މިއަދު އެޅި ބައިނަލްއަގުވާނީ ފައިބާ ކޭބަލް، އިންޓަނެޓް ކޭބަލަކީ ރާއްޖެ ޓެކްނޮލޮޖީގެ ހަބަކަށް ހެދުމުގެ ބިންގާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ އިންޓަނެޓް އަގުހެޔޮކުރުމުގެ ސިޔާސަތުގެ ދަށުން ގެނައި "އިންޑިއާ އޭޝިއާ އެކްސްޕްރެސް" (އައިއޭއެކްސް) ސަބްމެރިން ކޭބަލް ހުޅުމާލެއަށް އެއްގަންކޮށް، ކޭބަލް ލޭންޑިން ސައިޓު ކަމަށްވާ އޯޝަން ކަނެކްޓް މޯލްޑިވްސްގެ ކެބަލްލޭންޑިންގް ސައިޓާ މިއަދު ވަނީ ގުޅާލައިފައެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ފައިބާ ކޭބަލަކީ ރާއްޖޭގެ އިގުތިސޯދު ދެގުނަ ކުރުމަށް ވެސް އެޅިގެން ދިޔަ މުހިންމު ބިންގާއެއް ކަމަށެވެ.

"އަޅުގަނޑުމެންގެ ރާއްޖެ، ބައިނައަލްއަގުވާމީ ފައިބާ ކޭބަލްއަކާ ގުޅާލުމަކީ، ރާއްޖޭގައި ބައިނަލްއަގުވާމީ ޓެކްނޮލޮޖީ ހަބެއް އުފެއްދުމުގެ ވެސް ބިންގާ. އަޅުގަނޑުމެން މިއަދު މިއުޅެނީ، ބައިނަލްއަގުވާމީ ވިޔަފާރި އާއި ޓެކްނޮލޮޖީގެ ދާއިރާއިން ދުނިޔޭގެ އިރުމައްޗާއި ހުޅަނގާ ދެމެދު ގުޅާލެވޭ ފާލަމަކަށް ރާއްޖެ ހެދުމުގެ ފުރަތަމަ ފިޔަވަޅުގައި،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިއީ ޑިޖިޓަލް ރާއްޖޭގެ ފެށުން ކަމަށާއި ފައިބާ ކޭބަލާއެކު ސަރުކާރުން ފަށައިފައިވާ ސެޓްލައިޓް ސްކޫލުގެ ހިދުމަތްތަކަށް ވެސް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށެވެ. އަދި ވިދާޅުވީ މިއީ މީގެ އެތަކެއް އަހަރެއް ކުރިން ކޮށް ނިންމާފައިވާ މަސައްކަތަކަށް ވާން ޖެހޭ ކަމަށެވެ.

އިންސާނުން އުފެއްދި އާޓިފިޝަލް ޓެކްނޮލޮޖީ، އިންސާފުން ފަހަތުން ދުވާއިރު، ރާއްޖެއިން އަދިވެސް މަސައްކަތް ކުރަމުންދަނީ އިންޓަނެޓުގެ ސްޕީޑު ފަހައި ކަމަށް ރައީސް ވިދާޅުވިއެވެ. އަލަށް އެޅުނު ކޭބަލާއެކު ޓެކްނޮލިޖީއަށް ޝައުގުވެރިވާ ޒުވާނުންނާއެކު މި ދަތުރުކުރަނީ މުޅިން އާ ދުނިޔެއަކަށް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"މި ސަބްމެރިން ކޭބަލްއާ އެކު ދިވެހި ރައްޔިތުން ގޮވައިގެން, ހާއްސަކޮށް ދިވެހި ޒުވާނުން ގޮވައިގެން އަޅުގަނޑުމެން ދަތުރު މި ފަށަނީ މުޅިން އާ ދުނިޔެއަކަށް. މިއީ ހަމައެކަނި މުއާސަލާތީ ގޮތުން ކުރެވޭ ކަމެއް ނޫން. ޑިޖިޓަލް ދުނިޔޭގެ އުދަރެސްތައް އެއަށްވުރެ މާ ފުޅާ," ރައީސް ވިދާޅުވިއެވެ.

އެ ކޭބަލަކީ ޑިޖިޓަލް ސިޔާސަތުގެ ދަށުން އިންޓަނެޓް އެކްސްޕޯޓް ކުރުމަށާއި އިންޓަނެޓް އަގު ހެޔޮކޮށް އަދި އަވަސް އިންޓަނެޓުގެ ހިދުމަތް ފޯރުކޮށްދިނުމަށް އެޅި ކޭބަލެއް ކަމަށް ރައީސް ވިދާޅުވިއެވެ.