އަސްލު ލިޔުއްވީ: مـــولانــا خــالــد سيف اللّـــه رحمــانـــــى

ތަރުޖަމާކުރީ: عــبــد اللّـــه فــاروق حســـن

**************

އިންތިޚާބުގެ ބަރުގޮނު އަޅައިފިއެވެ. ޖަލްސާތައް ބާއްވައި ޖުލޫސުތައް ނެރޭން ފަށައިފިއެވެ. ވަޢުދުތަކާއި އިންޒާރުތަކުގެ އަޑު ކަންފަތަށް ނުކުޅަދާނަވަރު ވެއްޖެއެވެ. އެއް ފުރަދާނެއްގެ ނެތިނުބައި ކިޔުމާއި އެއް އުމީދާރެއްގެ ފަރާތުން އަނެއް އުމީދާރެއްގެ ޝަޚްޞިއްޔަތު ކަތިލުމާއި މެނިފެސްޓޯތަކުގެ ސައިލުތައް ޤައުމުގެ ކަންކޮޅުތަކުގައި އޮރުދާއަށް ދެމެމުންދަނީއެވެ. އެސްޓްރޮލޮޖަރުންނަށްވެސް ވަޒީފާލިބި ބާރަށް މަސައްކަތް ހިނގައިގެންފިއެވެ. އެކިކަހަލަ ލަފާކުރުންތަކާއި ނިމުތުތައް ފުލުފުލުގައި ނުކުންނާން ފަށައިފިއެވެ. ދުޢާ ނުކުރާ މީހުންވެސް ދުޢާކުރުވުމާއި އާޝީރުބާދު ދިނުމާއި ހޯދުންތައްވެސް ހިނގަމުން އެބަދެއެވެ. އިންތިޚާބެއް ކައިރިވުމުގެ ކުރީން އެއްވެސް ލީޑަރަކު ލޯފުޅުގެ ކުޑަކޮޅުންވެސް ބައްލަވައިނުލައްވާ ހަނިހަނި ހަޑިމުޑުދާރު ޗަކަގޯޅިތަކުގައިވެސް ވަނީ ލީޑަރުންގެ ހުޖޫމްތަކެވެ. ދަޢުވަތު ނުދެވޭ މެހުމާނުންގެ ގޮތުގައި ހެނދުނެއް ހަވީރެއް ރޭގަނޑެއްނެތި ދޮރުންދޮރަށް ހިންގަވައި ގޭގޭގެ ދޮރު ދަންމަވައި ޖިފުޓިތަކުގެ ދޮރުތަންޑު ނައްޓުވާވަރުން ކުޑަކުއްޖަކަށް ނިދައިލެވޭވަރެއްވެސް ނޫނެވެ. މީގެކުރިން ލޯފުޅު ވަށްކުރައްވައި ކޯފާގެ ނަޒަރުން ނޫނީ ބައްލަވައިނުލައްވާ ނިކަމެތީންގެ ކުރިމައްޗަށް ވޯޓަށް ސަލާންޖައްސަވާ ނާށިގަނޑު ދިއްކުރައްވައި ނުބައެކޭ ހީނުކުރައްވައި އަޅުގަނޑަށް ވޯޓު ދެއްވައްޗޭ ވިދާޅުވަނީއެވެ. ވަގުތުގެ "ފިރުޢައުނުންނަށް" ތާއީދުކުރައްވައި މަދަޙަ ވިދާޅުވާ ފަރާތްތަކުގެ ޚުޝާމަދުގެ ލަވަތަކާއި ގޮވެލިފަތިތަކުގެ އަޑުކަނޑައިގެނެއް ނުދެއެވެ. ކުރައްވާ ވަޢުދުތަކަށް ވިސްނާއިރު ކޮންމެ ގެޔަކަށް ކިރުއާރަކާއި މާމުއި ކޯރެއް ނުލިބިއެއް ނުދާނެއެވެ.

އުމީދާރުން ނުވަތަ ފުރަދާނުންގެ ތަޢުލީމީ ފެންވަރާއި އަޚްލާޤީ ހާލުކޮޅުގެ ވާހަކަވެސް އަޑުއަހައި ފޫހިވާވަރެއް ނޫނެވެ. ބައެއް އުމީދާރުން ގޭގޭގެ ބިތުގައި ސޮއިކޮށްދެއްވައެވެ. ސޮއިކުރައްވާން ދެނެވަޑައިގަންނަވާކަން ސާބިތުކޮށްދެއްވުމަށްޓަކައެވެ. މީގެކުރީން އެބޭފުޅުން ސޮއިކުރެއްވުމުގެ ބަދަލުގައި ޖައްސަވައިއުޅުއްވީ އިނގިލިފުޅުގެ ނިޝާން ކަމުގައިވާތީއެވެ. ބައެއް ބޭފުޅުން ކިޔަވައިވިދާޅުވެފައިވަނީ މިޑްލް ސްކޫލާ ހަމައަށެވެ. އަޚްލާޤީ ޙާލަތު މަގުފޭރޭ މީހެއްގެ މައްސަލައިގެ ސަރިޔަތް ނިމުނުގޮތުގެ ރިޕޯޓަށްވުރެ ދިލްޗަސްބުކަން ވަކި ކުޑައެއް ނޫނެވެ. އޭނާގެ މައްސަލަ ސާފުކުރާ ފޯމުގައި އޮތީ ޤަތުލެއްގެ ވާހަކައެވެ. މީނާގެ އޮތީ މީހެއްގެ ޢިޞްމަތަށް އަރައިގަތުމުގެ މައްސަލައެކެވެ. އެހުންނެވީ ރިޝްވަތު ނެންގެވުމުގެ ބޮޑެކެވެ. އެވަޑައިގެންނެވީ ޒިނޭގެ ތުހުމަތާއި ރާފޮދު ހިއްޕެވުމުގެ ތުހުމަތު އޮތް އުމީދާރެކެވެ. ކަންބޮޑުވެވަޑައިނުގަންނަވާށެވެ. މިހިރީ މި "ޠަބަޤާއަށް" ނިސްބަތްކުރާއިރު ވަރަށް އާދައިގެ ކަންކަމެވެ.

މިފަދަ ޙާލަތެއްގައި ވޯޓުދެއްވާނެ އުމީދާރަކު ނުވަތަ ފުރަދާނަކު ޚިޔާރުކުރުމުގައި މުސްލިމެއްގެ ޒިންމާއަކީ ކޮބައިތޯއެވެ؟ މުސްލިމުންގެ ފިކުރުވެސް ގެންގުޅޭންވީ އެހެނިހެން ޢާންމުންވެސް ގެންގުޅޭ މިންގަނޑުގައި ބާވައެވެ؟ ޒަމާން ދަތުރުކުރަމުންދާ މިސުރާބަށް މުސްލިމުންވެސް ވިސްނުމެއް ފިކުރެއްނެތި ދެލޯމަރައިގެންތިބެ ހިނގަމުންދާންވީ ބާވައެވެ؟ ދޮގަކީ ތެދުކަމަށް ތެދަކީ ދޮގުކަމަށް ހަދާންވީ ބާވައެވެ؟ އަމިއްލަ މަންފާއަށް ބަލައިގެން އަންބޮނޑި އެންމެ ބޮޑުވާނެގޮތަކަށް ވޯޓުދީ ވޯޓު ހޯދައިދީ އުޅޭންވީ ބާވައެވެ. އުމީދާރުންގެ ޕްރޮޕެގެންޑާ ޓީމުތަކުގައި ބައިވެރިވާންވީ ބާވައެވެ؟

ސުވާލަކީ މުސްލިމަކަށް މިގޮތް ކަމުދާނެބާވައޭ މި ސުވާލެވެ. ނުވަތަ އެންމެރަނގަޅު އުމީދާރަކު ޚިޔާރު ކުރުމަކީ މުސްލިމުންގެ މައްޗަށްއޮތް ޝަރުޢީ ވާޖިބެއް ބާވައެވެ؟ މިއިން ކޮންމެ ސުވާލަކީވެސް އެ ސުވާލަކަށް ރިޢާޔަތްކުރުމާއި އެ ސުވާލަކާމެދު ވިސްނައި ފިކުރުކުރުން މުސްލިމުންގެ ހައިސިއްޔަތުން އަޅުގަނޑުމެންގެ މައްޗަށް ލާޒިމު ސުވާލެކެވެ. ޝައްކެއްނެތެވެ. ރަނގަޅު އުމީދާރަކު ޚިޔާރުކުރުމާ އެމީހަކަށް ތާއީދުކުރުމާ ނުރަނގަޅު އަދި ނާޤާބިލު ފުރަދާނުން ބަލައިނުގަނެ އެއްބާރުލުންނުދީ ދޫކޮށްލުމަކީ ދީނީ އަދި ޝަރުޢީ ވާޖިބެކެވެ. އެހެނީ މި މައްސަލައިގައިވެސް ކީރިތި ޤުރުއާނުގައިވަނީ އަޅުގަނޑުމެންނަށް އުސޫލީ މަގުދެއްކެވުމެއްގެ އިރްޝާދެއް ދެއްވައިފައެވެ. އަރަހުށި މާތް اللّــــه ވަޙީކުރައްވައިފައިވާ އާޔަތެއްގެ މާނައިގައިވެއެވެ.

"އަދި ހެޔޮކަންތައް ކުޅައުމާއި ތަޤްވާވެރިވުމުގެ މައްޗަށް ތިޔަބައިމީހުން އެކަކު އަނެކަކަށް އެހީވެ، ވާގިވެރިވާށެވެ! އަދި ފާފަވެރިވުމާއި ޢަދާވަތްތެރިވުމުގެ މައްޗަށް ތިޔަބައިމީހުން އެކަކު އަނެކަކަށް ވާގިވެރި ނުވާށެވެ!" (المــــائــــدة: 2)

ސުވާލަކީ އުމީދާރެއްގެ އިސްލާމީ މީއާރަކީ ކޮބައިތޯއެވެ؟ މި މައްސަލައިގައި އަސާސީ ވިސްނުމެއް ވިސްނައިލާންޖެހެނީ އަމިއްލަޔަށް ވެރިކަމަށް ދަހިވެތިވެ ވެރިކަމަށް ކުރިމަތިލައިގެން ދަންޖެހޭން އުޅުމަކީ ޢާންމު ޙާލަތުގައި އިސްލާމްދީން ރުހުމުގެ ލޮލުން ބަލާކަމަކަށް ނުވާތީއެވެ. އިސްލާމީ ނަޒަރުގައި އެއީ ވަރަށް ހުތުރުކަމެކެވެ. ނުހަނު ސަހަލު ކަމެކެވެ. ލަދުވެތި ކަމެކެވެ. އެކަމަކީ އިސްލާމްދީނުގެ ނަބިއްޔާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އެކަމާ ވަރަށް ނުޤަބޫލުފުޅު ކަމެކެވެ. އެހެންކަމުން އުމީދާރުން ވެރިކަމަށް ދަހިވެތިވުމުން އެއްކިބާވާންޖެހެއެވެ. އެކަމަކު މިޒަމާނުގެ ސިޔާސީ ނިޒާމުގައި އޮތީ އިންތިޚާބަށް ކުރިމަތިލުމެވެ. އުމީދާރަކަށްވުމެވެ. އެހެންކަމުން މުސްލިމުންވެސް ޤައުމުގެ ލާބަޔަށްޓަކައި އުމީދާރުންގެ ގޮތުގައި ނުކުންނާން އެބަޖެހެއެވެ. އެޙާލަތު އެބައާދެއެވެ.

މުސްލިމުން އުމީދާރުން ކަމުގައިވެ އަމިއްލަޔަށް ތިމާގެ ނަފުސު ހުށަހަޅާންޖެހޭ ޙާލަތަކީ ޤައުމެއްގެ ކަންތައް އަގަޑަބަގަޑަވެ ބޮއްސުންލައިގެންދާ ހިނދެވެ. ޤައުމުގެ ކަންތައް ހަމަޔަކަށް އެޅުވުމުގެ ޤާބިލުކަން ހުންނަ މީހުން އެ ޙާލަތުގައި ޤައުމު ހަމަމަގަށް އަޅުވައި އިޞްލާޙުކުރާން ކުރިމަތިލާންޖެހެއެވެ. ވިއްސާރަވެ ކަނޑުގަދަވެ އުންމަތުގެ އޮޑިޔަށް ރާޅުއަރައި ދިޔައަޑިނުވެގެން އުޅޭއިރު މަތިފަޑިމަތީގައި ބަލަހައްޓައިގެން ތިބުން މުސްލިމުންނަކަށް ހުއްދައެއް ނޫނެވެ. ތައްޓުމައްޗަށާއި ދިޔަވަތަށް ފައިބައި އުންމަތުގެ އޮޑި ސަލާމަތްކުރެވޭތޯ ކަށީގެ މަދުން ހިތްވަރު ނެރެގެން މަސައްކަތްކުރާން ޖެހެއެވެ. ކީރިތި ޤުރްއާނުގެ يــوسف ސޫރަތުގެ 55 ވަނަ އާޔަތުން އެކަމުގެ ދަލީލު ލިބެއެވެ. މިސުރުގެ އިޤްތިޞާދު ހީނަރުވެ ޤައުމު ނާޒުކު ޙާލަތަކާ ކުރިމަތިލާންޖެހުމުން މާތް اللّــــه ގެ ނަބިއްޔާ يــوسف عــلــيـــه الـسّــلام ވަނީ އަމިއްލަފުޅަށް ވެރިކަމަށް ކުރިމަތިލައްވައިފައެވެ.

މީހަކަށް ވޯޓު ދިނުމަކީ އެމީހަކު ތިމާ ތަމްސީލުކުރާ ވަކީލަކަށް ނުވަތަ މަންދޫބަކަށް ހެދުމެވެ. ތިމާގެ ވަކީލަކަށް ނުވަތަ ތިމާ ތަމްސީލުކުރާ ތިމާގެ މަންދޫބަކަށް ހަދާނީ ކޮންކަހަލަ މީހެއްބާވައެވެ؟ ނުވަތަ ކޮންމަޤާމަކަށް ހޮވާނީ ކާކުބާވައެވެ. ކޮންފެންވަރެއްގެ މީހެއްބާވައެވެ؟ މިކަމާބެހޭގޮތުންވެސް އަޅުގަނޑުމެންގެ މާތް ފޮތް ކީރިތި ޤުރުއާނުން އަސާސީ އިރްޝާދެއް ލިބެއެވެ. މަސްއޫލިއްޔަތެއް ޙަވާލުކުރެވޭ މީހެއްގެ ކިބައިގައި އެންމެކުޑަވެގެންވެސް ދެކަމެއްގެ ލިޔާޤަތު ހުންނާންޖެހެއެވެ. އާދެ، އެކަމެއް އުފުލައިގަތުމުގެ އަހުލުވެރިކަމެވެ. ޤާބިލުކަމެވެ. ދެވަނައަށް ތެދުވެރިކަމާއި އަމާނާތްތެރިކަމެވެ. ކީރިތި ޤުރްއާނުގެ އާޔަތެއްގެ މާނައިގައިވެއެވެ.

"ހަމަކަށަވަރުން ކަލޭގެފާނު ނޯކަރެއްކަމުގައި ބަހައްޓަވަން އެންމެ ރަނގަޅު މީހަކީ، ގައިބާރުހުރި (ހަކަތައާއި ބުންވަރުހުރި އަދި ކަންކަން އުފުލައިގަތުމުގެ އެކަށޭނަކަމާއި ޤާބިލުކަންހުރި) އަމާނާތްތެރިޔެކެވެ." (الــقــصـص: 26)

ޤާބިލުކަން ހުރުމަކީ އެމީހަކު އެ އިންތިޚާބުކުރެވޭ ކަމެއްގައި ދަނޑިގަނޑުގެ އެކޮޅުމިކޮޅު އެނގުމެވެ. ރައީސަކަށްވިޔަސް މަޖިލީހުގެ މެންބަރަކަށްވިޔަސްމެއެވެ. ޤާނޫނުހަދާ މަޖިލީހުގެ މެންބަރަކު ކަމުގައިވާނަމަ މަޖިލީހުގައި ހިނގާ ބަހުސުތަކުގައި ރަނގަޅު މައުޤިފުތަކުގައި ޚިޔާލުފާޅުކުރާން އެނގުމެވެ. އެންމެކުޑަމިނުން މާތް اللّــــه ގެ ފޮތާއި އެކަލާނގެ ރަސޫލާގެ ޙަދީޘުފުޅުތަކާއި އިސްލާމީ ޝަރީޢަތާ ޚިލާފުނުވެ ޚިޔާލުފާޅުކޮށް ހެދޭވަރުވުމެވެ. އެގޮތަށް ޚިޔާލު ދިނުމެވެ. (މީހަކު ކީރިތި ޤުރްއާނުން ހެކިދައްކަން އުޅެފިކަމުގައިވާނަމަ ތިޔައީ އަހަރެމެން ދަންނަ އެއްޗެއް ނޫނޭ ތިޔަކިޔަނީ ރަނގަޅަށް ކަމެއް ނުބައިކޮށް ކަމެއްވެސް ނޭނގެއޭ މިތާނގައި ތިޔަ ނުކިޔާށޭ ބުނާވަރަށްވުރެ ބޮޑަށް ދީނީ މަޢުލޫމާތުގެ ދާއިރާގައި ރޯފިލައިފައި ހުރުމެވެ.) އެމީހެއްގެ ރައުޔަކީ ޤައުމުގެ އެންމެހައި ކަންކޮޅުތަކެއްގެ މީހުންނަށް އިޚްލާޞްތެރިވުމާއި ހެޔޮއެދުމުގެ މައްޗަށް ބިނާވެފައިވާ ރައުޔެއް ކަމުގައިވުމެވެ. އެފަދަ ރައުޔެއްގެ އަހުލުވެރިޔަކަށް ވެވޭނީ ރޯފިލައިފައި ހުރެގެންނެވެ. އެންމެކުޑަމިނުން ކޮންމެހެން ލާޒިމު މިންވަރަށް ކަމުގައިވިޔަސް ޝަރީޢަތުގެ ޙުކުމްތަކުގެވެސް ޚަބަރު ފިލައިފައި ހުރެގެންނެވެ. (މިވެނީ މީހަކީ ތިމާއާއެކު ރާބޯ މީހެކޭ ބުނާއިރު ތިމާޔަށް މިވެވެނީ ރާބުއިކަމުގެ އިޢުތިރާފުކަން އެނގޭވަރުވެގެންނެވެ.) ޒަމާނަށް ހޭލެވިފައި ހުރެގެންނެވެ. ތިމާ ދައްކާ ވާހަކަތައް ބާރުހުރި ގޮތެއްގައި ޤާނޫނާއި މަންޠިޤުގެ އަސާސުގައި ދައްކާން އެނގިގެންނެވެ. މިދެންނެވި ބިންގާތަކުގެ މަތީގައި ޚިޔާލުފާޅުކުރުމުގެ ކެރުންތެރިކަން ހުރެގެންނެވެ. ދަލީލާއި ބުރުހާނުގެ ބިންގަލުގެ މަތީގައި ދައްކައިލާ މަދު ވާހަކަކޮޅެއްގެ ސަބަބުން އެކެއްގެ ރައުޔު ޖަމާޢަތެއްގެ ޚިޔާލުގެ މައްޗަށް ބުރަވާތަން އާދެއެވެ.

ކޮންމެ ވާހަކައެއް ދައްކާންވެސް އެވާހަކައެއް ދައްކާން އެކަށީގެންވާ މީހަކު ޢައްޔަންކުރުމަކީ ނަބަވީ ސުންނަތެކެވެ. ހިތާމަހުރި ކަމެކެވެ. މުސްލިމުންގެ ތެރެއިން އިންތިޚާބުވެގެން މަޖިލީހަށްދާ މީހުންކުރެވެސް ބައެއް މީހުންނަކީ ތިމައުރެންގެ ޒަމީރުގެ އަޑު އިއްވާން އެނގޭ އަދި ކެރޭ ބަޔެއް ނޫނެވެ. ހޭލުންތެރިކަންވެސް ކުޑަމީހުންނެވެ. ދަލީލުގެ ބަހުރުވައިން ސުވާލުކުރާކަށެއްވެސް އިދިކޮޅުން ކުރާ ސުވާލުތަކަށް ފުރިހަމަޔަށް ޖަވާބުދާރީ ވާކަށެއްވެސް ނޭނގެއެވެ. ޝައްކެއްނެތެވެ. ޢާންމު އެއްވުމެއްގައި ޖަޒުބާތީ ތަޤްރީރެއް ކޮށްލުމަކީ އުނދަގޫކަމަކަށްނުވެ ހިނގައިދާނެއެވެ. އެގޮތަށް އަނގަތަޅުވާ އެކްޓިވިސްޓުން ޕާޓީތަކުގައި ބައިވަރެވެ. އެކަމަކު ދަލީލުތަކުގެ ބަހުރުވައިން ތިމާގެ ވާހަކަ ސާބިތުކޮށްދިނުމަކީ ކޮންމެވެސްވަރަކަށް އުނދަގޫ ކަމެކެވެ. ފެންވަރެއް ހުރެގެން ކުރެވޭނެ ކަމެކެވެ. ތަޤްރީރު ލިޔެދޭ މީހުންނަށް އަބަދަކު ހަފައިފައި ލަވައެއް ނުދެވޭނެއެވެ.

އަނެއް ސިފަޔަކީ އަމާނާތްތެރިކަމެވެ. އަމާނާތަކީ ވަރަށް މާނަފުޅާ ލަފުޒެކެވެ. އަމާނާތަކީ ހުސްއެކަނި މުދަލާއި ފައިސާއާގުޅޭ ކަމެއްނޫނެވެ. އަދި ކީއްތޯއެވެ؟ އިންސާނުންގެ ބަހާއި ޢަމަލުވެސް އޭގެ ދާއިރާއަށް ވަދެއެވެ. ފިކުރާއި ވިސްނުމުގައިވެސް އަމާނާތްތެރިވާން ޖެހެއެވެ. ފިކުރީ އަމާނާތަކީ މީހަކު ޤައުމީ މަންދޫބެއްގެގޮތުން މަސައްކަތްކުރާއިރު ނުވަތަ ވާހަކަ ދައްކާއިރު އަމިއްލަ މަޞްލަޙަތުގެ ބަދަލުގައި ޤައުމާއި މިއްލަތުގެ ލާބަޔަށް ވިސްނުމެވެ. އަމާނާތަކީ އިންސާނާގެ ދުލާ (ދައްކާ ވާހަކައާ) ވެސް ގުޅުންހުރި ކަމެކެވެ. ތެދުބަހުން ވާހަކަ ދެއްކުމެވެ. ތިމާގެ ޕާޓީ ނުވަތަ ތިމާ ތާއީދުކުރާ ސަރުކާރަށް ޚުޝާމަދުކޮށް ވާހަކަ ދެއްކުމުގައި ޖޯކަރަކަށް ހެދިނުގަތުމެވެ. ބަހާއި ޢަމަލުގައި ފުށުއެރުމެއް ނެތުމެވެ. ހިތާއި ދުލާ ދެގުނަވަން އެއްގުނަވަނެއް އަނެއް ގުނަވަނެއްގެ ބައިވެރިޔަކު ކަމުގައިވުމެވެ.

ޝައްކެއްނެތެވެ. އަމާނާތްތެރިކަމަކީ މުދަލާއި ފައިސާއާވެސް ގުޅިފައިވާ ކަމެކެވެ. އެއްޒަމާނެއްގައި ރިޝްވަތަކީ ވަރަށް އާދައިގެ ދަށްފަންތީގެ މުވައްޒަފުންގެ ކަމެކެވެ. (ސަޔަކުން ނިންމައިލާ ކަމެކެވެ.) އެކަމަކު މިހާރު އެފަންނުގައިވެސް ބޮންތި އަތުލައިފައިވަނީ ސިޔާސީ ޤާއިދުންނެވެ. ސްކެންޑްލްތަކާއި ރިޝްވަތު ކެއުމަކީ ފަންނެއްގެ ނަންދެވޭކަހަލަ ކަމަކަށްވާނަމަ އަހަރެމެންގެ ޤައުމުގެ ވަޒީރުންނާއި ބޮޑުވަޒީރުންގެ ތެރެއިންވަނީ އެފަންނުގެ ދާއިރާއިން އިނާމު ޙައްޤު ބޭފުޅުން ފެނިފައެވެ.

ޖަވާހިރުލާލު ނެހުރޫއަކީ ވަރަށް ދިގުމުއްދަތަކަށް އިންޑިޔާގެ ބޮޑުވަޒީރުކަން ކުރެއްވި ބޭފުޅެކެވެ. އެކަމަކު އޭނާއަށް ދިއްލީގައި އަމިއްލަފުޅު ގެއެއް އެޅުއްވޭވަރެއް ނުވިއެވެ. ޑޮކްޓަރ ރާޖެންދުރަ ޕްރަޝާދު ޖުމްހޫރީ އިންޑިޔާގެ ރައީސްކަމުގައި ދެދައުރު ހުންނެވިއެވެ. ނަމަވެސް އޭނާ ދައުރު ހަމަކުރައްވައިފައި އަމިއްލަފުޅު ރަށް ޕަޓްނާއަށް އެނބުރި ވަޑައިގެންނެވިއިރު ހުންނަވާނެ ގެއެއް ނެތެވެ. އޭނާ ދިރިއުޅުއްވީ "ޞަދާޤަތެ އާޝަރަމް" ގައެވެ. މިއީ އެއްގޮތަކަށްވެސް އެވޭލާ ޒަމާނުގެ ބޯދާ ވާހަކަތަކެއް ނޫނެވެ. ވަރަށްކައިރި މާޒީއެއްގެ ވާހަކަތަކެވެ. އެކަމަކު މިހާރު އާދައިގެ އެމް.ޕީ. އިންނާއި އެމް.އެލް.އޭ. އިންނާއި މުނިސިޕަލްޓީތަކުގެ ޗެއަރމަނުންނާއި ކައުންސިލަރުން އުޅުއްވާ އަރާމާއި ޢައިޝުގެ ފިޔަޖެއްސެވުން ތަޞައްވުރުކުރެވޭ ވަރަށްވުރެވެސް މަތިވެރިއެވެ. އަނެއްކާ މިއީ ހައްތާވެސް ކޮރަޕްޝަނާއި ރިޝްވަތު ހިއްޕެވުމުން ލިބިވަޑައިގަންނަވާ ނަސީބެވެ. ސިޔާސީ ލީޑަރުން މި ޖަރީމާގައި މެކިވަޑައިގެންފައިވާކަމީ އެންމެން ދަންނަ ސިއްރެކެވެ.

(ދާދިފަހުން ރާއްޖޭގެ މީސް މީޑިޔާ އޮޅިޔެއްގައި މީހަކު އެހެންމީހެއްގެ މާޒީގެ ވާހަކަ ދައްކައިލުމުން އެހެން ތިންމީހަކު ވަރަށް ޖޯޝާއެކު ޖަވާބު ދިނެވެ. "ތިޔަ ކުށަށް މިހާރު ވަނީ އަދަބު ލިބި ނިމިފައެވެ. އަބަދުއަބަދު އާކޮށްކޮށްފައި ތިޔަ ގޮވަނީ ކޮންވާހަކައެއް ހެއްޔެވެ؟" އެކަމަކު ވިސްނައިވަޑައިގަންނަވާށެވެ.)

ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ފާޅުގައި ނަބީކަމަށް ދަޢުވަތު ދެއްވުމުގެގޮތުން ޤައުމުގެ ކުރިމައްޗަށް ހުށަހެޅުއްވީ އެމާތް ސާހިބާގެ ޙަޔާތްޕުޅުގެ އެއްބައެއް ނޫނެވެ. މުޅި ޙަޔާތްޕުޅެވެ. ޙަދީޘުކުރެއްވިއެވެ. "އަހުރެން ތިޔަބައިމީހުންގެ ތެރޭގައި އުޅޭތާ ސާޅީސް އަހަރު ވެއްޖެއެވެ. ތިޔަބައިމީހުން އަހުރެން ދުށީ ތެދުވެރިޔެއްގެ ގޮތުގައިހެއްޔެވެ؟ ނުވަތަ ދޮގުވެރިޔެއްގެ ގޮތުގައިހެއްޔެވެ؟ އަމާނާތްތެރިޔެއްގެ ގޮތުގައިހެއްޔެވެ؟ ނުވަތަ ޚިޔާނާތްތެރިޔެއްގެ ގޮތުގައިހެއްޔެވެ؟" އެންމެން އެއްއަޑަކުން ދެންނެވިއެވެ. "އަޅުގަނޑުމެން ކަލޭގެފާނު ދުށީ ތެދުވެރި އަމާނާތްތެރިޔެއްގެ ގޮތުގައެވެ." ޙަޤީޤަތުގައި ކޮންމެ އުމީދާރެއްގެވެސް މީއާރަކަށް ވާންޖެހެނީ މި މީއާރެވެ. (ޕިޔޯނުކަމަށް އެދޭމީހެއްގެ ކުށުގެ ފަސްއަހަރުގެ ނުވަތަ ތިންއަހަރުގެ ރެކޯޑު ބަލާއިރު ޤައުމެއްގެ ވަލިއްޔުލްއަމްރުގެ މުޅި މާޒީގެ ރެކޯޑް ނުބަލާންވީ ސަބަބެއް ނެތެވެ.)

(އެކަމަކު މިއަދު އެއްވެސް އުމީދާރަކަށް އެމީހެއްގެ އިންތިޚާބީ ދާއިރާގެ ރައްޔިތުންކުރެން ތިޔަބައިމީހުންނަށް އަހަރެންގެ އުޅުމާއި ސުލޫކު ފެނިފައިވަނީ ކޮންގޮތަކަށްތޯ މި ސުވާލުކޮށްލަން ކެރޭނެބާވައެވެ؟ އެމީހެއްގެ ގެވެށި އަނިޔާއެއްގެ ނުވަތަ ޕާޓީކުރުމެއްގެ ނުވަތަ ރޯޔަލް ސަފާރީ ރޭޕެއްގެ ނުވަތަ އެހެންވެސް ޒަމާނީ ނަމެއްގެ ޖަރީމާއެއްގެ ވާހަކަ އަޑުއަހައިފައިވޭތޯ ސުވާލުކޮށްލާން ކެރޭނެބާވައެވެ؟ ވަޢުދުތަކާއި މެނިފެސްޓޯތައް ބަޑިތަކުރު ވިހޭރޭ އަލަފަތް އައިވަރަށް ފޮނުވާލާ އުމީދާރުންނަށް ވޯޓުދޭ މީހުންގެ ކުރިމައްޗަށް ތިމާގެ ޒާތު ހުށަހަޅައިލާން ނުކެރޭކަމުގައިވާނަމަ އެއީ މައްސަލައެކެވެ. ވަރަށްބޮޑު މައްސަލައެކެވެ.) ތިމާމެންގެ ޢަމަލުތައް ކިރާނެ ތަރާދެއް ރައްޔިތުންގެ އަތަށް ނުދެވޭކަމުގައިވާނަމަ ފާޅުވެ އެނގެނީ އެ ފުރަދާނެއްގެ ފަސްބައިގެ މިލަކަމާއި ކިލާކަމާއި ލައް ގިނަކަމެވެ.

އަޅުގަނޑުމެންގެ މިޒަމާނުގައި އިސްވެދެންނެވި މީއާރަށް ސައްތައިންސައްތަ ހެޔޮވަރުވާ ސިޔާސީއަކު ފެނުމަކީ މުސްތަޙީލު ކަމަކަށް ވެދާނެއެވެ. އެކަމަކު ބަލާންވީ ނިސްބަތުން މި މީއާރާ ކައިރިވެސް ކުރެވޭ މީހަކު ލިބޭތޯއެވެ. ބަލާންވީ ލޯފަން މީހުންގެ ރަށުން އެއްލޯވިޔަސް އަމަށުންހުރި މީހަކު ލިބޭތޯއެވެ. އެވަރުވިޔަސް އެއީ ޝުކުރުހުރި ކަމެކެވެ. މިއަދުގެ ސިޔާސީ ބާޒާރުގެ ޚުލުޤު ނުބައިކަމާއި ސުލޫކު ހުތުރުކަމުގެ އެނބުރޭ އޮއިގަނޑުގެ ތެރެއިން ނިސްބަތުން ތަންކޮޅެއް ލަފާ މީހަކު ފެނުނުކަމުގައިވިޔަސް އެއީ ރައްޔިތުންގެ ނަސީބު ރަނގަޅުކަމެވެ.

މިބާވަތުގެ ވާހަކަތަކާމެދު މިޒަމާނުގައި ބެލެވޭނީ ހުވަފެނީ ވާހަކަތަކެއް ކަމުގައެވެ. ނުވަތަ ޢާންމުކޮށް އަޑުނުއިވޭ ޒާތުގެ ބީރައްޓެހި ވާހަކަތަކެއް ކަމުގައެވެ. އެކަމަކު މުސްލިމުންނަކީ އަރަމުންދާ އިރަށް އަޅުކަންކުރާ ބަޔަކު ކަމުގައި ވެގެންނުވާނެއެވެ. ޙައްޤާއި ތެދުވެރިކަމުގެ ދާއީންކަމުގައިނުވެ ބާޠިލާއި ދޮގުގެ ދިދަ އުފުލާ މީހުންނާއެކު އެއޮޅީގައި ވެގެން ހިނގަމުން ދިޔުމަކީ މުސްލިމުންގެ ޝަރަފާގުޅޭ ކަމެއްނޫނެވެ.

މި މައިގަނޑު ނަމުގައި އިތުރަށް މަޢުލޫމާތު ހޯއްދެވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ބޭފުޅުން އަޅުގަނޑުގެ ތަރުޖަމާއެއްކަމުގައިވާ "ވޯޓުގެ ޝަރްޢީ ހައިސިއްޔަތު" މިފޮތް ވިދާޅުވުން އެދެމެވެ. އެފޮތް ލިބިވަޑައިގަންނަވާނީ ރާދަ ބުކްޝޮޕުންނެވެ.