އއ. މާޅޮސް ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ބޮޑުބައެއް ނިންމާލައިފިއެވެ.
އެ މަސައްކަތްކުރާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ) އިން މިއަދު ބުނީ މާޅޮސް ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ 80 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށާއި މިހާރު ކުރިއަށްގެންދަނީ އެ ރަށުގެ ބަނދަރު ޖެޓީ ހެދުމާއި ހާބަރު ޕޭވްމަންޓް ހެދުމުގެ މަސައްކަތް ކަމަށެވެ.
އެ މަޝްރޫއުގެ ދަށުން މާޅޮހު ބަނދަރުގައި 20,049 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އާ ހާބަރު ބޭސިން ފުންކުރުމާއި، 1,969 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުން ހިމެނެއެވެ. އޭގެ އިތުރުން 2,317 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ކުރީގެ ހާބަރު ބޭސިން ފުންކުރުމާއި، 407 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމުގެ މަސައްކަތް ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މާޅޮހު ބަނދަރުގައި 400 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، 170 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 56 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމަށް ހަމަޖެހިފައިވެސް ވެއެވެ. އަދި ބަނދަރުގައި ރޭމްޕެއް ހެދުމާއި، ޖެޓީއެއް ހެދުމާއި، 2،240 އަކަ މީޓަރުގެ ސަރަހައްދެއްގައި ހާބަރު ޕޭވްމަންޓް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް ހިމެނެއެވެ.
މާޅޮސް ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހު 63.25 މިލިއަން ރުފިޔާއަށެވެ. އެ ރަށުގައި މިހާރު ހަދާފައިވާ ބަނދަރަކީ 2006 ވަނަ އަހަރު ހަދާފައިވާ ބަނދަރެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު