވެވަޑައިގަންނަވަނިކޮށް އިކުއެޑޯގެ ރިޔާސީ ކެންޑިޑޭޓް ފެރްނާންޑޯ ވިލަވިސެންސިއޯ އަށް ބަޑިން ހަމަލާދީ މަރާލާފައިވަނީ ކޮލަމްބިއާގެ ގޭންގަކުން ކަމަށް އިކުއެޑޯ ސަރުކާރުގެ އޮފިޝަލުން ވަނީ ވިދާޅުވެފައެވެ.

އުމުރުން 59 އަހަރުގެ ވިލަވިސެންސިއޯ އަކީ އިކުއެޑޯގެ ކުރީގެ ނައިބު ރައީސް އެވެ.

ރިޔާސީ އިންތިހާބަށް 10 ދުވަސްވެފައި ވަނިކޮށް ވިލަވިސެންސިއޯ މަރާލުމާ ގުޅިގެން އެ ގައުމުގެ ރައީސް ގުއިލާމޯ ލައްސޯ ވަނީ 60 ދުވަހުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރައްވައިފައެވެ. އަދި އެ ހާދިސާގެ ތަހުގީގު ވަނީ ފަށާފައެވެ. ތަހުގީގު އިތުރަށް ފުރިހަމަކުރުމަށް ރައީސް ލައްސޯ ވަނީ އެމެރިކާގެ އެފްބީއައިގެ އެހީތެރިކަމަށް ވެސް އެދިވަޑައިގެންފައިކަމަށް އޮފިޝަލުންނާ ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނެއެވެ.

ހަމަލާ ދިނުމުގައި ހަރަކާތްތެރިވިކަމުގެ ކުށުގައި ހައްޔަރުކޮށްފައިވާ ހަ މީހުންގެ ތަހުގީގު ކުރިޔަށް ގެންދިއުމަށް ކޯޓުން ވަނީ 30 ދުވަހުގެ މުއްދަތެއް ޖަހާފައެވެ.

ވިލަވިސެންސިއޯ ވަނީ އެގައުމުގެ ވެރިކަން ލިބިވަޑައިގެންފި ނަމަ ކޮރަޕްޝަން ނައްތާލައި ހަމަނުޖެހުންތަކާއި ޑްރަގްގެ ވިޔަފާރިތަކަށް ނިމުން ގެންނާނެކަމުގެ ވައުދުވެވަޑައިގެންފައެވެ.