ޕާކިސްތާނުގައި ޖާނުންފިދާވެގެން ދިން ހަމަލާގާއި މަރުވި މީހުންގެ އަދަދު 54 އަށް އަރައިފިއެވެ.

ޕާކިސްތާނުގެ ބަޖާއުރު ޑިސްޓްރިކްޓްގައި އެ ގައުމުގެ އިސްލާމިސްޓް ޕާޓީން ބޭއްވި ސިޔާސީ ރެލީއެއްގައި ޖާނުން ފިދާވެގެން ދިން ހަމަލާގައި އަނިޔާވި މީހުންގެ އަދަދު ވެސް ވަނީ 100 އަށްވުރެން މައްޗަށް އަރާފައެވެ.

އަނިޔާވި މީހުންގެ ތެރެއިން 17 މީހެއްގެ ހާލު ދެރަކަމަށާއި މަރުވި މީހުންގެ އަދަދު އަދިވެސް އިތުރުވާނެކަމަށް އެ ގައުމުގެ ފުލުހުން ބުނެއެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު ޝިހާބް ޝާރިފް ވަނީ އެ ހަމަލާ ކުށްވެރިކުރައްވައި ބަޔާނެއް ނެރުއްވައިފައެވެ. ބޮޑުވަޒީރުގެ ބަޔާނުގައި އެ ހަމަލާގެ ފުރިހަމަ ތަހުގީގެއް ހިންގަވާނެކަމަށް ވިދާޅުވެފައިވެއެވެ.

ޕާކިސްތާނުގެ އިސްލާމިސްޓް ޕާޓީގެ ލީޑަރު، މައުލާނާ ފަޒުލް ރަހްމާން ވަނީ އެ ހަމަލާގެ ހަބަރާއެކު ކުއްލި ސިހުމެއް ލިބިވަޑައިގެންފައިވާކަމަށާއި އަނިޔާވި މީހުންނަށް ސަރުކާރުން އަވަސް ފަރުވާދިނުމަށް ގޮވާލައްވައިފައެވެ.

އެ ހަމަލާ ދިން ވަގުތު ރެލީގައި 500 އަށްވުރެން ގިނަ މީހުން ތިބިކަމަށް އޮފިޝަލުން ބުނެއެވެ. ހަމަލާގެ ޒިންމާ އަދި އެއްވެސް ފަރާތަކުން ނަގާފައި ނުވި ނަމަވެސް ގިނަ ބަޔަކު އިނގިލި ދިއްކުރަނީ އެ ގައުމުގައި ހަރަކާތްތެރިވާ އަލްގައިދާ ގުރޫޕަށެވެ.