ގދ. ރަތަފަންދޫ/ މުހައްމަދު އިޝާން (ވަން އޮންލައިން)

ދެވަނަ ދައުރަކަށް އިންތިހާބުވެއްޖެ ނަމަ ގދ. ކުރެއްދޫ ހިއްކައި، މި ރަށާ ގުޅާލާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް މި ރަށަށް މިއަދު ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ، ރަތަފަންދޫއަށް ދިމާވެފައިވާ ބިމުގެ ދަތިކަމުގެ މައްސަލަ ހައްލުކޮށްދެއްވާނެ ކަމަށެވެ.

"ކައުންސިލްގެ ރައީސް ވިދާޅުވީ މި ރަށުގެ ބިން ފުރިފައި އޮތް ވާހަކަ، މި ރަށާ ވަރަށް ކައިރީގައި އޮތް، ހިނގާލާފައި ދެވޭ ހިސާބުގައި އޮތް ކެރެއްދޫގެ ވާހަކަ. އިރާދަކުރެއްވިޔާ މި ރަށަށް ބިން ބޮޑުކުރުމަށްޓަކައި މި ރަށާއި ކެރެއްދުއާ ގުޅާލަދޭނަން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދެވަނަ ދައުރަކަށް ހޮވިވަޑައިގެންފި ނަމަ، މި ރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކޮށް، ރަށުގައި ޔޫތް ސެންޓަރެއް ހަދައިދެއްވާނެ ކަމަށެވެ. އަދި އާ ސިއްހީ މަރުކަޒެއް އިމާރާތް ކޮށްދީ ރަށުގެ ސްކޫލުގައި މަލްޓިޕާޕަސް ހޯލެއް ހަދައިދޭނެ ކަމަށްވެސް ވިދާޅުވިއެވެ.