ކުރިއަށް އޮތް ރިޔާސި އިންތިހާބުގައި އަމިއްލަގޮތުން ވާދަކުރެއްވުމަށް ޑިފެންސް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒަމީލް ފޯމު ހުށަހަޅުއްވައިފައެވެ.

ޒަމީލް ވަނީ ރަނިންމޭޓާއެކު މިއަދު ދަރުބާރުގެއަށް ވަޑައިގެން، އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް ފުއާދު ތައުފީގަށް ކެންޑިޑެސީ ފޯމު އަރުވައިފައެވެ. އޭނާގެ ރަނިމޭޓަކަށް އަނބިކަނބަލުން މަރިޔަމް އަލީމް ހަމަޖެއްސެވި އިރު، އިންތިހާބީ އެޖެންޓަަކަށް ހަމަޖައްސަވާފައިވަނީ ދަރިކަލުން އަހުމަދު މަހުރާން ޒަމީލެވެ.

އަންނަ މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި އަމިއްލަގޮތުން ވާދަކުރައްވާ ޒަމީލަކީ ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމުގެ މަގާމުން ދާދިފަހުން އިސްތިއުފާދެއްވި ބޭފުޅެކެވެ. އޭނާ ވަނީ ޓޫރިޒަަމް މިނިސްޓްރީގެ އިސް މަގާމުތަކެއް ވެސް ފުރުއްވައިފައެވެ. އަދި ޒަމީލްގެ ރަނިންމޭޓަކަށް ހަމަޖެއްސެވި، އޭނާގެ އަނބިކަނބަލުން އަލީމް އަކީ ވެސް ސަރުކާރުގެ އިސް މަގާމުތަކެއް ފުރުއްވާފައިވާ ބޭކަނބަލެކެވެ.

މިއީ ރާއްޖޭގެ ތާރީހުގައި ރަނިންމޭޓް ދެމަފިރިއަކު ރިޔާސީ އިންތިހާބުގައި ވާދަކުރާ ފުރަތަމަ ފަހަރެވެ. އަދި މިއީ އެޖެންޓަކަށް ވެސް ކެންޑިޑޭޓްގެ ދަރިއަކު ފެނިގެންދާ ފުރަތަމަ ފަހަރަށް ވެގެންދާނެއެވެ.

މިއީ ރަނިންމޭޓެއްގެ ގޮތުގައި ރިޔާސީ އިންތިހާބުގައި އަންހެނަކު ފެނިގެންދާނެ ދެވަނަ ފަހަރެވެ. އެންމެ ފުރަތަަމަ ރަނިންމޭޓަކަށް އަންހެނަކު ހަމަޖައްސަވާފައިވަނީ، 2008ގެ ރިޔާސީ އިންތިހާބުގައި އިބްރާހިމް އިސްމާއީލް (އިބުރާ) އެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު މިއަދު މެންދުރުފަހު 2:00 ގައި ހަމަވާނެއެވެ. މިހާތަނަށް އީސީން ވަނީ އެމްޑީޕީގެ ކެންޑިޑޭޓު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްއެންޕީގެ ކެންޑިޑޭޓް ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް އަދި ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓް، ހުޅުދޫ ދާއިރާގެ މަޖިލިސް މެންބަރުގެ ކެންޑިޑެސީ ބަލައިގެންފައެވެ.

އެ ބޭފުޅުންގެ އިތުރުން ދެން އިންތިހާބަށް ކުރިމަތިލައްވާފައިވަނީ ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް، އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި ޕީއެންސީގެ ކެންޑިޑޭޓް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އަދި އަމިއްލަގޮތުން ވާދަކުރެއްވި އެމްއާރުއެމްގެ ރައީސް ފާރިސް މައުމޫނާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ޑިފެންސް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒަމީލެވެ. އެބޭފުޅުން އީސީއަށް ފޯމު ހުށަހަޅުއްވާފައިވަނީ މިއަދުއެވެ.