އަންނަ މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) އާއި ދަ ޑިމޮކްރެޓްސް ގުޅިގެން އެއް ކެންޑިޑޭޓަކު ނެރުމުގެ މަޝްވަރާތައް ފަށަައިފިއެވެ.

އެމްޑީޕީގެ ކުރީގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައި އުފައްދަވާފައިވާ ޑިމޮކްރެޓްސްގެ އިސް ބައެއް ބޭފުޅުން މިއަދު ވަނީ ކުނޫޒްގައި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމާ ބައްދަލުކުރައްވައިފައެވެ.

އެނގިފައިވާ ގޮތުގައި އެ މަޝްވަރާ ބައްދަލުވުމުގައި ޑިމޮކްރެސްޓްގެ ފަރާތުން ބައިވެރިވެވަޑައިގަތީ އެމްޑީޕީގެ ކުރީގެ ނައިބު ރައީސް މުހައްމަދު ޝިފާޒާއި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އަދި އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރެވެ.

އެ ބައްދަލުވުމާ ގުޅޭ ގޮތުން މައުލޫމާތު ހޯދުމަށް "ވަން" އިން އަލީ އާޒިމް އާއި އަމްރަށް ގުޅުމުން ފޯނަށް ޖަވާބު ދެއްވާފައިނުވާތީ ޑިމޮކްރެޓްސްގެ ބަހެއް ލިބިފައެއް ނުވެއެވެ. މި ބައްދަލުވުމާ ގުޅޭ ގޮތުން ޖޭޕީގެ ރަސްމީ ބަހެއްވެސް ލިބިފައެއް ނުވެއެވެ.

ޑިމޮކްރެޓްސް އުފެދުމުގެ ކުރިންވެސް ނަޝީދުގެ "ފިކުރެއްގެ ދިރުމުގެ" ބޭފުޅުން ޖޭޕީއާ އެކު މަޝްވަރާތަކެއް ކޮށްފައިވެއެވެ. ނަމަވެސް އެ މަޝްވަރާތައް ކޮޅެއްގައި ނުޖެހި ވަނީ މެދުކެނޑިފައެވެ. ނަމަވެސް އެއްކެންޑިޑޭޓަކު ނެރުމުގެ މަޝްވަރާ ބައްދަލުވުމެއް ގާސިމް އިސްނަންގަވައިގެން މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން ޑިމޮކްރެޓްސް އާއި އެމްއެންޕީ އަދި ޖޭޕީން ކުރިއެވެ. އެ ބައްދަލުވުމުގައިވެސް ވަނީ އެއްބަސްވެވޭ އެއް ކެންޑިޑޭޓަކު ނެރުމަށް އެއްބަސްވެފައެވެ.

ޖޭޕީގެ އޮފިޝަލަކު "ވަން" އަށް މިރޭ ވިދާޅުވީ، ޖޭޕީން އެހެން ޕާޓީއެއްގެ ފަހަތަށް ނާރާނެ ކަމަށެވެ. އަދި އެހެން ޕާޓީތަކަށް ޖޭޕީގެ ފަހަތަަށް އެރުމަށް ފުރުސަތު އޮތް ކަމަށްވެސް ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބަށް ޖޭޕީ އާއި ޑިމޮކްރެޓްސް ގުޅިގެން ކުރިއަށް ދިއުމުގެ މަޝްވަރާތައް ފެށިއިރު، ދެ ޕާޓީގެ ވެސް ރިޔާސީ ކެންޑިޑޭޓުން ވަނީ ކަނޑައަޅައިފަ އެވެ. އެގޮތުން ޑިމޮކްރެޓްސްގެ ކެންޑިޑޭޓަކީ ހުޅުދޫ ދާއިރާގެ މެމްވަރު އިލްޔާސް ލަބީބެވެ.