ހއ. ބާރަށުން ޢަލީ ޔާމީން (ވަން އޮންލައިން)
ދެވަނަ ދައުރެއް ލިބިއްޖެނަމަ ގެސްޓްހައުސް އެޅުމަށް ވަކި ފަންޑެއް ހުޅުވައި އެއިން ލުއި ލޯނު ލިބޭ ގޮތް ހަމަޖައްސައިދެއްވާނެ ކަމަށް އެމްޑީޕީ އާއި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އަދި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެއެވެ.
އަންނަ މަހުގެ ނުވަ ވަނަ ދުވަހު ބާއްވަން ހަމަޖައްސާފައިވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ކޯލިޝަން ލީޑަރުންނާއެކު ރައީސް މި ރަށަށް ވަޑައިގެން، ބަނދަރު ސަރަހައްދުގައި ބޭއްވި ކެމްޕެއިން ޖަލްސާގައި އެމަނިކުފާނު ވިދާޅުވީ، މި ރަށަކީ އުފެދިފައި އޮތް ގޮތުން ވަރަށް ރީތި ރަށެއް ކަމަށެވެ.
ރައީސް ވިދާޅުވީ، މި ސަރުކާރުން ބޮޑުތިލަދުންމައްޗަށް ގެނެސްދެނީ ބޮޑު ބަދަލެއް ކަމަށާއި އެގޮތުން ހަނިމާދޫ އެއާޕޯޓު ތަރައްގީކޮށް ނިމުމުން މި ސަރަހައްދަށް ޓޫރިޒަމްގެ ފުރުސަތުތައް ފަހިވެގެންދާނެ ކަމަށެވެ.
ރައީސް ވިދާޅުވީ، ލޯކަލް ޓޫރިޒަމަށް މި ރަށަށް ވުރެ "ފައްކާވެފައިވާ" އެހެން ރަށެއް ރާއްޖޭގައި ނެތް ކަމަށެވެ. މި ރަށުގައި ހިތްގައިމު ކުޅިއެއް އޮވެއެވެ. އަދި މި ރަށަކީ ރާއްޖޭގެ ތާރީހުގައި މުހިންމު ރަށެކެވެ. އެގޮތުން ކަޅުއޮއްފުންމި ބަނީވެސް މި ރަށުގައެވެ.
"ތިޔަބޭފުޅުން ތައްޔާރުވެވަޑައިގަންނަވަންވީ. ވިސްނާ ވަޑައިގަންނަވަންވީ. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ދައުރުތެރޭގައި ގެސްޓްހައުސް އެޅުމަށް ވަކިން ފަންޑެއް ހުޅުވައި އެއިން، ލުއި ލޯނު ލިބޭނެ ގޮތް އަޅުގަނޑުމެން ހަދައިދޭނަން،" ރައީސް ވިދާޅުވިއެވެ.
އެކަމުގެ ސަބަބުން ރަށުގައި ތިބެ ވަޒީފާ އަދާކޮށް، އާންމުދަނީ ލިބިގެންދާނެ ކަމަށާއި އަދި ރަށުގެ ރައްޔިތުންނާ އެކު ވަގުތު ހޭދަކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، މި ރަށުން ފެންނަނީ މި ރަށުގެ ރައްޔިތުން ތަރައްގީ ބަލައިގަންނަ މިންވަރު ކަމަށާއި ތަރައްގީއާ އެކު ކުރިއަށްދާން ބޭނުންވާ މިންވަރު ކަމަށެވެ. އަދި ރިޔާސީ އިންތިހާބުގައި މި ރަށުގެ މެޖޯރިޓީވެސް ކޯލިޝަނަށް ލިބޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، އިންތިހާބު ބޯމަތިވަމުން އަންނައިރު ސިޔާސީ ވާދަވެރިންގެ ފަރާތުން މާ ބޮޑު ސިޔާސީ ހަރަކާތްތަކެއްް ނުފެންނަ ކަމަށެވެ. ނަމަވެސް ރިޔާސީ އިންތިހާބުގައި ވިސްނުންތެރިކަމާއެކު ވޯޓުނުލައިފިނަމަ ކުރީގައި ރާއްޖެ އޮތް އަނިޔާވެރިކަން އަލުން އިއާދަވެދާނެ ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު