ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައިގެން އުފެއްދެވި ސިޔާސީ ޕާޓީ، ދަ ޑިމޮކްރެޓްސްގެ ފަރާތުން، ކުރިއަށްއޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ހުޅުދޫ ދާއިރާގެ މަޖިލިސް މެންބަރު އިލްޔާސް ލަބީބުގެ ކެންޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބަލައިގެންފިއެވެ.
އަންނަ މަހުގެ ނުވަވަނަ ދުވަހު ބާއްވާ އިންތިހާބުގައި ވާދަކުރެއްވުމަށް އިލްޔާސް ފޯމު ހުށަހެޅުއްވީ އިއްޔެއެވެ. އޭނާގެ ރަނިންމޭޓަކަށް ހަމަޖައްސާފައިވަނީ އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމުރުއެވެ.
އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ ފޯމުުގައިވާ މައުލޫމާތުތައް ބެލުމަށްފަހު، ގާނޫނުގައިވާ ގޮތުގެ މަތިން އިލްޔާސް ލަބީބު، ރިޔާސީ އިންތިހާބަށް ޝަރުތު ހަމަވާ ބޭފުޅެއް ކަމަށް އެ ކޮމިޝަނުން މިއަދު ހެނދުނު ބަލައިގެންފައިވާ ކަމަށެވެ.
އިލްޔާސްގެ ފޯމު ކުރިން ފާސްވެފައި ނުވަނީ، އޭނާގެ އިންތިހާބީ އެޖެންޓު ފާތިމަތު ނިއުމާގެ މައްޗަށް ހުކުމްކޮށްފައި އޮތް ސާބިތު ދަރަންޏެއް ދައްކައި ހަލާސްކުރިކަން އެނގެން ނެތުމުންނެވެ. ފަހުން ޑިމޮކްރެޓްސް އިން ވަނީ އެ ލިޔުންތައް އީސީއަށް ފޯރުކޮށްދީފައެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު މިއަދު މެންދުރުފަހު 2:00 ގައި ހަމަވާނެއެވެ. އިލްޔާސްގެ އިތުރުން އެމްޑީޕީގެ ކެންޑިޑޭޓު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްއެންޕީގެ ކެންޑިޑޭޓް ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމްގެ ކެންޑިޑެސީ ވެސް އީސީން ވަނީ ބަލައިގެންފައެވެ.
އެ ބޭފުޅުންގެ އިތުރުން ދެން އިންތިހާބަށް ކުރިމަތިލައްވާފައިވަނީ ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް، އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި ޕީއެންސީގެ ކެންޑިޑޭޓް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އަދި އަމިއްލަގޮތުން ވާދަކުރެއްވި އެމްއާރުއެމްގެ ރައީސް ފާރިސް މައުމޫނާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ޑިފެންސް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒަމީލެވެ. އެބޭފުޅުން އީސީއަށް ފޯމު ހުށަހަޅުއްވާފައިވަނީ މިއަދުއެވެ.
ޚަބަރު
ޚަބަރު
ޚަބަރު