އަންނަ މަހުގެ ނުވަވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓު ލުމަށް ރެޖިސްޓްރީ ވުމުގެ މުއްދަތު މިރޭ 10:00 އަށް އިތުރުކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ކުރި ޓްވީޓެއްގައި ބުނީ ރީ-ރެޖިސްޓްރޭޝަންގެ މުއްދަތު މިރޭ 10:00 އާ ހަމައަށް އިތުރުކުރެވިފައިވާ ކަމަށެވެ. އަދި އެ ވަގުތާ ހަމައަށް ނަންބަރު ދޫކުރާނެ ކަމަށް ވެސް އިލެކްޝަނުން ވަނީ ބުނެފައެވެ.

ކުރިން ރީ-ރެޖިސްޓްރޭޝަންގެ މުއްދަތު ދީފައިވަނީ މިއަދު ހަވީރު 4:00އާ ހަމައަށެވެ.

އިއްޔެ އެކަނިވެސް 1500 އަށްވުރެ ގިނަ މީހުން ރީރަޖިސްޓާވުމަށް ފޯމު ހުށަހަޅާފައިވާ އިރު، ރީރަޖިސްޓްރޭޝަނަށް ލިބޭ ތަރުހީބު ކުޑަކަމަށްބުނެ އިލެކްޝަނުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މި ފަހަރުގެ އިންތިހާބުގައި އޮންލައިންކޮށް ރީރަޖިސްޓަރީކުރުމުގެ ފުރުސަތު އޮގަސްޓު ދޭކަށް ހަމަވި އިރު، މިހާރު ރީރަޖިސްޓަރީ ކުރެވެނީ ފޯމު ހުށަހަޅައިގެންނެވެ.

އަންނަ މަހުގެ ނުވަ ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ވޯޓުލުމަށް ރީރަޖިސްޓަރީ ކުރި މީހުންގެ އަދަދު، 2018 ވަނަ އަހަރުގެ އިންތިހާބާ އަޅައި ބަލާއިރު މަދެވެ. ނަމަވެސް މި ފަހަރު ވޯޓުލެވޭ މީހުންގެ އަދަދު 282،395 އަށް ވަނީ އިތުރުވެފައެވެ.