ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު، ޕީޕީއެމުން ވަކިވެވަޑައިގެންފިއެވެ.
ޕީޕީއެމްގެ ސްޕެޝަލް އެޑްވައިޒަރުގެ މަގާމުންނާއި އެ ޕާޓީގެ މެންބަރުކަމުން އިސްތިއުފާ ދެއްވަން ނިންމެވިކަން ހާމަކޮށް ޑރ. ވަހީދު, އެ މަނިކުފާނުގެ ސޯޝަލް މީޑިއާގައި އިނގިރޭސި ބަހުން މިއަދު އާންމުކުރެއްވި ބަޔާނެއްގައި ވިދާޅުވީ, މީގެ 10 އަހަރުގެ ކުރިން ޕީޕީއެމްއާ އެ މަނިކުފާނު ގުޅިވަޑައިގަތީ ގައުމުގައި ހަމަޖެހުން ގާއިމުކޮށް, ތަރައްގީގެ މަސައްކަތްތައް ކުރިއަށް ގެންދެވުމަށް ކަމަށެވެ.
އޭގެ ތެރެއިން ގިނަ ކަންކަން ޕްލޭނާ އެއްގޮތަށް ހާސިލުވި އިރު, ރާއްޖޭގެ އިގުތިސާދާއި ޑިމޮކްރަސީ ހަރަދަނާކޮށް ރައްޔިތުންގެ ފާގަތިކަން އިތުރު ކުރަން އިތުރު މަސައްކަތްތަކެއް ކުރަން އަދިވެސް އެބަހުރި ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑަށް ގަބޫލުކުރެވުނު ގޮތުގައި ހުރިހާ ދިވެހިންނަށް ކާމިޔާބީ ހޯދައިދިނުމަށް, އަޅުގަނޑުގެ ހުނަރާއި ތަޖުރިބާއާއި އިލްމު ބޭނުންކުރެވޭނެ ހަމަޖެހޭ, ނަޒާހަތްތެރި އަދި ތެދުވެރި ޖާގައެއް މި ވަގުތަށް މުހިންމު," ޑރ. ވަހީދު ވިދާޅުވެފައިވެއެވެ.
ޑރ. ވަހީދު އިތުރަށް ވިދާޅުވީ, އެ މަނިކުފާނު އަބަދުވެސް މަސައްކަތް ކުރައްވާނީ ދިވެހިންގެ ކުރިއެރުމާއި ގައުމުގެ މިނިވަންކަމާއި އިސްތިގުލާލު އަދި އިޖުތިމާއީ އިގުތިސާދީ ކުރިއެރުމަށް ކަމަށެވެ.