ރާއްޖޭގައި ރިޔާސީ އިންތިހާބަށް ކުފޫ ހަމަވާ ސިޔާސީ ޕާޓީއަކަށް މި ވަގުތު އޮތް ހަމަ އެކަނި ޕާޓީއަކީ ވެރިކަންކުރާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީ ކަމަށް އަންނަ މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބަށް އެ ޕާޓީ އާއެކު ކޯލިޝަން ހަދާފައިވާ އެމްޑީއޭގެ ޑެޕިއުޓީ ލީޑަރު އަލީ މައުރޫފް ވިދާޅުވެއްޖެއެވެ.

ގއ. ވިލިނގިލީގައި މިރޭ ބޭއްވި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިން ޖަލްސާގައި މައުރޫފު ވިދާޅުވީ، އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމަކީވެސް ވެރިކަމުގެ ދަތިވެތިކަން ހުންނެވި ބޭފުޅެއް ކަމަށާއި ސިޔާސީ ޕާޓީއެއް އުފައްދާ ކޮންމެ މީހަކުވެސް އެކަން ކުރަނީ އެ ބޭނުމުގައި ކަމަށެވެ.

މައުރޫފު ވިދާޅުވީ، އެމްޑީއޭއަކީ ރާއްޖޭގައި ހަތަރުވަނައަށް އެންމެ ބޮޑު ޕާޓީ ކަމަށްވީ ނަމަވެސް އެއަށްވުރެ ކުދި ޕާޓީތަކުން ރިޔާސީ އިންތިހާބުގައި ވާދަކުރުމުން ގައުމަށް ގެއްލުންވާނެ ކަމަށެވެ. އަދި ރިޔާސީ އިންތިހާބަށް ކުފޫ ހަމަވާ ޕާޓީއަކަށް އޮތީ އެމްޑީޕީ ކަމަށާއި ވެރިކަމަށް ކުރިމަތިލާން ޖެހޭނީ ސިޔާސީ ބާރުވެރިކަން އޮތް ޕާޓީއަކުން ކަމަށްވެސް ވިދާޅުވިއެވެ.

އެމްޑީޕީއަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވައި މައުރޫފް ވަނީ އެމްޑީޕީ ދޫކޮށް ނުދިއުމަށް އެ ޕާޓީގެ މެންބަރުންގެ އަރިހުން އެދިވަޑައިގެންފައެވެ.