ޕީޕީއެމްގެ ނައިބު ރައީސް އަދި މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒަށް މަރުގެ އިންޒާރުދީ، ބިރު ދެއްކި މައްސަލައަކީ، ޕީޕީއެމްގެ ލީޑާޝިޕް ބައިބައި ކުރަން ކުރާ މަސައްކަތްތަކުގެ ތެރެއިން ކުރި ކަމެއް ބުނެ، އެ މައްސަލަ ބެލުމަށް ޕީޕީއެމުން ފުލުހުންނަށް ގޮވާލައިފިއެވެ.
މުއިއްޒަށް ދިން އިންޒާރު ހަރުކަށި އިބާރާތުން ކުށްވެރިކޮށް، ޕީޕީއެމުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ، ޑރ. މުއިއްޒުގެ އަނބިކަނބަލުންގެ ފޯނަށް ކާކުކަން ނޭނގޭ (ރާއްޖެއިން ބޭރުގެ) ނަންބަރަކުން މެސެޖްކޮށް، މުއިއްޒަށް ހަމަލާދޭނެ ކަމަށް ބުނެ، ބިރުދައްކައި މަރުގެ އިންޒާރު ދިނުމަކީ ނާތަހުޒީބު، ދަށު ދަރަޖައިގެ ފިނޑި އަމަލެއް ކަމަށެވެ.
އެފަދަ އަމަލުތަކުގެ ސަބަބުން ކޯލިޝަންގެ ލީޑާޝިޕް ބައިބައި ކުރެވިދާނެ ކަމަށް ހީކުރުމަކީ އެކަން ކުރާ ބަޔަކަށް ކުރެވޭ ކުށްހީއެއް ކަމަށްވެސް ބުނެފައިވެއެވެ.
އެފަދަ ބިރުދެއްކުންތަކާއި އިންޒާރުތަކަށް ބެލުމެއް ނެތި، އެކޯލިޝަންގެ ލީޑާޝިޕާއި ސެނެޓުން މަސައްކަތް ކުރާނީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އަދި ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ސަރުކާރުން ކުރަމުން ގެންދާ އަނިޔާތަކުން އެމަނިކުފާނު މިންޖުކުރުމަށް ކަމަށްވެސް ބުނެފައިވެއެވެ. އަދި ކުރިއަށް އޮތް ރިޔާސީ އިންތިހާބު އެމަނިކުފާނަށް ކާމިޔާބުކޮށް ދިނުމުގައި އެ ފަރާތްތަކުން އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތް ކުރާނެ ކަމަށްވެސް ބުނެފައިވެއެވެ.
ޕީޕީއެމުން ވަނީ އެފަދަ ދަށު ދަރަޖައިގެ އަމަލުތައް ހުއްޓާލުމަށް ގޮވާލައިފައެވެ. އަދި ޑރ. މުއިއްޒުގެ އަނބިކަނބަލުންގެ ފޯނަށް އިންޒާރުދީ މެސެޖް ކުރި ފަރާތެއް ހޯދައި އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމަށް ދިވެހި ފުލުހުންގެ ހިދުމަތަށްވެސް ވަނީ ގޮވާލައިފައެވެ.
މުއިއްޒު "ވަން" އަށް ރޭ ވިދާޅުވީ މަރުގެ އިންޒާރުދީ މެސެޖު ފޮނުވާފައިވަނީ އަނބިކަނބަލުންގެ ފޯނަށް ކަމަށެވެ. އަދި މެސެޖު ކޮށްފައިވަނީ ތައިލެންޑު ނަމްބަރަކުން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެމައްސަލަ މައްސަލަ ފުލުހަށް ހުށަހަޅާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ޑރ. މުއިއްޒަށް މަރުގެ އިންޒާރު ދިން މެސެޖުގައި ވަނީ ޔާމީންގެ ނިންމެވުމަކީ ފަހުގެ ނިންމެވުން ކަމަށާއި އެ ނިންމުން ބަދަލުކުރައްވަން ޑރ. މުއިއްޒު ވިސްނަވައިގެން ނުވާނެ ކަމަށެވެ. ޔާމީންގެ ކެންޑިޑޭޓަކީ ޑރ. ޖަމީލު ކަމަށް ވެސް އެ މެސެޖުގައި ވަނީ ބުނެފައެވެ.
އެ މެސެޖުގައި އިތުރަށް ވަނީ ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓަކަށް ވެސް ވާނީ ޑރ. ޖަމީލު ކަމަށާއި ޕްލޭން ބީ އާއި އާއި އަދި ސީ އަކީ ވެސް ޔާމީންގެ ނިންމެވުން ކަމަށެވެ. ޑރ. މުއިއްޒު ޕީޕީއެމް/ޕީއެންސީގެ ޖޮއިންޓް ސެނެޓަށް ނުފޫޒު ފޯރުވާ ކަމަށް ވެސް އެ މެސެޖުގައި ވަނީ ބުނެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު