މިހާރުގެ މާލެ ސިޓީގެ މޭޔަރު އަދި ޕީއެންސީގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ކެންޑިޑެންސީ ހުށައަޅަފައިވަނީ ގަނެގެންކަމަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިން ތަރުޖަމާނު މާރިޔާ އަހްމަދު ދީދީ ތުހުމަތު ކުރައްވައިފިއެވެ.
މާރިޔާ މިހެން ވިދާޅުވީ މިއަދު ސޯލްޓުގެ ފަސް ވަނަ ފަންގިފިލާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ. ޑރ. މުއިއްޒުގެ ރިޔާސީ ކެންޑިޑެންސީއާއި މެދު ތުހުމަތު ކުރައްވައި، ވާހަކަދައްކަވަމުން މާރިޔާ ވިދާޅުވީ، ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މި ވިދާޅުވަނީ ތިމަންނަ ނުކުމެ މިހުރީ ކުރީގެ ރައީސް ޔާމިނައަށްޓަކައި ކަމުގައެވެ. މިކަމާ ދިވެހި ރައްޔިތުންގެ ހިތުގައި ސުވާލު އުފެދޭކަމުގައިވެސް މާރިޔާ ވިދާޅުވިއެވެ.
"ދެން ރައްޔިތުންގެ ސުވާލަކީ މުއިއްޒުގެ ކެންޑިޑެސީއިން ކުރައްވަން އުޅުއްވާ ބެނުމަކީ ކޮބައިތޯ. ރައީސް ޔާމީން އެކި ގޮތްގޮތުން ވިދާޅުވޭވޭ ހުއްޓާ ސެނެޓް ގަނެލައިގެން މުއިއްޒު ނުކުމެވަޑައިން ހުންނަވާތަން." މާރިޔާ ދީދީ ވިދާޅުވިއެވެ.
ރައީސް ޔާމީންގެ ވެރިކަން ނިމިދިއުމުގެ ކުރިން ކަންތައްތައް ހިނގައިދިޔަގޮތް ސިފަކުރައްވަމުން މާރިޔާ ވިދާޅުވީ، ނޫސްވެރިންގެ ގޮތުގައި ރިޕޯޓު ކުރައްވާ ގޮތަކުންވެސް މީޑިއާތަކުގެ ވަސީލަތްތައް ބޮޑު އަދަދުން ޖޫރިމަނާ ކުރާ ކަމަށެވެ. މީގެ އިތުރުން ނޫސްވެރިން ޖަލަށްލައި، ސިޔާސީ ޕާޓީތަކުގެ ވެރީންވެސް 2018 ގައި ތިބީ ހައްޔަރުވެފައި ކަމުގައެވެ.
"މިނިވަންކަމާއެކު ކެމްޕެއިން ކުރުމުގެ ފުރުސަތެއް ނުލިބޭ. އެންމެ ފަހުން ވޯޓުނަގަމުން ދިޔަވަގުތުގަވެސް މި ސޯލްޓު ތެރެއަށް އެސްއޯއީ ފުލުހުން ވަދެ ތިބީ. މިދިޔަ ފަހަރު އަޅުގަނޑުމެން ގޭގެއަށް ހިނގިއިރު ސްޕޯކްސްޕާސަންއެއްގެ ހައިސިއްޔަތުން ގޭގެއިން އެބަބުނޭ ތިމަންނަމެން ރައީސް ޔާމީނުގެ ކެމްޕެއިން ޖަގަހައިން ގުޅީމަ، ތިމަންނަމެން އާން މައްސަލައެއް ނޯންނާނޭ ބުނަމޭ، އެކަމަކު އެއީ މި އޮންނަ ބިރުވެރި ހާލަތާހެދިގެންނޭ" ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ސިފަކުރައްވަމުން މާރިޔާ ވިދާޅުވިއެވެ.
ރައީސް ޔާމީނަށް ބައެއް މީހުން ތާއީދުކުރަނީ ޔާމީން ދެކެ ބިރުން ގަންނާތީ ކަމުގައި މާރިޔާ ވިދާޅުވިއެވެ. އެ ޕާޓީގެ މެނިފެސްޓޯ ބަލައިލިނަމަވެސް ފެންނަނީ ވެރިންގެ ގެތައް ހައްދަވާ ވާހަކައާއި ނައިބު ރައީސުންގެ ގެކޮޅޮތައް ތައްޔާރުކުރާނެ ވާހަކަ ކަމަށާއި ފަނޑިޔާރުގެތައް އަލުން އިމާރާތް ކުރެވޭނެ ކަމަށާއި އަދި ފަނޑިޔާރުންގެ މުސާރަ ބޮޑުކުރާނެ ވަހަކަތައް ކަމުގައި މާރިޔާ ވިދާޅުވިއެވެ.
"މިއިން އެއްވެސް ބޭފުޅަކު މާބޮޑަކަށް ރައްޔިތުންގެ ވާހަކަ ދައްކަވާތަނެއް ނުފެނޭ. ދެން އުޅުއްވާ ކެންޑިޑޭޓުންވެސް މިފެންނަނީ 5 ވަރަކަށް އަހަރު ރައްޔިތުން އިންތިހާބުކުރީމަ މަޖިލީހުގެ ހާޒިރީ ރެކޯޑަށް ބައްލަވައިލެއްވިކަމަށްވީނަމަވެސް އެނގޭނެ ބައެއް ކެނޑިޑޭޓުން މަޖިލީހަށް ހާޒިރުވެތިއްބެވި މިންވަރު. ފަސްވަރަކަށް އަހަރު ރައްޔިތުންގެ މަތިން ހަނދުމަފުޅުނެތިފަ ހުންނަވާފަ ކުއްލިޔަކަށް ވަޑައިން ވާހަކަދައްކަވާތަން މި ފެންނަނީ. އަޅުގަނޑު ނެތީމު އަނެއްބައި ފުރިހަމަ ކުރާކަށް" ރިޔާސީ އިންތިހާބަށް ކުރިމަތިލެއްވި އެހެން ޕާޓީތަކުގެ ބޭފުޅުންގެ ވާހަކަ ދައްކަވަމުން އެކަމަނާ ވިދާޅުވިއެވެ.
މީގެ އިތުރުން އެހެން ޕާޓީތަކުގެ އިސް ބޭފުޅުންގެ ބޭނުމަކީ ރައްޔިތުންނަށްވުރެ ބޮޑަށް ވެރިންނަށް ހިދުމަތް ކުރުން ކަމަށްވެސް މާރިޔާ ވިދާޅުވިއެވެ. އޭރު ރައީސް ޔާމީންގެ ކެމްޕެއިން ޖަގަހައިން ރައްޔިތުންގެ ތާއީދު އޮތް މިންވަރު ހޯދުމަށް ގުޅުމުން އާން ބަސް ބުނަނީ ބިރުން ކަމުގައިވީ ނަމަވެސް މިހާރު އެ ބިރުވެރިކަން ނެތް ކަމަށް އާންމުން ބުނާ ކަމަށް މާރިޔާ ވިދާޅުވިއެވެ.
މާރިޔާ އިތުރަށް ވިދާޅުވީ ދެވަނަ ބުރަށް އެމްޑީޕީން ނުވިސްނާ ކަމަށެވެ. އަދި ފާހަގަކުރެވޭވަރުގެ އަދަދަކަށް އެމްޑީޕީން މެންބަރުން ކެނޑޭކަން ފާހަގަނުކުރެވޭ ކަމަށާއި އެމްޑީޕީއަކީ އެކަތިގަނޑެއްގެ ގޮތުގައާއި އަދި އެހެން ޕާޓީތަކަށްވެސް އެމްޑީޕީއާ ގުޅެން ބޭނުންނަމަ ރައީސް ސޯލިހު އެކަމަށް ވެސް މަރުހަބާ ވިދާޅުވާނެ ކަމަށް މާރިޔާ ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު