ޓޮޓެންހަމްގެ ތަރި، އިންގްލެންޑް ގައުމީ ޓީމުގެ ކެޕްޓަން ހެރީ ކޭންގެ ޓްރާންސްފާގެ އަގަކަށް ބަޔާން މިއުނިކާއި ޓޮޓެންހަމް އެއްބަސްވުމަކަށް އައިސްފިއެވެ.
ކޭންގެ ޓްރާންސްފާ ފީއަކަށް ޓޮޓެންހަމްއާއި ބަޔާން އެއްބަސްވުމަކަށް އައިސްފައިވާ ކަމަށް އިތުބާރު ނޫސްތަކުން ވަނީ ޔަގީން ކޮށްދީފައެވެ. ބީބީސީ ސްޕޯޓްސްއިން ބުނެފައިވަނީ ދެ ކްލަބުން ކޭންއަށް އެއްބަސްވެފައިވާ އަގަކީ 86.4 މިލިއަން ޕައުންޑްގެ އަގެއް ކަމަށެވެ. ހަބަރުތައް ބުނެފައި ވަނީ އުމުރުން 30 އަހަރުގެ ކޭން، ބަޔާނަށް ދިޔުމާމެދު ގޮތެއް ނިންމުމުގެ ފުރިހަމަ ބާރު މިހާރު އޮތީ އޭނާ އަތްމަތީގައި ކަމަށެވެ.
ކޭންގެ އަތް މައްޗަށް ގޮތް ނިންމުމުގެ ބާރު ލިބިފައިވާ އިރު، މީގެ ދެ ހަފުތާއެއް ކުރިން ބައެއް ނޫސްތަކުން ބުނެފައި ވަނީ ސީޒަން ފެށުމުގެ ކުރިން ޓޮޓެންހަމް ދޫކޮށް، ބަޔާނަށް ދާން ކޭން އެއްބަސްވެފައިވާ ކަމަށެވެ. އޭރު ކޭންގެ ކައިރިން މަސައްކަތްކުރާ ބައެއް ފަރާތްތަކާ ހަވާލާދީ ނޫސްތަކުން ބުނެފައި ވަނީ ސީޒަންގެ މެޗުތައް ފެށުމުގެ ކުރިން ދެ ކްލަބުން އެއްބަސްވުމަކަށް އައިސްފައިވާ ނަމަ، ޓޮޓެންހަމް ދޫކޮށްލަން ކޭން ތައްޔާރަށް ހުރި ކަމަށެވެ. އެހެން ނަމަވެސް، ދެ ކްލަބުން އެއްބަސްވިފަހުން އަދި ކޭންގެ ރަސްމީ ބަހެއް އެކަމުގައި ލިބިފައެއް ނުވެއެވެ.
ކޭން ހޯދުމަށް ބަޔާނުން މީގެ ކުރިން ކުރި ދެ ބިޑަކަށް ޓޮޓެންހަމް ވަނީ ނޫނެކޭ ބުނެފައެވެ. ކޭން ގެންދަން ބަޔާނުން މަސައްކަތް ކުރާތާ ދުވަސްތަކެއްވެފައިވާ އިރު، ބަޔާނުން ކޭން ގެންދަން އެންމެ ބޮޑަށް މަސައްކަތް ކުރަނީ މިދިޔަ ސީޒަނުގެ ކުރިން އެ ކްލަބު ދޫކޮށްލި ރޮބާޓް ލެވަންޑޮސްކީ ނެތްތައް ފޫބެއްދުމަށެވެ.
އިންގްލެންޑްގެ ކެޕްޓަން ކޭން، ޓޮޓެންހަމްއާއެކު ހަދާފައިވާ އެއްބަސްވުން އަންނަ އަހަރުގެ ޖޫން މަހަށް ހަމަވާ އިރު، އެ އެއްބަސްވުމަށް ގޮތެއް ނިންމަން ލިބޭނެ އެންމެ ފަހުގެ ހޫނު މޫސުމުގެ ޓްރާންސްފާ ސީޒަނަކީ މިއީއެވެ. ކޭންއަކީ ޓޮޓެންހަމްގެ ތާރީހުގައިވެސް އެކްލަބަށް އެންމެ ގިނަ ގޯލް ޖަހައިދީފައިވާ ކުޅުންތެރިޔާ އެވެ. އޭނާ ވަނީ އެ ކްލަބަށް ކުޅުނު 435 މެޗުން 280 ގޯލު ޖަހައިދީފައެވެ. 2008 ވަނަ އަހަރުން ފެށިގެން މިހާތަނަށް ޓޮޓެންހަމްއަށް ތަށްޓެއް ހޯދިފައިނުވާ އިރު، އެއީ އެ ކްލަބަށް ވަރުގަދަ ކުޅުންތެރިން މަޑުކުރުވަން ދިމާވެފައިވާ އެންމެ ބޮޑު މައްސަލައެވެ.
ބޭރު ކުޅިވަރު
ބޭރު ކުޅިވަރު
ބޭރު ކުޅިވަރު
ބޭރު ކުޅިވަރު