ޕާކިސްތާނުގައި ޖާނުން ފިދާވެގެން ދިން ހަމަލާގެ ޒިންމާ އައިއެސް އިން ނަގައިފިއެވެ.

ޕާކިސްތާނުގެ ބަޖާއުރު ޑިސްޓްރިކްޓްގައި އެ ގައުމުގެ އިސްލާމިސްޓް ޕާޓީން ބޭއްވި ސިޔާސީ ރެލީއެއްގައި ޖާނުން ފިދާވެގެން ދިން ހަމަލާގެ ޒިންމާ އިސްލާމިކް ސްޓޭޓް (އައިއެސް) އިން ނަގާފައިވާ އިރު، އެ ހަމަލާގައި 54 މީހުން ވަނީ މަރުވެފައެވެ.

ޕާކިސްތާނުގެ ފުލުހުން ވަނީ މަރުވި މީހުންގެ ތެރޭގައި 23 ކުޑަކުދިން ހިމެނޭ ކަމަށް ބުނެފައެވެ.

ޖުމުލަ 400 އެއްހާ މީހުން ބައިވެރިވި އެ ރެލީގައި ޖާނުން ފިދާވެގެން ގޮއްވާލި ހާދިސާއާއެކު ޕާކިސްތާނުގެ ސިޔާސީ މަޝްރަހަށް ވަނީ ލޮޅުން އަރައިފައެވެ.

މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ވަނީ ބޮމުގެ ހަމަލާގެ ސަބަބުން ކުރިއަށްއޮތް އެގައުމުގެ މައި އިންތިހާބަށް އިތުރަށް ގައުމު ހަލަބޮލިވެގެން ދާނެ ކަމަށް ބެލެވޭ ކަމަށް ބުނެފައެވެ.

އައިއެސް އިން ވަނީ މީގެ ކުރިންވެސް ޕާކިސްތާކުގެ އެކި ކަންކޮޅުތަކުގައި ގިނަ ހަމަލާތަކެއް ދީފައެވެ. މިފަހަރުގެ ހަމަލާ ދިން ސަބަބު ހާމަވެފައި ނުވި ނަމަވެސް، އެގައުމުގެ އިސްލާމިސްޓް ޕާޓީ އަކީ ސެކިއުލާ ސަރުކާރުތަކާއި މިލިޓަރީތަކުން ކޮންޓްރޯލް ކުރާ ޕާޓީއެއް ކަމަށް އައިއެސް އިން ވަނީ ތުހުމަތުކޮށްފައެވެ.