ޔޫކްރެއިންގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރަކު އާއިލާއާ އެކު ޗުއްޓީ ހޭދަކުރަން ރާއްޖެ އައި މައްސަލައެއްގެ ޖިނާއީ ތަހުގީގެއް ފަށާފައިވާ ކަމަށް އެ ގައުމުގެ ޖެނެރަލް ޕްރޮސިކިއުޓާސް އޮފީހުން ބުނެފިއެވެ.
ރަޝިއާއިން ޔޫކްރެއިނާ ދެކޮޅަށް ހަނގުރާމަ ކުރަމުންދާތީ މި އަހަރުގެ ޖެނުއަރީން ފެށިގެން ޔޫކްރެއިންގެ އެއްވެސް އޮފިޝަލަކު ޗުއްޓީގައި ގައުމުން ބޭރަށް ދަތުރުކުރުން ވަނީ މަނާކޮށްފައެވެ. އަދި އެ ގައުމުގެ އުމުރުން 18 އަހަރާއި 60 އަހަރާ ދެމެދުގެ ފިރިހެނުންވެސް ގައުމުން ބޭރަށްދާއިރު ހާއްސަ ހުއްދައެއް ހޯދަންޖެހެއެވެ.
ޔޫކްރެއިންގެ ޖެނެރަލް ޕްރޮސިކިއުޓާސް އޮފީހުން ބުނީ، ޔޫރީ އަރިސްތޯވްގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގަން ފަށާފައިވަނީ ޕޮލެންޑަށް ކުރެއްވި ތިން ދުވަހުގެ ވިޔަފާރި ދަތުރަކަށްފަހު ބަލިވެގެން ސަލާން ވިދާޅުވެ، އާއިލާ އާއެކު ރާއްޖެއަށް ޗުއްޓީއަށް ވަޑައިގެންނެވި މައްސަލައެއްގައި ކަމަށެވެ.
ޔޫކްރެއިންގެ ސްޓޭޓް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެސްބީއައި) އިން ބުނީ، މިހާތަނަށް ބެލި ބެލުމުން އެނގޭ ގޮތުގައި އަރިސްތޯވް ވަނީ މި މަހުގެ ތެރޭގައި އޭނާގެ އަންހެނުންނާއި ދަރިއާއެކު ރާއްޖޭގެ އިތާފުށި ރިސޯޓުގައި ޗުއްޓީ ހޭދަކުރައްވައިފައެވެ. އަދި އެކަން ފަޅާއެރީ ޔޫކްރެއިންގެ މީޑިއާއަށެވެ.
އެ މައްސަލައިގައި އޭނާއަށް ކުރަނީ ގައުމުން ބޭރަށް ދިއުމަށް ދޮގު މައުލޫމާތު ދިން ކަމުގެ ތުހުމަތެވެ. އެކަން ސާބިތުވެއްޖެ ނަމަ ތިން އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.
އެ މައްސަލަ ފެންމަތިވުމުން އަރިސްތޯވް ވަނީ އިސްތިއުފާ ހުށަހަޅުއްވައިފައެވެ. އެކަމާ މެދު ގޮތެއް ނިންމާނީ ޕާލަމެންޓުގެ ދެން އޮންނަ ސެޝަންގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު