ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އާއި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް އަދި ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތްތައް ނިމުމުން، ޖުމުލަ ދިހަ މިލިއަން ފަތުރުވެރިންނަށް ކޭޓާ ކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ށ. މިލަންދޫގައި މިރޭ ބޭއްވި "އުފާވެރި އަމާން ރާއްޖެ" ކެމްޕެއިން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އިގުތިސާދެއް ބިޔަވެ، ފުޅާވެގެންދަނީ އެއްތަނުން އަނެއް ތަނަށް މީހުން ދިއުމާއި، އެއްތަނުން އަނެއް ތަނަށް ތަކެތި ގެންދިއުން ފަދަ ދަތުރުފަތުރުގެ ނިޒާމު ކަމަށާއި މި ސަރުކާރުން ފެށި އެއް ކަމަކީ އެއީ ކަމަށެވެ.
"އޭގެ ލާމަސީލު މިސާލެއް މިއަދު ބޮޑުތިލަދުންމަތިން ފެނިގެން މިދަނީ. އާރުޓީއެލްގެ ހިދުމަތް ފެށިގެން ކުރިއަށް އެދަނީ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަކަށް ބަދަލުވެގެން އެދަނީ. އަދި އޭގެ އިތުރުން މި އަތޮޅަށް ތަފާތު އެކިއެކި މަޝްރޫއުތައް އެބަ އާދޭ. މާލޭގައި އޮތް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް 2025 ގައި އެބަ ނިމޭ. ނިމޭ އިރުގައި ހަތް މިލިއަން ޓުއަރިސްޓުންނަށް އެތަނަށް ކޭޓާ ކުރެވޭނެ. ހަނިމާދޫގައި މި އަޅާ އެއާޕޯޓާއި އައްޑޫ ސިޓީގައި އޮތް ގަން އިންޓަނޭޝަނަލް އެއާޕޯޓު ވެސް 2025 ގައި މުޅިން ނިމި، އޮޕަރޭޝަނަށް އަންނާނެ. އަންނަ އިރުގައި، މި ދެ އެއާޕޯޓަށް އެކުގައި ތިން މިލިއަން ފަތުރުވެރިން ކޭޓާ ކުރެވޭނެ،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އިގުތިސާދު ދެގުނަ ކުރުމުގެ އަމާޒަކީ ރާއްޖެއަށް ފަތުރުވެރިން އައުން އިތުރުކުރުން ކަމަށާއި ދިވެހި އިގުތިސާދުގެ ދިރުމަކީ ޓުއަރިޒަމް ކަމަށެވެ. އަދި އޭގެ ވަށައިގެން އުފެދޭ އެތައް އެތައް ކަންތައްތަކެއް އެބަހުރި ކަމަށް ވެސް ވިދާޅުވިއެވެ.
"ދަތުރުފަތުރަށް ބޮޑު ޑިމާންޑެއް އެބައާދޭ. ދަނޑުވެރިކަން އެބަ ކުރިއަރާ. ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ ބައިވަރު މަސައްކަތްތައް އެބަ ލިބޭ. ފޮޓޯގްރާފަރުން، މިއުޒިޝަނުން، ކުރެހުންތެރިން، މިއިން ކޮންމެ މީހެއްގެ އަތްމައްޗަށް ފައިސާ އެބަ އަރާ. މީގެ މާނައަކީ ރާއްޖޭގެ އިގުތިސާދު އެތައް ގުނައެއް އިތުރުވެގެން ދިއުން. އަޅުގަނޑުމެން މި ގެންނަ ބޮޑު ބަދަލަކީ އިގުތިސާދު ވަށައިޖެހޭ ގޮތަށް ގެންނަ ބަދަލެއް. ދަތުރުފަތުރާއި ވަޒީފާތަކަށް މީހުން ފައްކާކުރުމާއި ތައުލީމީގޮތުން އާ ޖީލެއް އުފެއްދުމާއި އަދި ރާއްޖޭގެ ލޭބާ މާކެޓަށް ރަނގަޅު ޓްރެއިން ދީފައި ތިބި މީހުން ބިނާކުރުން،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ދެވަނަ ދައުރަކަށް އެމަނިކުފާނު ކުރިމަތިލެއްވީ އަމާޒެއް އޮވެގެން ކަމަށާއި އެ އަމާޒަކީ ފެއްޓެވި މަސައްކަތްތައް ނިންމެވުން ކަމަށެވެ. އަދި ފަށާފައި ހުރި މަސައްކަތްތައް ނިމުމުން ރާއްޖެއަށް ހެޔޮ ބޮޑު ބަދަލެއް އަންނަމުންދާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު