އަންނަ މަހުގެ ނުވަވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓު ލުމަށް ރެޖިސްޓްރީ ވުމުގެ މުއްދަތު މިއަދަށް ހަމަވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
އިއްޔެ އެކަނިވެސް 1500 އަށްވުރެ ގިނަ މީހުން ރީރަޖިސްޓާވުމަށް ފޯމު ހުށަހަޅާފައިވާ އިރު، މިއަދު ހަވީރު 4:00 އަށް ރީރަޖިސްޓްރޭޝަން މުއްދަތު ހަމަވާނެއެވެ.
ރީރަޖިސްޓްރޭޝަންގެ މުއްދަތު އިތުރުކުރުމާ ގުޅޭ ގޮތުން "ވަން އޮންލައިން" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ، އެ މުއްދަތު އިތުރު ނުކުރާނެ ކަމަށެވެ. ރީރަޖިސްޓްރޭޝަންގެ މުއްދަތު އިތުރުނުކުރާން ނިންމާފައިވަނީ އިންތިހާބާ ގުޅޭ އެހެނިހެން ކަންކަމަށް ބުރޫ އަރާފާނެތީ ކަމަށް އޭނާ ވިދާޅުވިއެވެ.
މި ފަހަރުގެ އިންތިހާބުގައި އޮންލައިންކޮށް ރީރަޖިސްޓަރީކުރުމުގެ ފުރުސަތު އޮގަސްޓު ދޭކަށް ހަމަވި އިރު، އެކަމަށް އެންމެ އެދެވޭ ތަރުހީބު ލިބިފައިނުވާކަން އިލެކްޝަނުން ވަނީ ފާހަގަކޮށްފައެވެ.
އަންނަ މަހުގެ ނުވަ ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ވޯޓުލުމަށް ރީރަޖިސްޓަރީ ކުރި މީހުންގެ އަދަދު، 2018 ވަނަ އަހަރުގެ އިންތިހާބާ އަޅައި ބަލާއިރު މަދުކަމަށް އިލެކްޝަނުން ވަނީ ބުނެފައެވެ. އެހެންނަމަވެސް، އެ ފަހަރު މާލެއަށް ރީރަޖިސްޓަރީ ކުރި މީހުން މި އަހަރުގެ އިންތިހާބަށް އަލުން ރީރަޖިސްޓާ ކުރަން ނުޖެހުމުން، މި އަދަދު މަދުވާނެ ކަމަށް ބެލެވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު