ޕީއެންސީގެ ރިޔާސީ ޓިކެޓް ކާމިޔާބު ކުރައްވާނެ ކަމަށް މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުއާއި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފުވެސް ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަން އިއުލާންކުރައްވައި ޑރ. މުއިއްޒު ވިދާޅުވީ، ޓިކެޓް ކާމިޔާބު ކުރެވޭނެ ކަމާމެދު ޝައްކެއް ނެތް ކަމަށެވެ. އޭނާއަކީ ރައީސް އަބްދުﷲ ޔާމީންގެ ހުރިހާ ކަމެއްގައި އެ މަނިކުފާނުގެ ވިސްނުންފުޅާ އެއްގޮތަށް މިއަދާ ހަމައަށް މަސައްކަތް ކުރަމުން އައި މީހެއް ކަމަށާއި ރައީސް ޔާމީންގެ ކެބިނެޓް މިނިސްޓަރަކަށް ހުންނެވިއިރުވެސް އަދި މިހާރުވެސް އެ މަނިކުފާނުގެ ފިކުރާއި ތަރައްގީގެ ވިސްނުފުޅު ދެމެހެއްޓުމަށް މަސައްކަތް ކުރަމުން އަންނަ މީހެއް ކަމަށްވެސް ވިދާޅުވިއެވެ.
"ރައީސަށްޓަކައި ޕާޓީން ކުރާ މަސައްކަތްތަކުގައިވެސް ފެށުނީއްސުރެން ބައިވެރިވަމުން، އަޅުގަނޑުގެ ހިތުގެ އަޑިން މަސައްކަތް ކުރަމުން މިދަނީ، އަޅުގަނޑު މި ދައްކަނީ ތެދު ވާހަކަކަން ޕާޓީގެ ހުރިހާ މެންބަރުންނަށް އެނގޭނެ، އަމަލީ ގޮތުންވެސް އަޅުގަނޑު މިދަނީ އެކަން ދައްކަމުން،" މުއިއްޒު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ޕީއެންސީގެ ރިޔާސީ ޓިކެތް ކާމިޔާބު ނުވެއްޖެ ނަމަ، ޓިކެޓް ކާމިޔާބުކުރާ މީހާއަށް ތާއީދު ކުރަންޖެހޭނެ ކަމަށާއި އެ އުސޫލުން ރިޔާސީ ޓިކެޓް ކާމިޔާބުކުރާ މީހާއާއެކު އޭނާވެސް މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި ރައީސް ޔާމީން ސަލާމަތްކުރުމުގެ މަސައްކަތުގައި ދެމި ހުންނަވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ރައީސް ޔާމީންގެ ކެބިނެޓުގެ ޑިފެންސް މިނިސްޓަރުކަން ކުރެއްވި އާދަމް ޝަރީފު ވިދާޅުވީ، ރައީސް ޔާމީން ގެންގުޅުއްވާ ޑިމޮކްރެޓިކް ރީތި އުސޫލުގެ ތެރެއިން ޕީއެންސީގެ ރިޔާސީ ޓިކެޓަށް ވާދަކުރަން ހުޅުވާލި ފުރުސަތުގައި ވާދަކުރައްވާނެ ކަމަށާއި ޓިކެޓުވެސް ކާމިޔާބު ކުރައްވާނެ ކަމަށެވެ. ނަމަވެސް އެކަމުގައި ޕާޓީގެ އެއްބައިވަންތަކަމާއި ވަހުދަތު ދަމަހައްޓަން މަސައްކަތް ކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ޕީއެންސީގެ ރިޔާސީ ޓިކެޓަށް ކުރިމަތިލުމަށް ހުޅުވާލާފައިވަނީ މިއަދު މެންދުރުފަހު 2:00 އަށެވެ. ޓިކެޓު ދޭނެ ބޭފުޅަކު ނިންމާނީ މިއަދު ހަވީރު 4:00 ގައި ބާއްވާ ޕީއެންސީގެ މަޝްވަރާ ބައްދަލުވުމުގައި ނަގާ ސިއްރު ވޯޓަކުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު