އެމްޑީޕީން މި އަހަރުގެ ރިޔާސީ އިންތިހާބަށް ތައްޔާރުކުރި "އަމާން ދިވެހިރާއްޖެ" މެނިފެސްޓޯ މިރޭ އިފުތިތާހު ކޮށްފިއެވެ.

އެ މެނިފެސްޓޯ އިފުތިތާހުކޮށްދެއްވީ، ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސުލްޖުލްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ދ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ކުޑަހުވަދޫގައި މިރޭ ބޭއްވި ޖަލްސާގައި އެ މަނިކުފާނެވެ.

އެމްޑީޕީން ބުނި ގޮތުގައި، އެ ޕާޓީގެ މެނިފެސްޓޯ ބަހާފައިވަނީ ފަސް ސިޔާސަތެއްގެ މައްޗަށެވެ. އެއީ:

  • އުފާވެރި ދިރިއުޅުން
  • އަމާން މުޖުތަމައު
  • ޒުވާނުންގެ އާޖީލު
  • އިގުތިސާދީ ބޮޑު ބަދަލު
  • ހެޔޮވެރިކަން

މިރޭ އިފްތިތާހުކޮށްފައިވަނީ އުފާވެރި ދިރިއުޅުމުގެ ސިޔާސަތު އެކަންޏެވެ. އެ ސިޔާސަތުގެ ދަށުން މައިގަނޑު ތިން ބައެއް ހިމަނާފައިވެއެވެ. ދުޅަހެޔޮ ބަދަހި މުޖުތަމައު، އުފެއްދުންތެރި ފުދުންތެރި ޖީލު އަދި ޝާމިލު އޯގާތެރި ރައްޔިތުންނެވެ.

އެއިން ކޮންމެ ބައެއް އަދި ސަބް ބައިތަކަށް ބަހާފައިވެއެވެ. އެގޮތުން ދުޅަހެޔޮ ބަދަހި މުޖުތަމައު ބަހާފައިވަނީ ފަސް ސަބް ބަޔަކަށެވެ. އެއީ:

- ފެންވަރު ކަށަވަރު ސިއްހީ ހިދުމަތަށް އިތުބާރު

- ހަމަނޭވާލެވޭ ބޯހިޔާވަހިކަން

- ރިވެތި އިސްލާމީ ދިރިއުޅުން

- ފަހުރުވެރި ދިވެހި ރައްޔިތެއް

- ޖަމާއަތުގެ ބައިވެރިވުމާއި ބާރުވެރިކަން އަދި އިޖުތިމާއީ ރައްކާތެރިކަން

އުފެއްދުންތެރި ފުދުންތެރި ޖީލު ބަހާފައިވަނީ ތިން ސަބް ބަޔަކަށެވެ. އެއީ:

- މާދަމާގެ މީހާ މިއަދު

- ފެންވަރު ކަށަވަރު މަތީ ތައުލީމާއި ތަމްރީން

- ކުރިއަށް ކުޅިވަރު، ކުރިއަށް ކުޅުންތެރިން

ޝާމިލު އޯގާތެރި ރައްޔިތުން ބަހާފައިވަނީ ހަތަރު ސަބް ބަޔަކަށެވެ. އެއީ:

- އިސްރަށްވެހިންނަށް އިސްކަން

- ބާރުވެރިވުމުގައި އަންހެނުންނަށް ފަހިކަން

- ވަށާލެވޭ ހިމާޔަތާއެކު ކުދިންގެ އަޑު

- މާނަވީ ބައިވެރިވުމުން ގަދަރުވެރި ދިރިއުޅުން

ޖަލްސާގައި ސިޔާސަތާ ގުޅޭ ތަފުސީލު ދެއްވަމުން ސޯޝިއޮލޮޖީގެ ދާއިރާއިން ތައުލީމު ހާސިލުކުރައްވާފައިވާ ޑރ. އައިޝަތު ޝަފީނާ ވިދާޅުވީ މި މެނިފެސްޓޯގައި ހިމެނޭ ސިޔާސަތުތަކަކީ އާންމުންގެ ބައިވެރިވުމާއި މަޝްވަރާ އާއީ ކާމާބެހޭ ފަންނީ މާހިރުންގެ އިރުޝާދާއި ލަފާގެ މަތިން އެކުލަވާލެވުނު ސިޔާސަތުތަކެއް ކަމަށެވެ.

"އަޅުގަނޑުމެން މި ސިޔާސަތުތައް ބައްޓަންކުރުމުގައި އެމްޑީޕީގެ ފަރާތުން ރާއްޖޭގެ ހުރިހާ ރަށަކަށް ދަތުރުކުރި. ހުރިހާ ރައްޔިތުންގެ ބައިވެރިވުމާއި އެ ރައްޔިތުންގެ ބޭނުންވާ ކަންތައްތައް އަޅުގަނޑުމެން އަޑުއެހިން،" އޭނާ ވިދާޅުވިއެވެ.