މަތިވެރި އަހުލާގުގެ ވެރިޔާ، އޭނާގެ ފަސްބައި ހަޑިހުތުރު އަމަލުތަކުން ކިލާކުރާކަށް ބޭނުމެއް ނުވާނެ ކަމަށާއި ރިވެތި އަހުލާގުގެ ވެރިއަކަށް ވެވޭނީ ރަނގަޅު އެކުވެރީންނާއެކު އުޅެ، ރަނގަޅު މަޖިލިސްތަކަށް ގޮސްގެން ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.
"ހެޔޮކަމުގެ ތަޅުދަނޑި" މި މައުޟޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ، ކީރިތި ރަސޫލާ މީސްތަކުން ބައްސަވާފައިވަނީ ދެ ބަޔަކަށް ކަމަށާއި އެއް ބަޔަކީ ހެޔޮ ކަންކަމަށް ގޮވާލާ އަދި ނުބައި ކަންކަން މަނާކުރާ މީހުން ކަމަށާއި އަނެއް ބަޔަކީ ނުބައި ކަންކަމަށް ގޮވާލައި ހެޔޮ ކަންކަން މަނާކުރާ މީހުން ކަމަށެވެ.
އެގޮތުން ހެޔޮ ކަންކަމަށް ގޮވާލާ މީހަކަށްވުމަށްޓަކައި ކުރަންޖެހޭ ކަންތައްތަކުގެ ތެރެއިން ފުރަތަމަ ކަމަކީ ތިމާގެ އަމަލުތަކާއި ބަސްތަކުގައި ﷲއަށް އިހުލާސްތެރިވެ، ތިމާކުރާ ކޮންމެ އަމަލެއް ބުނާ ކޮންމެ ބަހެއް މާތް ﷲ އަށް ހާސިލު ކުރުން ކަމަށް ބުންޏެވެ.
އަދި މާތް ﷲ އަށް ހާސިލު ނުކުރާ އެއްވެސް އަމަލެއް ﷲ ގަބޫލުފުޅު ނުކުރައްވާނެ ކަމަށާއި ﷲ އަށް އިހުލާސްތެރިވާ މީހުން ނުބައި މަގުން އެއްކިބާ ކުރައްވާނެ ކަމަށްވެސް ހުތުބާގައި ބުންޏެވެ.
ހުތުބާގައި ބުނީ، ހެޔޮ ކަންތަކުގެ ތަޅުދަނޑިއަކަށް ވެވޭނީ މާތް ﷲ ފަރްޟު ކުރައްވާފައިވާ ނަމާދުތަކާއި ދީނުގެ އެހެނިހެން ފަރްޟުތަކާއި ވާޖިބުތައް ބަރާބަރަށް އަދާކޮށް، މުންކަރާތްތަކާއި ފާހިޝް އަމަލުތަކާ ދުރުހެލިވެގެން ކަމަށެވެ.
ހެޔޮކަމުގެ ތަޅުދަނޑިއަކަށް ވާން އެދޭ މީހާ، މަތިވެރި އަހުލާގުގެ ވެރިއަކަށްވާން ޖެހޭނެކަން ފާހަގަކޮށް ހުތުބާގައި ބުނީ މާތް ﷲގެ އަމުރުފުޅުތަކާ އެއްގޮތަށް އަމަލުކޮށް، އެކަލާނގެއަށް ވެފައިވާ އަހުދަށް ވަފާތެރިވާ މީހާ، ހެޔޮކަމުގެ ތަޅުދަނޑިއެއް ކަމުގައި ލައްވައި، ނުބައި ކަމުގެ ތަޅެއްކަމުގައި ލައްވާނެ ކަމަށާއި އެފަދަ މީހާއަށް މާތް ﷲ ދެއްވާނީ ހެޔޮކަމުގެ ހުރިހާ ދޮރުތަކެއް ހުޅުވައިލެވޭ މައި ތަޅުދަނޑިއެއް ކަމަށެވެ.
އަދި ހެޔޮކަމުގެ ތަޅުދަނޑި އަކަށް ވާން އެދޭ މީހާ، އެހެން މީހުންނަށް ހެޔޮ ކަންކަމަށް ނަސޭހަތްދީ، ތެދު މަގު ދައްކައި އުޅޭ މީހަކަށް ވާންޖެހޭނެ ކަމަށާއި މީހުންނަށް ހެޔޮ ނަސޭހަތްދޭ ބަޔަކަށް އަހަރެމެން ވެއްޖެ ނަމަ، އަހަރެމެންގެ ތެރޭގައި ހެޔޮ އަމަލުތައް އާންމުވާނެ ކަމަށްވެސް ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު