ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން އެގައުމުގެ ފުލުހުން އަނެއްކާވެސް ވަނީ ހައްޔަރުކޮށްފައެވެ. މިއީ ހަތަރު މަހުގެ ތެރޭގައި އިމްރާން ޚާން ހައްޔަރުކުރި ދެވަނަ ފަހަރެވެ. މިފަހަރު ހައްޔަރުކުރީ އޭނާގެ މައްޗަށް ހިންގުނު ޚިޔާނާތާ ގުޅުންހުރި ސަރިޔަތެއްގައި ކުށް ސާބިތުވެ ތިން އަހަރަށް ޖަލަށް ލުމަށް ކޯޓުން ހުކުމްކުރިތާ އެއްދުވަސް ފަހުންނެވެ. ލާހޯރުގައި އޭނާ ހުންނަވަނިކޮށް ހައްޔަރުކޮށްގެން މިހާރު ވަނީ ވެރިރަށް އިސްލާމްއާބާދަށް ގެންގޮސްފައެވެ. އިމްރާނުގެ މައްޗަށް ސާބިތުވި ކުށަކީ އޭނާގެ ބޮޑުވަޒީރުކަމުގެ ދުވަސްވަރު ބޭރު ގައުމުތަކުގެ ވެރިން ހަދިޔާގެ ގޮތުގައި ދެއްވި ތަކެތި ވިއްކަވައި އޭގެ މަންފާ ބޭނުން ކުރެއްވުމުގެ ކުށެވެ. އިމްރާނަކީ ޕާކިސްތާނުގެ އެންމެ މަގްބޫލު ލީޑަރެވެ. އޭނާ ހައްޔަރުކުރީމާ ދެން ގައުމު ހަލަބޮލިވެގެން ހިނގައިދާނެ ބާވައެވެ؟

ހަމަނުޖެހުންތަކެއްގެ ތެރެއަށް ޕާކިސްތާނު އަނެއްކާވެސް ގެނބިގެން ހިނގައިދާނެ ކަމަށް ހީކުރެވެނީ އެންމެ ފަހުން އިމްރާނު ހައްޔަރުކުރި ފަހަރު ކަންކަންވީ ގޮތުންނެވެ. މިއަހަރުގެ މެއިމަހު އިމްރާން ހައްޔަރު ކުރެވުނީމާ އޭނާގެ ސަޕޯޓަރުން މަގުތަކަށް ނުކުމެ ވަރަށް ބޮޑަށް އިހުތިޖާޖު ކުރިއެވެ. ފުލުހުންނާ ކުރިމަތިލުން ހިންގައި އެތައް ބަޔަކަށް އަނިޔާވިއެވެ. އަދި ސީދާ އަސްކަރިއްޔާގެ ބައެއް މަރުކަޒުތަކަށްވަދެ އެތަންތަނަށް ގެއްލުންވެސް ދީފައިވެއެވެ. މިފަހަރު އަދި އެކަހަލަ ކަމެއްގެ މާބޮޑު ހިލަމެއް ނެތެވެ. އޭގެ ސިއްރަކީ ކުރީފަހަރުގެ ހަރަކާތުގައި އިސްކޮށްތިބި މީހުން ހައްޔަރު ކުރެވި ބައެއް މީހުންގެ މައްޗަށް އެކިވަރުވަރުގެ ހުކުމް އިއްވާފައިވުމާއި ބާކީތިބި މީހުންގެ މައްސަލަ އަސްކަރީ ކޯޓުތަކުގައި ކުރިއަށްދިޔުމެވެ. މިކަން މިހެންއޮތީމާ އިދިކޮޅު ކޭމްޕުގައި މާބޮޑު ހަކަތައެއް ނެތެވެ.

އިމްރާނުގެ މައްޗަށް އިއްވުނު ޖަލު ހުކުމުން އޭނާ މިންޖުވާނެ ހަމައެކަނި މަގަކީ ސްޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުގެ މަގެވެ. އިމްރާނުގެ ވަކީލުން މިހާރު ވަނީ އެ މަސައްކަތް ފަށައިފައެވެ. ފަހަރުގައި ކާމިޔާބުވެސް ވެދާނެއެވެ. ދައުލަތުން އޭނާގެ މައްޗަށް އުފުލި ދައުވާތަކަކީ އޭނާގެ ސިޔާސީ ހަޔާތް ބަރުބާދު ކުރުމަށް އަމާޒުކުރެވިގެން ފަރުމާކޮށްފައިވާ ދޮގު ދައުވާތަކެއް ކަމަށް އިމްރާން ވަނީ ވިދާޅުވެފައެވެ. ބޭރު ގައުމުތަކުގެ ވެރިން އޭނާއަށް ދެއްވި ހަދިޔާތައް އަމިއްލަފުޅު ކުރެއްވިއްޔާ އެކަން ކުރައްވާފައިވަނީ އުސޫލުތަކުގެ ތެރެއިން އެތަކެއްޗަށް އަގުދެއްވައި ބައްލަވައިގަތުމަަށްފަހު ކަމަށްވެސް ވިދާޅުވެއެވެ. ސްޕްރީމް ކޯޓުން އިމްރާނާ ދެކޮޅަށް މައްސަލަ ނިންމައިފިނަމަ ދެން ޔަގީންވާ ކަމަކީ މިވަގުތަކަށް އިމްރާންގެ ސިޔާސީ ކެރިއަރު ނިމުނީ ކަމެވެ.

އިމްރާން ޚާނާއި އޭނާގެ ތަހުރީކޭ އިންސާފު ޕާޓީ އަލުން ވެރިކަމުގެ މަތިފަޑިއަށް އައުމަކީ ޕާކިސްތާނުގައި މިހާރު ވެރިކަންކުރާ ކޯލިޝަނުގެ އެއްވެސް ޕާޓީއަކަށް ހަޖަމްކުރެވޭނޭ ކަމެއް ނޫނެވެ. އަދި އަސްކަރިއްޔާގެ ލީޑަރޝިޕަށްވެސް ކެތްކުރެވޭނޭ ކަމެއް ނޫނެވެ. އެމީހުންގެ މަސްލަހަތު ބިނާވެފައި އޮތީ އިމްރާން ޚާނު އެކަހެރިކޮށްލުމުގެ މައްޗަށެވެ. އިމްރާން އެކަހެރިކޮށްލުމުގެ ރޭވުމަށް އޭނާ ވަނީ ނަމެއްވެސް ދެއްވައިފައެވެ. ލަންޑަން ޕްލޭނެވެ. މިއީ ޕާކިސްތާނުގެ އަސްކަރިއްޔާގެ އެންމެ އިސްވެރިޔާ ޖެނެރަލް އާސިފް މުނީރާއި ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފާ ދެމެދު ލަންޑަނުގައި ދެކެވުނު ވާހަކަތަކަށް އިޝާރާތް ކުރައްވައި އިމްރާނު ދެއްވި ނަމެކެވެ. ނަވާޒް ޝަރީފަކީ މިހާރުގެ ބޮޑުވަޒީރު ޝާހުބާޒު ޝަރީފުގެ ބޭބެއެވެ. އަދި ޕާކިސްތާން މުސްލިމް ލީގް ޕާޓީގެ ލީޑަރެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރުކަމުގައި އިމްރާން ޚާން ހުންނެވި ދުވަސްވަރު ރަސްމީގޮތުން ހަދިޔާގެ ގޮތުގައި ލިބިފައިވާ ތަކެތީގެ ތެރެއިން އޭނާ އަމިއްލަފުޅު ކުރެއްވި ކަމަށް ދައުލަތުން ތުހުމަތުކުރާ ތަކެތީގެ އަގަކީ ގާތްގަޑަކަށް ބައިމިލިޔަން ޑޮލަރެވެ. މިއީ އިމްރާން ކަހަލަ ބޭފުޅަކަށް ނިސްބަތްކުރާއިރު މާބޮޑު އަދަދެއްވެސް ނޫނެވެ. އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ނިންމައި ހުކުމް އިއްވީ އޭނާގެ ހާޒިރުގައެއްވެސް ނޫނެވެ. މިއީ ޕާކިސްތާނުގެ ގާނޫނުތައް ފަރުމާކުރެވިފައިވާ ގޮތުން އިއްވިގެންވާނޭ ހުކުމެއް ކަމަށް ގާނޫނީ އިލްމުގެ މާހިރުން ގަބޫލެއްވެސް ނުކުރައްވައެވެ. އެހެންވީމާ ސްޕްރީމް ކޯޓުން ކާމިޔާބު ލިބުމުގެ ފުރުސަތު އެބައޮތެވެ. އެހެންވިޔަސް ދެންވެސް އިމްރާނަށް ސަލާމަތެއް ނެތެވެ. ބަރިބަރިޔަށް ދައުވާތައް ހުރީ ތައްޔާރަށެވެ.

އެނގިފައިވާ ގޮތުން އަދިވެސް ސަތޭކަ ފަންސާހަކަށް ދައުވާ އެބައޮތެވެ. އެހެންވީމާ އިތުރު ހުކުމްތައް އަދިވެސް ކުރިއަށް އޮތީއެވެ. ކަންކަން މިހެންއޮތީމާ ރައްޔިތުންނަށް އިމްރާނު ކުރެއްވި އިލްތިމާސަކީ މިއީއެވެ. ދެއަތް އުރާލައިގެން ހިމޭންކަންމަތީ ގޭގައި ނުތިބެ މަގުތަކަށް ނުކުމެ އަޑު އުފުލާށެވެ. އަޑު އިއްވާށެވެ. ހައްގުތައް ކަށަވަރު ކުރުމަށް އޮތް ހަމައެކަނި ގޮތަކީ މިހާރު އެއީއެވެ. އެހެން ނޫނިއްޔާ ދެންއޮތީ އަޅުވެތިކަމެވެ. އަޅުންނަކަށް އަމިއްލަ ދިރިއުޅުމެއް ނޯންނާނެއެވެ. އަމިއްލަ ދިރިއުޅުމެއް ނެތް ބަޔަކަށް ހައްގުތަކެއްވެސް ނޯންނާނެއެވެ. އިމްރާނުގެ މި އިލްތިމާސް އިވުނެއްކަމަކު މަގުތަކަށް ނުކުމެ ކުރީފަހަރު ދެއްކި ހިތްވަރު ތަކުރާރުވާތަނެއް އަދި ނުފެނެއެވެ. ގިނަބަޔަކު ތިބީ އެއަށްވުރެ ބޮޑު ބިރުވެރިކަމެއްގެ ތެރޭގައެވެ.