ގދ. ތިނަދޫ އިންޑަސްޓްރިއަލް ޒޯންގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 61 ޕަސެންޓް ނިމިއްޖެއެވެ.

އެމްޓީސީސީން މިއަދު ބުނީ މި މަޝްރޫއުގެ ދަށުން ތިނަދޫގައި އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގާ އެތުރުމުގެ މަސައްކަތް ނިމިފައިވާ ކަމަށެވެ.

މީގެ އިތުރުން މި މަޝްރޫއުގެ ދަށުން 12,3275 އަކަ މީޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމާއި، 1,767 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމަށް ވަނީ ހަމަޖެހިފައެވެ.

ބިންހިއްކުމުގެ މަޝްރޫއުގެ ދަށުން 711 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި 130 މީޓަރުގެ ޝީޓް ޕައިލް އެޅުމަށް ވެސް ހަމަޖެހިފައިވެއެވެ. އަދި 2080 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި ބޮލާޑް، ފެންޑަރު އަދި ބައްތި ހަރުކުރުމުގެ މަސައްކަތްވެސް ހިމެނެއެވެ.

މި މަޝްރޫއުގެ އަގަކީ 162.88 މިލިއަން ރުފިޔާއެވެ. މިދިޔަ ޖޫން މަހުގެ އެއް ވަނަ ދުވަހު ޕްލޭނިން މިނިސްޓްރީން މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 300 ދުވަސް ތެރޭ ނިންމާ ގޮތަށެވެ.