ފުވައްމުލަކު ސިޓީން މުހައްމަދު ޖަމްޝަތު (ވަން އޮންލައިން)
އަންނަ ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އެމްޑީޕީ އާއި ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު މި ސިޓީއަށް ވަޑައިގަންނަވާތީ މުޅި ފުވައްމުލަކުގައި މިހާރު އޮތީ ދިދަފައްޗާއި ބެނާ ދަމައި ޒީނަތްތެރިކޮށްފައެވެ.
ފުވައްމުލަކުގެ އެކި ހިސާބުތަކުން މިއަދު ފެންނަމުން ދަނީ ގައުމީ ދިދަތަކާއި ރީނދޫ އަދި އޮރެންޖު ކުލައިގެ ދިދަތަކެވެ. އެމަނިކުފާނަށް ތާއީދުކުރާ ޒުވާނުނުންނާއި ހަރު މީހުން ނުކުމެ ޖޯޝާއި ފޯރީގައި މަގުތައް ވަނީ ގައުމީ ދިދަތަކާއި ރީނދުލާއި އޮރެންޖު ކުލައިން ޒީނަތްތެރިކޮށްފައެވެ. އެކި ހިސާބުތަކުގައި އެމަނިކުފާނަށް ސަނާ ދަންނަވައި، ރަށުތެރެ ޒީނަތްތެރިކުރުމުގައި އަވަދިނެތި އުޅެމުން އައި އިރު، އެމީހުންގެ މޫނުމަތިން ވަރުބަލިކަމެއް ނުފެނެއެވެ. ފެންނަނީ ޖޯޝާއި ފޯރީގައި ޖަގަހަތައް ޒީނަތްތެރިކުރަމުން އައި މަންޒަރެވެ. އެއާޕޯޓުން ފެށިގެން މި ސިޓީގެ ބޮޑެތި ހުރިހާ މަގުތަކުގައާއި އެކި ސަރަހައްދުތަކުގައި ހުރީ ދިދަ ޖަހައި ޒީނަތްރެރިކޮށްފައެވެ.
މި ސިޓީއަކީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމުގެ އުފަން ރަށް ކަމުން އެމަނިކުފާނާއި ރައީސް ސޯލިހަށް ތާއީދުކުރައްވާ ސަޕޯޓަރުން ނިސްބަތުން ގިނައެވެ. އަދި އޭގެ އިތުރުން އެމްޑީއޭގެ ސަޕޯޓަރުންވެސް ގިނަކަން ފާހަގަކޮށްލެވެއެވެ. އެހެންވެ މައިގަނޑު ގޮތެއްގައި ފެންނަނީވެސް އެ ދެ ޕާޓީގެ ސަޕޯޓަރުންނެވެ.
މި ސިޓީން ވާހަކަދެއްކި މީހަކު ބުނިގޮތުގައި މި ސިޓީއަކީ ކުރިންވެސް އަދާލަތަށް ތާއީދުކުރާ ރައްޔިތުން ވަރަށް މަދު ސިޓީއަކަށް ވާތީ އެ ޕާޓީގެ ހަރަކާތްތައް އަބަދުވެސް މަދެވެ. އަދި އެ ޕާޓީގެ ސަޕޯޓަރުން މަދުކަމަށްވިޔަސް ރައީސަށް މަރުހަބާ ދެންނެވުމަށް ގިނަ ރައްޔިތުން ތިބީ އުފަލުން ކަމަށާއި ރައީސަށް ފުރިހަމަ މަރުހަބާއެއް ދެންނެވުމަށް އެމީހުން ތިބީ ވަރަށް ތައްޔާރަށް ކަމަށް އެމީހުން ބުނެއެވެ.
ރިޔާސީ ކެމްޕެއިނަށް ރައީސް މިއަދު ހަވީރު މި ސިޓީއަށް ވަޑައިގަންނަވައި، ސަރުކާރުން ހިންގަމުން ގެންދާ މަޝްރޫއުތައް ބައްލަވައިލައްވާނެއެވެ. އަދި އޭގެ ތެރެއިން ނިިމިފައިވާ މަޝްރޫއުތައް އިފްތިތާހުކޮށްދެއްވައި، މިރޭ މި ސިޓީގައި ކެމްޕެެއިން ބޮޑު ޖަލްސާއެއް ބާއްވަން ވަނީ ނިންމަވައިފައެވެ.
ރައީސްގެ މި ދަތުރުފުޅު ނިންމަވާލައްވައި މި ސިޓީން ފުރާވަޑައިގަންނަވާނީ މާދަމާގެ ވަގުތެއްގައެވެ. އެއަށްފަހު ވަޑައިގަންނަވާނީ ށ. އަތޮޅަށެވެ.