ދ. ހުޅުދެލިން/ މުހައްމަދު އިޝާން (ވަން އޮންލައިން)

އަންނަ މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އެހެން ކެންޑިޑޭޓުން ރައްޔިތުންނަށް ވާނެ އިތުރު ވައުދެއް ނެތް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް މި ރަށަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެ މަނިކުފާނު ވެވަޑައިގެންނެވި ވައުދުތަކުގެ 90 ޕަސެންޓް މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. އެހެންކަމުން މިއީ އެންމެ ކާމިޔާބު ސަރުކާރު ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ފާއިތުވި ސަރުކާރުތަކުން ތައުލީމީ ދާއިރާއަށާއި ސިއްހީ ދާއިރާއަށް އިހުމާލުވެފައިވާ ކަމަށެވެ. ނަމަވެސް މި ސަރުކާރުން 1،500 އަށްވުރެ ގިނަ ކްލާސްރޫމު އަދި މަލްޓިޕާޕާސް ހޯލު ހަދައި، ހިލޭ ޑިގްރީ ސްކީމު ތައާރަފުކޮށް ތައުލީމަށް ވެފައިވާ އިހުމާލު މާޒީކޮށްފައިވާއިރު، 50 އަށްވުރެ ގިނަ ރަށްރަށުގެ ސިއްހީ މަރުކަޒު ތަރައްގީ ކޮށްފައިވާނެ ކަމަށްވެސް ވިދާޅުވިއެވެ.

އިތުރު ދައުރަށް އިންތިހާބުވެއްޖެ ނަމަ ހުޅުދެއްޔަށް ކޮށްދެއްވާނެ ކަންކަން ހާމަކުރައްވަމުން ރައީސް ވިދާޅުވީ، މި ރަށުގައި އޭޓީއެމްއަކާއި ސްޕޯޓްސް ފިޝީން ކަނދުފައްޗެއް އަދި އައިސްޕްލާޓް ނިޒާމެއް ގާއިމުކޮށްދެއްވާނެ ކަމަށެވެ. އަދި ރަށުތައް މަގުތަކުގައި ތާރު އަޅައި، ސިއްހީ މަރުކަޒު ތަރައްގީކޮށް، ކައުންސިލްގެ އާ އިމާރަތް ހަދައިދެއްވާނެ ކަމަށްވެސް ވައުދުވިއެވެ.

ރައީސް ވިދާޅުވީ ކޯލިޝަނަކާއެކު އިންތިހާބުގައި ވާދަކުރަނީ ހަމައެކަނި އެ މަނިކުފާނު ކަމަށާއި ކޯލިޝަންގައި ތިބީ ރައްޔިތުންނަށް ހިދުމަތް ކުރަން ބޭނުންވާ މީހުން ކަމަށެވެ.