މި އަހަރުގެ ލިވިން އެކްސްޕޯގައި ބޭންކު އޮފް މޯލްޑިވްސް، ބީއެމްއެލް އިސްލާމިކް ލިބެން ހުރި ފައިނޭންސިންގެ ފުރުސަތުތަކާއި ދެމުންދާ ހިދުމަތްތަކާ ބެހޭ މައުލޫމާތު ލިބިގެންދާނެ ކަމަށް އެ ބޭންކުން ބުނެފިއެވެ.
މި އަހަރުގެ ލިވިން އެކްސްޕޯ ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ބުރާސްފަތި ދުވަހުގެ 3:00 ގައެވެ. ލިވިން އެކްސްޕޯ އޮންނާނީ އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހެއްގެ މެންދުރުފަހު 3:00 އިން 6:00 އަށް އަދި ރޭގަނޑު 8:00 އިން 11:00 އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.
ބީއެމްއެލުން މިއަދު ބުނީ އެކްސްޕޯގައި ހުންނަ ބީއެމްއެލް އިސްލާމިކް ސްޓޯލުން ބޭންކުގެ މުވައްޒަފުންނާ ބައްދަލުކޮށް، ފައިނޭންސިން އާ ބެހޭ އެކި މައުލޫމާތު ހޯދުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށެވެ.
ބީއެމްއެލް އިސްލާމިކުން އަންނަނީ ރާއްޖޭގައި ހޯމް ޕާޗޭސް ފައިނޭންސިން ދޫކުރާ އެންމެ ކުޑަ ރޭޓުގައި ފައިނޭންސް ކޮށްދެމުންނެވެ. ބީއެމްއެލް އިސްލާމިކް ހައުސިން ފައިނޭންސިން ފަރުމާކޮށްފައިވަނީ ޝަރުއީ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް އެ ބޭންކުން ބުނެއެވެ.
ބީއެމްއެލުން ވަނީ މިފަހުން ބީއެމްއެލް އިސްލާމިކުން ދޫކުރާ ހޯމް ޕަޗޭސް ފައިނޭންސިންއަށް ފައިސާ އަނބުރާ ދެއްކުމުގެ މުއްދަތު 25 އަހަރަށް އިތުރުކޮށް، ގްރޭސް ޕީރިއަޑް ވެސް 24 މަހާ ހަމައަށް އިތުރުކޮށްފައެވެ. މި ބަދަލާއެކު ގެދޮރު ގަންނަ ފަރާތްތަކަށް ފައިނޭންސިން އަށް ކޮލިފައިވުމުގެ ފުރުސަތު ފަހިވެފައިވާ ކަމަށްވެސް ބީއެމްއެލުން ބުންޏެވެ.