މި ސަރުކާރުން އިމާރާތްކުރަމުން އަންނަ ފްލެޓު ލިބޭ މީހުންގެ ވަގުތީ ލިސްޓު އާއްމުކޮށް، ގެދޮރުވެރިޔާގެ ސްކީމަށް ޝަރުތުހަމާ އެންމެންނަށް ފެލެޓު ދޭން ސަރުކާރުން މިއަދު ނިންމައިފިއެވެ.

ޕްލޭނިން މިނިސްޓްރީން މިއަދު ހެނދުނު ވަނީ [ދެ ކޮޓަރީގެ އެޕާޓްމެންޓާއި ](https://storage.googleapis.com/gazette.gov.mv/docs/iulaan/140588.pdf) [ތިން ކޮޓަރީގެ އެޕާޓްމެންޓް](https://storage.googleapis.com/gazette.gov.mv/docs/iulaan/140589.pdf) ލިބޭ މީހުން ވަގުތީ ލިސްޓް މިއަދު ވަނީ އާންމުކޮށްފައެވެ. މިނިސްޓްރީން ބުނީ ފްލެޓަށް އެދި ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަކަށްވެސް ފްލެޓް ދޭން ނިންމާފައިވާ ކަމަށެވެ.

މިނިސްޓްރީން ބުނީ ދާއިމީ ލިސްޓް އިއުލާނުކުރުމުގެ ކުރިން ވަގުތީ ލިސްޓްގައި ޝަރުތުހަމަވާ ކަމަށް ކަނޑައަޅާފައިވާ ފަރާތްތަކުން ހުށަހަޅާފައިވާ ފޯމުގައި ދީފައިވާ ދިރިއުޅުމުގެ ހާލަތާ ގުޅޭ މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމުގެ މަސައްކަތް މިނިސްޓްރީން ކުރާނެ ކަމަށެވެ. އަދި ފޯމުގައި ހުށަހަޅާފައިވާ މައުލޫމާތުގެ ސައްހަކަން ކަށަވަރުނުކުރެވޭ ފަރާތްތަކުގެ ފޯމު "ގެދޮރުވެރިން ޕޯޓަލް" އަށް ފޯމު ހުށަހެޅި އިރު، ވެފައިވާ އިގުރާރުގައިވާ ގޮތުގެމަތިން އަމަލު ކުރެވޭނެ ކަމަށް ބުންޏެވެ.

މިނިސްޓްރީން ބުނީ ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކުން "ގެދޮރުވެރިން ޕޯޓަލް" މެދުވެރިކޮށް ޝަކުވާ ހުށަހެޅުއްވުމުގެ އިންތިޒާމު މިއަދުން ފެށިގެން މިމަހުގެ 22 ވަނަ ދުވަހުގެ 23:59 ނިޔަލަށް ހަމަޖެހިފައިވާ ކަމަށެވެ.

މި ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓަށް 20،697 މީހުން ކުރިމަތިލިއެވެ. އެއީ ތިން ކޮޓަރީގެ އެޕާޓްމަންޓަށް 14،489 މީހުން އަދި ދެ ކޮޓަރީގެ އެޕާޓްމަންޓަށް 6،208 މީހުންނެވެ.

މި ސަރުކާރުގެ "ގެދޮރުވެރިޔާ" ޕްރޮޖެކްޓްގެ ދަށުން ހުޅުމާލެ ފޭސް ދޭއްގައި ހަދަމުން އަންނަނީ 4,000 ފްލެޓެވެ. އެ މަސައްކަތް ހަވާލުކޮށްފައި ވަނީ އިންޑިއާގެ ޖޭއެމްސީ އާއި އެންބީސީސީއާ އެވެ. ކޮންމެ ކުންފުންޏަކާވެސް ހަވާލުކޮށްފައި ވަނީ 2,000 ފްލެޓްގެ މަސައްކަތެވެ.

މި މަޝްރޫއުގެ ދަށުން 13 ޓަވަރެއްގެ މަސައްކަތް އެއްކޮށް ނިންމައި, އަންނަ މި މަހުގެ ތެރޭގައި އެ ތަނުގައި މީހުންނަށް ދިރިއުޅެވެން ފެށޭނެ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން މީގެ ކުރިން ވަނީ ބުނެފައެވެ. އެއީ 1,624 ފްލެޓެވެ.

ހަތަަރުހާސް ހައުސިން މަޝްރޫއުގެ ދަށުން 18 ބުރީގެ 32 ޓަވަރު ހަދާއިރު, ކޮންމެ ޓަވަރެއްގައި ތިން ލިފްޓު ހުންނާނެއެވެ. އަދި ކޮންމެ ޓަވަރެއްގައި އަށް ރެސިޑެންޝަލް ޔުނިޓު ހަދާއިރު، އެންމެ ތިރީ ބުރީގައިވެސް ފިހާރަތަކާއެކު ޕާކިންއަށް ޖާގަ ހަދާނެއެވެ. އިމާރާތުގެ ވަށައިގެންވާ ސަރަހައްދުގައިވެސް ޕާކިން ހަދާނެއެވެ.