އަންނަ މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު މާދަމާ މެންދުރުފަހު 2:00ގައި ހަމަވާނެތީ، ވަގުތު އޮއްވާ އިންތިހާބީ ފޯމު ހުށަހެޅުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އެދެފިއެވެ.

އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އިންތިހާބީ ފޯމު ހުށަހަޅަން އެންމެ ފަހު ވަގުތަށް މަޑުކޮށްފި ނަމަ، އެޕްލިކޭޝަން ފުރިހަމަ ނުވާ ހާލަތެއް ދިމާވެއްޖެ ހިނދެއްގައި، މާދަމާގެ މެންދުރުފަހު 2:00ގެ ފަހުން އިތުރު އެއްވެސް އެއްޗެއް އެ ކޮމިޝަނަށް ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ކަމަށެވެ. އެހެންކަމުން ވަގުތު އޮއްވާ ފޯމު ހުށަހެޅުއްވުމަށް އެދިވަޑައިގެންނެވިއެވެ.

ހަބީބުގެ ޓުވީޓުގައި އިތުރަށް ވިދާޅުވީ، އިންތިހާބީ ފޯމު ހުށަހެޅުމުގެ ކުރިން ފޯމުގައިވާ ހުރިހާ މައުލޫމާތެއް ފުރިހަމަތޯ ޗެކު ލިސްޓާ އަޅާ ކިޔުން މުހިންމު ކަމަށެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް މިހާތަނަށް ފޯމު ހުށަހަޅާފައި ވަނީ އެމްޑީޕީގެ ކެންޑިޑޭޓް އަދި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި އެމްއެެންޕީގެ ކެންޑިޑޭޓް މުހައްމަދު ނާޒިމްއާއި ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބާއި ޕީޕީއެމްގެ ކެންޑިޑޭޓް ކުރީގެ ރައީސް އަބްދުﷲ ޔާމީނެވެ. ނަމަވެސް ޔާމީންގެ ފޯމު އީސީން ބަލައިގެންފައެއް ނުވެއެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް އިއުލާން ކުރައްވާފައިވާ ކެންޑިޑޭޓުންގެ ތެރެއިން ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް ގާސިމް އިބްރާހިމާއި އަމިއްލަ ގޮތުން ވާދަކުރެއްވުމަށް ނިންމާފައިވާ ފާރިސް މައުމޫނާއި ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒާއި އުމަރު ނަސީރު އަދި ފޯމު ހުށަހަޅުއްވާފައެއް ނުވެއެވެ.