އަންނަ ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީއާއެކު ކޯލިޝަން ނުހަދަން އެމްއާރުއެމުން ނިންމައިފިއެވެ.
ރިޔާސީ އިންތިހާބުގައި އެމްޑީޕީއާއެކު ކޯލިޝަން ހެދުމުގެ ދައުވަތު ރައީސް ސޯލިހުގެ ފަރާތްޕުޅުން މިހާރު ވެރިކަން ހިންގާ ކޯލިޝަންގެ ހުރިހާ ސިޔާސީ ޕާޓީތަކަށާއި އެމްޑީއޭއަށް ފޮނުއްވިއެވެ. އޭގެ ތެރެއިން އެމްޑީޕީއާއެކު ކޯލިޝަން ހަދަން ނިންމީ އަދާލަތު ޕާޓީއާއި އެމްޑީއޭ އެވެ.
ޖޭޕީން އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރިޔާސީ ރޭހަށް ނެރެން ނިންމި އިރު، އެމްއާރުއެމުން މިއަދާ ހަމައަށްވެސް ރަސްމީކޮށް ގޮތެއް ނިންމާފައެއް ނުވެއެވެ. ނަމަވެސް އެމްޑީޕީއާއެކު ކޯލިޝަން ހެދުމަށް ރައީސް ސޯލިހު ދެއްވި ދައުވަތާ ގުޅޭ ގޮތުން އެމްއާރުއެމްއާއި އެމްޑީޕީގެ ލީޑާޝިޕިން މަޝްވަރާ ކުރިއެވެ.
އެމްއާރުއެމުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، އެމްޑީޕީގެ ލީޑާޝިޕާ އެކު މެއި އެއްވަނަ ދުވަހުގެ ރޭ އެމްއާރުއެމްގެ އޮފީހުގައި ބޭއްވި ބައްދަލުވުމަށްފަހު އެމްޑީޕީގެ ހުށަހެޅުންތައް އެ ޕާޓީގެ އެގްޒެކެޓިވް ކޮމިޓީއަށް ހުށަހަޅައި މަޝްވަރާކުރި ކަމަށެވެ.
ނަމަވެސް އެމްޑީޕީން ހުށަހެޅި ބައެއް ސިޔާސަތުތަކަށް އެމްއާރުއެމަށް އެއްބަސް ނުވެވޭތީ، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެމްޑީޕީއާއެކު މަސައްކަތް ކުރަން ނުފެންނަ ކަމަށް އެމްއާރުއެމްގެ އެގްޒެކެޓިވް ކޮމިޓީގެ މި އަހަރުގެ 10 ވަނަ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށް އެ ޕާޓީން ބުންޏެވެ.
އެމްޑީޕީއާއެކު ކޯލިޝަން ނުހަދާން އެމްއާރުއެމުން ނިންމި އިރު، އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި ޕާޓީގެ ރައީސް ފާރިސް މައުމޫން ނެރުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ. ފާރިސް އިސްވެ ހުންނަވައިގެން މި ހަފުތާ ތެރޭގައި ޖުމްހޫރީ ޕާޓީ އާއެކު ކޯލިޝަން ހެދުމުގެ މަޝްވަރާތަކެއް ވެސް ވަނީ ކުރައްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު