މަސްދޯނިތަކުގައި ރެފްޖިރޭޓް ސީ-ވޯޓާ ސިސްޓަމް ނުވަތަ ފެންފިނިކުރާ ނިޒާމު ގާއިމުކުރުމަށް ބޭނުންވާ ފައިސާ ފޯރުކޮށްދިނުމަށް "ކަނޑުފަޅު ނަފާ ޕްރޮގްރާމް"ގެ ދަށުން ލޯނަށް އެދޭ އުޅަނދުފަހަރުގައި އެ ސިސްޓަމް ހަރުކޮށްދޭ ކުންފުންޏަށް ލޯނު ފައިސާ ދޫކުރާ އުސޫލު ބަދަލުކޮށް ސީދާ މަސްވެރި އުޅަނދުފަހަރުގެ ވެރިފަރާތުގެ އެކައުންޓަށް ލޯނު ފައިސާ ޖަމާކުރާ ގޮތަށް ހަދައިފިއެވެ.
ކަނޑުފަޅު ނަފާ ޕްރޮގްރާމަކީ ފިޝަރީޒް މިނިސްޓްރީއާއި އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސިން ކޯޕަރޭޝަން (އެސްޑީއެފްސީ) ގުޅިގެން 20 ނޮވެމްބަރު 2022ގައި ފެށި ޕްރޮގްރާމެކެވެ. ފިޝަރީޒް މިނިސްޓްރީން ލައިސަންސް ނަގައިގެން މަސްވެރިކަން ކުރާ ދޯނި ފަހަރަށް އާންމުކޮށް ހުޅުވާލާފައިވާ މި ޕްރޮގްރާމްގެ ދަށުން އެންމެ ބޮޑު އަދަދަކަށް ދޫކުރަނީ ފަސްލައްކަ ރުފިޔާއެވެ. މިއީ ހަ ޕަސެންޓް އިންޓްރަސްޓާއެކު ހަ އަހަރުތެރޭގައި އަނބުރާ ދައްކާ ގޮތަށް ދޫކުރާ ލޯނެކެވެ. މި ލޯނަށް އެއްވެސް ރަހުނެއް ބަހައްޓާކަށް ނުޖެހޭނެއެވެ.
ފިޝަރީޒް މިނިސްޓްރީން މިހާރު ވަނީ، އުޅަނދުގެ ވެރިފަރާތުން އަމިއްލައަށް ފެންފިނިކުރާ ނިޒާމު ގެނެސް އުޅަނދުގައި ހަރުކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފައެވެ. އަދި އެކަމަށް ދޫކުރާ ލޯން ފައިސާއިން ފެންފިނިކުރާ ނިޒާމު ގަނެ ސަޕްލައި ކުރުމަށާއި އުޅަނދުގައި ހަރުކުރުމަށް ހިނގާ ހުރިހާ ހަރަދުތަކަށް ބޭނުންކުރެވޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ.
ފިޝަރީޒް މިނިސްޓްރީން ބުނާ ގޮތުން، ކަނޑުފަޅު ނަފާ ޕްރޮގްރާމްގެ ދަށުން މަސްވެރި އުޅަނދުފަހަރުގައި ފެންފިނިކުރާ ނިޒާމު ގާއިމުކުރުމަށް ލޯނު ދޫކުރަނީ މަސްވެރިކަމުގެ ފަހި މޫސުމުގައި މަސްވެރި އުޅަނދުފަހަރަށް އައިސް ހޯދުމަށް ދިމާވާ ދަތިތަކަށް ހައްލު ހޯދައިދިނުމަށެވެ.
އަދި އެ ނިޒާމުގެ ސަބަބުން އައިސް ހޯދަން މަސްވެރިން ކުރަންޖެހޭ ހަރަދުކުޑަވެ، މަސްވެރިން ބާނާ މަސް ތާޒާ ކަންމަތީ ގިނަ ވަގުތު ބެހެއްޓޭތީ، ކަނޑުމަތީގައި މަސްވެރިކަމުގައި ގިނަ ވަގުތުވެސް ހޭދަކުރެވޭނެ ކަމަށްވެސް ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު