ހަސަން ކުރުސީގެ ނަމުގައި ހިންގާ ޓުވިޓާ އެކައުންޓުގެ ވެރިފަރާތް ހޯދަން ކުރިމިނަލް ކޯޓުން ފުލުހުންނަށް އަމުރުކޮށްފިއެވެ.

ފުލުހުން "ވަން" އަށް މިރޭ ބުނީ ހަސަން ކުރުސީގެ ނަމުގައި ޓުވިޓާގައި ހަރަކާތްތެރިވާ އެކައުންޓުގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް އެ އަމުރުގެ ދަށުން ކުރަމުންދާ ކަމަށެވެ.

އެ އެކައުންޓުން މިއަދުކުރި ޓުވީޓެއްގައި ބުނީ، އެކައުންޓުގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ކުރުމަކީ ޑިމޮކްރަސީއާ ހިލާފު ކަމެއް ކަމަށެވެ. އަދި ފުލުހުން ބޭނުންވާ މައުލޫމާތު ޓުވިޓާއިން ދީފިނަމަ، ގިނަ ބައެއްގެ ފުރާނަ ނުރައްކަލަށް ހުށަހެޅިގެންދާނެ ކަމަށެވެ.

ހަސަން ކުރުސީ އެކައުންޓު 12،000 އަށް ވުރެ ގިނަ މީހުން ފޮލޯ ކުރެއެވެ. އެ އެކައުންޓަކީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔާ އެކައުންޓެކެވެ.

ހަސަން ކުރުސީ އެކައުންޓު ހިންގަނީ އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަމަށް ވެސް މީގެ ކުރިން ބައެއް މީހުން ވަނީ ތުހުމަތުކޮށްފައެވެ. އެގޮތަށް ތުހުމަތުކުރަން ފެށީ ނަޝީދު ލިޔުއްވި ލިޔުމެއްގައި "ކުރުސީ"ގެ ނަން ބޭނުންކުރައްވާފައިވާ ހިޔާލީ ޝަހުޝެއްގެ ވާހަކަ ގެންނަވާފައިވާތީ އާއި ނަޝީދަށް އެ އެކައުންޓުން ތާއިދުކޮށް ޓުވީޓު ކުރާތީއެވެ.

ނަމަވެސް ނަޝީދު ވިދާޅުވެފައިވަނީ ހަސަން ކުރުސީ އެކައުންޓާ ގުޅުމެއް ނުވާ ކަމަށެވެ. ނަޝީދު ވިދާޅުވެފައިވާ ގޮތުގައި ހަސަން ކުރުސީއަކީ އެމަނިކުފާނު ލިޔާ ބައެއް ލިޔުންތަކުގެ ހަގީގީ/ހިޔާލީ ޝަހްސިއްޔަތެއް ކަމަށެވެ. އަދި ހަސަން ކުރުސީއަކީ އެމަނިކުފާނުގެ ތޮބިއްޔަތު ބަޔާން ނުކޮށްދޭ ޝަހުސިއްޔަތެއްކަން ދަންނަވަން އުނދަގޫ ކަމަށްވެސް ވިދާޅުވެފައިވެއެވެ.

ނަޝީދު ވަނީ ހަސަން ކުރުސީ އެކައުންޓުގެ ވެރިފަރާތް ހޯދުމަށް ފުލުހަށް މައްސަލަވެސް ކުރިން ހުށަހަޅައިފައެވެ.

މީގެ އިތުރުން ކުރުސީ އެކައުންޓުން މިދިޔަ މެއި މަހު ވަނީ އައްޑޫ ސިޓީ ކައުންސިލުން ހިތަދޫގެ ގުދަނެއް ކުއްޔަށް ދިނުމުގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިންގާފައިވާ ތުހުމަތުކޮށް ޓްވީޓް ކޮށްފައެވެ. ނަމަވެސް އެކަން ދޮގުކުރައްވައި މޭޔަރު އަލީ ނިޒާރު ވަނީ ކުރުސީ އެކައުންޓު ހިންގަނީ ކާކުކަން ބަލަން ފުލުހުންގެ ކިބައިން އެދިވަޑައިގެންފައެވެ.

މީގެ އިތުރުން ކުރުސީ އެކައުންޓް ހިންގަނީ އެންމެ މީހެއް ނޫން ކަމަށާއި އެ އެކައުންޓް ހިންގަނީ ގިނަ ބަޔަކު އެކުވެގެން ކަމަށްވެސް ބައެއް ފަރާތްތަކުން ތުހުމަތު ކުރެއެވެ. އެގޮތުން އެ އެކައުންޓަކީ މިފަހުން އަލަށް އުފެއްދި ދި ޑިމޮކްރެޓްސްގެ ބައެއް މެމްބަރުން ހިންގާ އެކައުންޓެއް ކަމަށްވެސް ތުހުމަތުކުރެއެވެ. އަދި ބައެއް ފަރާތްތަކުން ދަނީ އެ އެކައުންޓަކީ އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ މެމްބަރުންތަކެއް ހިންގާ އެކައުންޓެއް ކަމަށްވެސް ތުހުމަތުކޮށްފައެވެ.