ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވިއްޖެ ކަމަށް ކަނޑައަޅާ 51 ޕަސެންޓް އުވާލައި، އެންމެ ގިނަ ވޯޓް ލިބޭ ކެންޑިޑޭޓަކީ އިންތިހާބު މޮޅުވާ ކެންޑިޑޭޓް ކަނޑައަޅާ ގޮތަށް ނިޒާމު ބަދަލުވާންޖެހޭ ކަމަށް މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް)ގެ ރައީސް އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ފާރިސް މައުމޫން ވިދާޅުވެއްޖެއެވެ.

ސީއެންއެމްގެ "2023" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ފާރިސް ރޭ ވިދާޅުވީ، އެކަން އެގޮތަށް އޮތުމުން ވަރަށް ގިނަ ވަގުތު ބޭކަރުވެގެންދާ ކަމަށެވެ. އަދި ވެރިކަމަށް އަންނަން ކޯލިޝަން ހަދަން މަޖޫބުރުވަނީ 51 ޕަސެންޓް ހޯދަން ޖެހެތީ ކަމަށާއި ނަމަވެސް އެ ކޯލިޝަނަކީ އެއްވެސް ބުރަދަނެއް ހުރި ކޯލިޝަނަކަށް އެކަމުގެ ސަބަބުން ނުވާ ކަމަށް ވިދާޅުވިއެވެ.

ފާރިސް ވިދާޅުވީ ރާއްޖެފަދަ ގައުމަކަށް ކޯލިޝަން ހަަދައިގެން ވެރިކަމަށް އައުމަކީ ކުރަންޖެހޭވަރު ކަމެއް ނޫން ކަމަށެވެ.

"މި ދެންނެވި ހިސާބަށް (51 ޕަސެންޓަށް) އެރުމަށްޓަކާ އެބަޖެހޭ ކޮންމެވެސް ބަޔަކާ ގުޅެން. ދަނޑިފަނުން މި ހަރުކޮށްގެން ކިރިޔަ ކިރިޔަ އައިސް އެ ބޭނުންވާ މާކަށްވުރެ މައްޗަށް މި އަންނަނީ. ހަމަ މަތީގައި އަތްލާ ތަނުން އަނެއް ދުވަހު މީތި އެބަ ރޫޅެން ފަށާ، ހަމަ ކުނޑިކުނޑި ވެގެން ފައިބަން ފަށާ. އެހެންވީމާ މި ނޫން ހާލަތެއް ރާއްޖެއަށް ގެންނަންޖެހޭ. މީ ގާނޫނޫއަސާސީ އިސްލާހު ކޮށްގެން ކުރެވޭނެ ކަމެއް. އަޅުގަނޑުމެންގެ މި ފުރިހަމަ ރިޔާސީ ނިޒާމު އޮތް ކަމަށް ވަންޏާ އަދި އުފެދޭ ސަރުކާރަކީ ވަރަށް ބާރުގަދަ ކަންތައްތަކެއް ރައްޔިތުންގެ ހައްގުގަ ތަންފީޒު ކުރެވޭ ވަރުގެ ބަޔަކަށް ހަދަން ބޭނުންކަމަށް ވަންޏާ ގާނޫނުއަސާސީ ވަރަށް މުހިންމު ބަދަލުތަކެއް ގެންނަން އެބަ ޖެހޭ" ފާރިސް ވިދާޅުވިއެވެ.

ފާރިސް ވިދާޅުވި ގޮތުގައި، ރާއްޖެއަށް އެންމެ ކަމުދަނީ ރިޔާސީ ނިޒާމެވެ. ނަމަވެސް 51 ޕަސެންޓް ހޯދަންޖެހުން ރިވިއުކުރަންޖެހޭ ކަމަށާއި ފްލޯ ޕަސެންޓޭޖެއް ހެދުން ނުވަތަ އެންމެ ގިނަ ވޯޓު ލިބޭ ކެންޑިޑޭޓަކީ އިންތިހާބު ކާމިޔާބުވާ ކެންޑިޑޭޓް ކަމަށް ކަނޑައެޅުމަކީ އިންތިޒާމުތައް އަވަސްވެފައި، ރައްޔިތުންނަށްވެސް ގޮތް ނިންމަން ފަސޭހަވާނެ ގޮތެއް ކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެމްއާރްއެމަށް އިންތިހާބު ކާމިޔާބު ކުރެވިއްޖެ ނަމަ އެ ޕާޓީގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހަށް ވާދަކުރުމުގެ ޓިކެޓު ދޭނީ ޕާޓީގެ ސިޔާސަތަށް ތާއިދުކުރުމަށް އިގުރާރެއްގައި ސޮއިކުރުމުން ކަމަށެވެ. އަދި އެމްއާރްއެމްގެ ވެރިކަމެއްގައި ރާއްޖެއަށް ޑިޖިޓަލް ބޭންކާއި ޑިޖިޓަލް ވޮލެޓު ތައާރަފުކުރާނެ ކަމަށާއި އެކަން ކުރުމަށް ގާނޫނަށް ބަދަލުތަކެއް ގެނެސް އާ ގާނޫނެއް އެކުލަވާލަން ޖެހޭނެ ކަމަށާއި ޕާޓީގެ ސިޔާސަތަށް ތާއިދުކުރާ އިގުރާރެއްގައި ސޮއިކުރަން ޖެހޭނީ އެހެންވެގެން ކަމަށް ވިދާޅުވިއެވެ.

ފާރިސް ވިދާޅުވީ އޭނާގެ ރަނިންމޭޓު ކަނޑައެޅުމުގެ މަޝްވަރާތައް ކުރަމުންދާ ކަމަށާއި ކުރިއަށް 48 ގަޑިއިރުގެ ތެރޭގައި ރަނިންމޭޓަކު ކަނޑައަޅާނެ ކަމަށެވެ. އަދި އެ މަގާމަށް ހަމަޖައްސާނީ ރައްޔިތުންގެ މެދުގައި މަގުބޫލު އަދި ތެދުވެރި ބޭފުޅެއް ކަމަށާއި އިތުބާރު ގެއްލިފައިވާ މީހެއް އެ މަގާމަށް ހަމަޖައްސަން ބޭނުން ނުވާ ކަމަށްވެސް ވިދާޅުވިއެވެ.

"ރައްޔިތުންގެ މެދުގައި މަގުބޫލު، އަޅުގަނޑުމެން އެކަނިކުރާ މަސައްކަތަށްވުރެ އިތުރު ވޯޓެއްވެސް އަޅުގަނޑުމެންނާ އެކީގައި ގެނެސްދެވޭ އަދި އުފެދޭ ސަރުކާރެއްގެ އެކަށީގެންވާ ޒިންމާދާރު، އިހުލާސްތެރި، މަސައްކަތެއް ކޮށްދެވޭ ފެންވަރުގެ ބޭފުޅެއް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ނަގާނީ،" ފާރިސް ވިދާޅުވިއެވެ.