ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި އިދޮޅު، ޕްރޮގްރެސިވް ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ޓިކެޓަށް ވާދަކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އަންނަ މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި އިދިދޮޅު، ޕްރޮގްރެސިވް ކޯލިޝަންގައި ހިމެނޭ ޕީއެންސީން ވަކިން ކެންޑިޑޭޓަކު ނެރެން ނިންމީ މިއަދު ހެނދުނު ބޭއްވި އެ ޕާޓީގެ މަޝްވަރާ މަޖިލީހުުގެ ބައްދަލުވުމުގައި ބައިވެރިވި 47 މެންބަރުން ތެރެއިން 44 މެމްބަރުންގެ ތާއީދާއެކުގައެވެ.

ނަމަވެސް ސެނެޓުން ފާސްކޮށްފައި ވަނީ ޕީޕީއެމްއާއި ޕީއެންސީ ހިމެނޭ ޕްރޮގްރެސިވް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް، ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބްދުލްގައްޔޫމަށް ވާދަނުކުރެވޭ ހާލަތެއްގައި ޕީއެންސީން ކެންޑިޑޭޓަކު ނެރުމަށެވެ.

އެ ނިންމުމާއެކު ޕީއެންސީގެ ރިޔާސީ ޓިކެޓަށް ވާދަކުރުމުގެ ފުރުސަތު މިއަދު މެންދުރުފަހު 2:00އާ ހަމައަށް ވަނީ ހުޅުވާލައިފައެވެ. ކެންޑިޑޭޓަކު ކަނޑައަޅާނީ ހަވީރު 4:00 ގައި މަޝްވަރާ މަޖިލިސް އަލުން އެއްވެ، ނަގާ ސިއްރު ވޯޓަކުންނެވެ.

ޕީއެންސީގެ ޓިކެޓަށް ޝައުގުވެރިކަން ފާޅުކުރައްވައި މަސައްކަތް ކުރައްވަމުން ގެންދަވަނީ ދެ ބޭފުޅެކެވެ. އެއީ ޔާމީން ސަރުކާރުގެ ހައުސިން މިނިސްޓަރު އަދި މާލޭގެ މިހާރުގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒާއި ޕީއެންސީގެ ނައިބު ރައީސް އަދި ޔާމީން ސަރުކާރުގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފެވެ.