މިފަހަރުގެ ރިޔާސީ އިންތިހާބު އެހެން ފަހަރުތަކާ މުޅިން ތަފާތު ކަމަށާއި މިފަހަރު ކޯލިޝަނާއެކު ނުކުންނަނީ ވެރިކަމުގައި ތިއްބެވި ބޭފުޅުން ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ކުރިއަށްއޮތް ރިޔާސީ އިންތިހާބަށް އެމްޑީޕީން ނުކުންނަނީ އަދާލަތު ޕާޓީ އާއި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ކޯލިޝަނާއެކުގައެވެ. އޭގެ ތެރެއިން އަދާލަތު މި ސަރުކާރުގެ ވެސް ކޯލިޝަން ޕާޓްނަރެކެވެ.
ގދ. އަތޮޅަށް ރައީސް ކުރައްވަމުންގެންދަވާ ކެމްޕޭން ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ގައްދުއަށް ވަޑައިގެން މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ 2008 ވަނަ އަހަރުން ފެށިގެން މިހާތަނަށް މި ބޭއްވުނު އިންތިހާބުތަކުގައި ޕާޓީތަކުން އަބަދުވެސް މަސައްކަތްކުރަމުންދިޔައީ ވެރިޔަކަށް ހުންނަވާ ބޭފުޅަކު ބަދަލުކުރަން ކަމަށެވެ.
"2008 ގައި ވެސް އެކަން ހިނގައިދިޔައީ އެހެން، 2013 ގައި ވެސް ވަކި މީހަކު ވެރިކަމަށް ގެނަޔަ ނުދޭން މަސައްކަތްކުރީ. 2018 ގައި އަޅުގަނޑުމެން ނުކުތީ ހަމަ އެ ވިސްނުމުގައި. އެކަމަކު އަޅުގަނޑަށް 2023 ގައި، މިއަހަރު ތަފާތެއް އެބަ ފެނޭ. ވެރިކަމުގައި ހުންނަ މީހަކު ބަދަލުކުރަން ބޭނުން ކަމަށްވަންޏާ، މީގެ ކުރިން ދެން ތިބި އެންމެން އަރަނީ އެއް ކޮޅަކަށް. އެންމެން ކިޔަނީ އެކައްޗެއް. އެ ނޫން ގޮތަކަށް އެކަން ނުކުރެވިދާނެ ކަމަށް އެންމެންނަށް ގަބޫލުކުރެވޭތީ، ރިސްކެއް ނަގަން ބޭނުންނުވާތީ އެންމެން އެއްކޮޅަށް އަރައި ވެރިކަން ބަދަލުކޮށްލަނީ،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މި އިންތިހާބަކީ މީގެ ކުރިން 2008 އިން ފެށިގެން ބޭއްވުނު އިންތިހާބުތަކާ ތަފާތު އިންތިހާބެއް ކަމަށާއި މިހާރު ފެންނަމުންދަނީ ޑިމޮކްރަސީއަށް ފައްކާވަމުން އަންނަ މަންޒަރު ކަމަށެވެ. އަދި އެކަމަށްޓަކައި ސިޔާސީ ޕާޓީތަކަށް ޝުކުރު އަދާކުރަން ޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.
"އެކަމަކު މިފަހަރު ތަފާތު. މިފަހަރު ވެރިކަމުގައި ތިބި މީހުން މިތިބީ ކޯލިޝަން ހަދައިގެން. ދެން މި އިންތިހާބަށް ނުކުތް އެއްވެސް ބަޔަކާ އެކީގައި ބައިވެރިވާނެ މީހަކު ނުވި. ވަކިވަކިން ނުކުމެވަޑައިގެން ތިއްބެވީ. އެހެންނަމަވެސް އަޅުގަނޑަށް ފާހަގަކޮށްލެވޭ ކަމަކީ ސީރިއަސްކަމާ އެކީގައި މި އިންތިހާބަށް ނުކުމެވަޑައިގެން ތިއްބެވި ބޭފުޅުންކޮޅެއް އެބަ ތިއްބެވި. ބޭނުންވަނީ ވެރިކަން، ވެރިކަމުގައި ހުންނަ މީހާ ބަދަލުކުރާކަށް ނޫން. ވާދަކޮށްގެން ވެރިކަމަށް އާދެވޭތޯ ބަލަން،" އެމަނިކުފާނު ވިދާޅުވިއެވެ.
އަންނަ މަހުގެ ނުވަވަނަ ދުވަހު ބާއްވާ އިންތިހާބުގައި ފަސް ސިޔާސީ ޕާޓީއަކުން ކެންޑިޑޭޓުން ވާދަކުރާނެއެވެ. އެއީ ވެރިކަންކުރާ މައި ޕާޓީ، އެމްޑީޕީ، ޖުމްހޫރީ ޕާޓީ، ދަ ޑިމޮކްރެޓްސް، އެމްއެންޕީ އަދި ޕީއެންސީއެވެ. އަދި އަމިއްލަ ގޮތުން ތިން ބޭފުޅަކު ކުރިމަތިލައްވާފައިވެއެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އިއްޔެ މެންދުރުފަހު 2:00 ގައި ވަނީ ހަމަވެފައެވެ. މިހާތަނަށް އީސީން ވަނީ އެމްޑީޕީގެ ކެންޑިޑޭޓު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްއެންޕީގެ ކެންޑިޑޭޓް ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް އަދި ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓް، ހުޅުދޫ ދާއިރާގެ މަޖިލިސް މެންބަރުގެ ކެންޑިޑެސީ ބަލައިގެންފައެވެ. އޭގެ އިތުރުން އަމިއްލަގޮތުން ވާދަކުރައްވާ އެމްއާރުއެމްގެ ރައީސް ފާރިސް މައުމޫނާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ޑިފެންސް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒަމީލްގެ ކެންޑިޑެސީ ވެސް އީސީން މިއަދު ވަނީ ބަލައިގެންފައެވެ.
އެ ބޭފުޅުންގެ އިތުރުން ދެން އިންތިހާބަށް ކުރިމަތިލައްވާފައިވަނީ ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް، އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އަދި ޕީއެންސީގެ ކެންޑިޑޭޓް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒެވެ.
ޚަބަރު
ޚަބަރު
ޚަބަރު