އަންނަ މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރިޔާސީ ކެނޑިޑޭޓް މުހައްމަދު ނާޒިމްގެ ކެންޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހަޅައިފިއެވެ.

އީސީގެ ރިޔާސީ އިންތިހާބާ ބެހޭ މައި މަރުކަޒު، ދަރުބާރުގޭގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ނާޒިމްގެ ކެންޑިޑެސީ ފޯމާ އީސީގެ ފަރާތުން ހަވާލުވެވަޑައިގެންނެވީ އެ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގެވެ.

މި ރަސްމިއްޔާތުގައި ނާޒިމްގެ ރަނިންމޭޓް ޑރ. އަހުމަދު އަދީލް ނަސީރާއި އެމްއެންޕީގެ ދެ ނައިބު ރައީސުން ކަމަށްވާ ތިމަރަފުށީ ދާއިރާ މެންބަރު އަބްދުﷲ ރިޔާޒު އާއި ވިލިމާލެ ދާއިރާ މެންބަރު އަހުމަދު އުޝާމްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ނާޒިމްގެ ކެންޑިޑެސީ ފޯމު ހުށަހަޅާފައިވާ އިރު، މިއަދު ވަނީ ދެވަނަ ދައުރަކަށް ވާދަކުރެއްވުމަށް އެމްޑީޕީގެ ކެންޑިޑޭޓު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެންޑިޑެސީ ފޯމުވެސް އީސީއަށް ހުށަހަޅައިފައެވެ.

ރައީސް ސޯލިހުގެ ކެންޑިޑެސީ ފޯމު އީސީގެ ރައީސް ފުއާދު ތައުފީގާ ހަވާލުކޮށްދެއްވީ، ރައީސް ސޯލިހުގެ އިންތިހާބީ އެޖެންޓް، ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒްއެވެ.

މީގެ އިތުރުން ދަ ޑިމޮކްރެޓްސްގެ ފަރާތުން އިންތިހާބުގައި ވާދަކުރައްވާ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބުގެ ކެންޑިޑެސީ ފޯމް މިއަދު 1:00 ގައި އީސީއަށް ހުށަހަޅަން ވަނީ ނިންމައިފައެވެ.

މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް އެންމެ ފުރަތަމަ ކެންޑިޑެސީ ފޯމު ހުށަހެޅީ އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، ކުރީގެ ރައީސް އަބްދުﷲ ޔާމީނެވެ. ނަމަވެސް އެމަނިކުފާނުގެ ޝަރުތު ފުރިހަމަ ނުވާ ކަމަށް ބުނެ، އެ މަނިކުފާނުގެ ކެންޑިޑެސީ ފޯމު އީސީން ވަނީ ބަލައިނުގަތުމަށް ނިންމައިފައެވެ.

އެހެންވެ އެ މައްސަލަ ރައީސް ޔާމީންގެ ފަރާތްޕުޅުން ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅައިފައެވެ. އެގޮތުން ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ އިއްތިފާގުން މިއަދު ހުކުމް ކުރީ ޔާމީންގެ ކެންޑިޑެސީ ބަލައި ނުގަތުމަށް އީސީން ނިންމީ ރަނގަޅަށް ކަމަށެވެ.

ޔާމީނަށް ކުރިމަތިނުލެއްވޭ ހާލަތެއްގައި ޕީޕީއެމް ކޯލިޝަންގައި ހިމެނޭ ޕީއެންސީން ވަނީ ބަދަލު ކެންޑިޑޭޓެއްގެ ގޮތުގައި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ހޮވައިފައެވެ. ނަމަވެސް ޕީޕީއެމުން ވަނީ މުއިއްޒަކީ އެޕާޓީގެ ކެނޑިޑޭޓް ކަމަށް ނިންމާފައިނުވާނެ ކަމަށާއި މުއިއްޒަށް ތާއީދުކުރަން އެޕާޓީން އަދި ނިންމާފައިނުވާ ކަމަށް ބުނެފައެވެ.