ޓެކާސްއިން އިންތިޒާމުކޮށްގެން ބާއްވަމުންދާ ޓެކާސް ރިސޯޓް ކަޕް 2023 ގެ ކ. އަތޮޅު ދެކުނު މުބާރާތް ހޮނިހިރު ދުވަހު ފަށައިފިއެވެ.
ޓެކާސްއިން މިދިޔަ އަހަރުވެސް ކާމިޔާބު މުބާރާތެއް އެކިއެކި ސަރަހައްދުތަކުގައި ރިސޯޓުތަކަށް ބާއްވާފައިވާ އިރު، ކ. އަތޮޅު ދެކުނު ބިތުގެ ރިސޯޓުތަކަށް އަމާޒުކޮށް ބާއްވާ މުބާރާތް ފެށީ ކްރޮސްރޯޑްސް ގައެވެ.
ކްރޮސްރޯޑްސްގައި ހޮނިހިރު ދުވަހު މުބާރާތް ފެށުމުގެ ގޮތުން ދެމެޗު ކުޅެފައިވާ އިރު، ފުރަތަމަ މެޗުގައި ކްރޮސްރޯޑްސްއިން ނުކުތީ ހާޑް ރޮކް ހޮޓެލް މޯލްޑިވްސްއާ ދެކޮޅަށެވެ. އެ މެޗު 6-2 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ކްރޮސްރޯޑްސް މޯލްޑިވްސްއެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކީ ކްރޮސްރޯޑްސްގެ ނޫހް އިބްރާހީމެވެ.
ހޮނިހިރު ދުވަހުގެ ދެވަނަ މެޗުގައި އޮޒެން ރެސާވް ބޮލިފުށިން ސަން ސިޔާމް އޮޅުވެއްޔާ ދެކޮޅަށް ނުކުމެ، ބޮލިފުށިން މެޗު ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ބޮލިފުށީގެ އިބްރާހިމް ޒާހިދެވެ.
ޓެކާސް ރިސޯޓު ކަޕް 2023ގެ މުބާރާތްތައް މިފަހަރު ހާއްސަކޮށްފައިވާ ސަރަހައްދުތަކަކީ ކާފު އަތޮޅު ދެކުނު ބިތުގެ ރިސޯޓުތަކާއި ކާފު އަތޮޅުގެ އުތުރު ބިތުގެ ރެސޯޓުތަކުގެ އިތުރުން ބ، ޅ، އަދ، ނ، ރ އަދި ދ. އަތޮޅަށެވެ. ކ. އަތޮޅުން ގިނަ ރިސޯޓުތަކެއް މުބާރާތުގައި ބައިވެރިވެފައިވުމާ އެކު އެ އަތޮޅުގެ ރިސޯޓުތައް ދެ ފަޅިއަކަށް ބަހާލައިގެން ދެ މުބާރާތަކަށް ކުރިއަށް ގެންދާ އިރު، ކާފު އަތޮޅު ދެކުނު ބިތުގެ ރިސޯޓުތައް ވާދަކުރާ މުބާރާތް ކުރިއަށް ދާނީ ކްރޮސް ރޯޑްސް މޯލްޑިވްސްގައެވެ. އަދި ކާފު އަތޮޅު އުތުރު ބިތުގެ ރިސޯޓުތައް ވާދަކުރާ މުބާރާތް ބާއްވާނީ ކުރުނބާ މޯލްޑިވްސްގައެވެ.
ނ. އަތޮޅު ރިސޯޓުތައް ވާދަކުރާ މުބާރާތް ސިޔާމް ވޯލްޑްގައި ކުރިއަށް ގެންދަން ނިންމާފައިވާ އިރު، ބ. އަތޮޅު މުބާރާތް ކުރިއަށްދާނީ ރޯޔަލް އައިލެންޑް ރިސޯޓުގައެވެ. މިފަހަރުވެސް އދ. އަތޮޅުގެ މުބާރާތް ކުރިއަށްދާނީ ކޮންޑްރަޑް މޯލްޑިވްސްގައެވެ.
ޓެކާސް ރިސޯޓް ކަޕްގެ ކޮންމެ އަތޮޅެއްގެ ޗެމްޕިއަން އަދި ޒޯނެއްގެ ޗެމްޕިއަނުންނަށް މެޑަލް އަދި ޓްރޮފީ ދޭ އިރު، ކޮންމެ އަތޮޅަކުން ގަދަ ފަސް ކުޅުންތެރިންނާއި އެންމެ އުންމީދީ ކުޅުންތެރިޔާ އަދި އެންމެ މޮޅު ކޯޗު ހޮވާނެއެވެ. މުޅި މުބާރާތުގެ ޗެމްޕިއަން ޓީމަށް 5000 ޑޮލަރުގެ ފައިސާގެ އިނާމެއް ކަނޑައެޅިފައިވާ އިރު، ރަނަރަޕް ޓީމަށް 2500 ޑޮލަރު ލިބޭނެއެވެ.