ވެރިކަމުގެ ސިޔާސަތަކީ ބަދަލުވާ އެއްޗަކަށްވާނަމަ ތަރައްގީ ނުގެނެވި މަޝްރޫއުތައް މަޑުޖެހޭނެކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ގއ. ނިލަންދޫގައި މިއަދު ބޭއްވި ކެމްޕޭން ޖަލްސާގައި ރައީސް ވިދާޅުވީ 2018 ވަނައަހަރު އެ މަނިކުފާނު އިންތިހާބަށް ކުރިމަތިލެއްވީ ޖަޒީރާ ރާއްޖެ މެނިފެސްޓޯއަކާ އެކީ ކަމަށެވެ. އަދި މިހާރު ސަރުކާރުން ވަނީ އެ މެނިފެސްޓޯއާ އެއްގޮތަށް ގިނަ މަސައްކަތްތަކެއް ނިންމާފައި ކަމަށެވެ.

ރައީސް ވިދާޅުވީ ކުރިން ރާއްޖެ ދެކެމުން އައި ހަމަނުޖެހުން ނައްތާލެވިއްޖެ ކަމަށާއި ތަރައްގީ ގެނެވޭނީ ހަމަނުޖެހުން ނައްތާލައިގެން ކަމަށެވެ. އަދި ވިދާޅުވީ ރާއްޖޭގައި މިހާރު އަންނަނީ ޑިމޮކްރަސީ ފައްކާވަމުން ކަމަށާއި، ޑިމޮކްރަސީގައި އިރުއިރުކޮޅާ ސިޔާސަތު ބަދަލުވަންޏާ ތަރައްގީ ނުގެނެވޭނެ ކަމަށެވެ.

"އެކަން އަޅުގަނޑުމެން 2008ގަ އެމްޑީޕީގެ ވެރިކަމުގަ ތަޖުރިބާކުރިން. ދެން އައި ސަރުކާރުން އަޅުގަނޑުން ފަށާފައިވާ ރައްޔިތުންނަށް ރަނގަޅުވާ ކަންކަން ބަދަލުކުރީ. މަޝްރޫއުތައް ހުއްޓި ފައިސާ ބޭކާރު ވެގެންދިޔައީ އެކަމުގެ ސަބަބުން" ރައީސް ވިދާޅުވިއެވެ.

ދެވަނަ ދައުރަކަށް ކުރިމަތިލައްވަނީ ތަސައްވަރަކާއެކު ކަމަށާއި އެގޮތުން އެ ތަސައްވަރުގެ ދަށުން ނިލަންދޫއަށް ކަންތައްތަކެއް ރޭވިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

އެގޮތުން ނިލަންދޫ މަގުތައް ތާރު އަޅައިގެން ހެދުމާއި، ބަނދަރު ބޮޑުކޮށް ޒަމާނީ ކުރުމާއި، ފުޓްބޯޅަ ސްޓޭޑިއަމް އަދި ޔޫތު ސެންޓަރެއް ހަދައިދޭނެކަމަށް ރައީސް ވިދާޅުވިއެވެ.