ޕާކިސްތާނާއި އިންޑިޔާއަށް މިނިވަންކަން ލިބުނީ ޖެހިޖެހިގެން އައި ދެ ދުވަހުއެވެ. ޕާކިސްތާނަށް 14 އޮގަސްޓް 1947 ގައެވެ. އިންޑިޔާއަށް އޭގެ އެއްދުވަސް ފަހުން 15 އޮގަސްޓް 1947 ގައެވެ. ދެ ގައުމުގެ މިނިވަންކަމަށް މިވީ 76 އަހަރެވެ. ހަގީގަތުގައި ޕާކިސްތާނާއި އިންޑިޔާއަށް އިނގިރޭސިން މިނިވަންކަން ދިނީ އެއްދުވަހެއްގެ އެއްވަގުތެއްގައެވެ. ދެގައުމަށްވެސް މިނިވަންކަން ދިނުމުގެ ލިޔުމުގައި އިނގިރޭސިން ސޮައިކުރީ އިންޑިޔާގެ ވެރިރަށް ނިއުދިއްލީގައި 15 އޮގަސްޓް 1947 ގެ ސުންގަޑި ސުން މިނިޓްގައެވެ. މާނައަކީ ދަންވަރު ބާރަޖެހިއިރުއެވެ. އެހެންވީމާ އެއީ އިންޑިޔާއަށް 15 އޮގަސްޓެވެ. ޕާކިސްތާން އޮންނަނީ ނިއުދިއްލީއަށްވުރެ އިރުމަތީގައި ކަމަށްވެފައި ގަޑީގެ ގޮތުން ތިރީސް މިނިޓުގެ ފަރަގެއް އުޅޭތީ އެއީ ޕާކިސްތާނަށް އަދި 14 އޮގަސްޓެވެ. އެގޮތުން ދެ ގައުމުގެ މިނިވަން ދުވަސް ދެ ދުވަހަކަށްވީއެވެ. ގަޑީގެ ފަރަގުން ދިމާވި ގޮތެކެވެ.
މި ލިޔުމުގެ ބޭނުމަކީ ދެ ގައުމުގެ މިނިވަން ދުވަސް ދެ ދުވަހަކަށްވީ ސަބަބު ބަޔާން ކުރުމެއް ނޫނެވެ. ޕާކިސްތާނުގެ ކަރާޗީ އާއި އިންޑިޔާގެ ނިއުދިއްލީއާ ދެމެދު 14 އޮގަސްޓާއި 15 އޮގަސްޓާ ދެމެދު އިނގިރޭސި ވައިސްރޯއި ލޯޑް ލުއީ މައުންޓްބަޓެން ދަތުރުކުރެއްވި ގޮތް ބަޔާން ކުރުމެއްވެސް ނޫނެވެ. އަދި އެންމެފުރަތަމަ ޕާކިސްތާނުގެ މިނިވަން ދުވަހަކީ އޮގަސްޓް 15 ކަމަށް ޕާކިސްތާނުގެ ބާނީ މުހައްމަދު އަލީ ޖިނާހު އިއުލާން ކުރެެއްވުމަށްފަހު ތަންކޮޅެއް ފަހުން ހަގީގީ ދުވަހަކީ 14 އޮގަސްޓްކަމަށް ބަދަލުކުރެވުނު ސަބަބު ބަޔާން ކުރުމެއްވެސް ނޫނެވެ. ބޭނުމަކީ ދެ ގައުމުގެ މިނިވަންކަމަށް ފާއިތުވެގެންދިޔަ 76 އަހަރުގެ ތެރޭގައި ބައެއް ދާއިރާތަކުގައި ދެ ގައުމުގެ އާދަޔާ ޚިލާފު ވާދަވެރިކަމަށް ހިސާބަކަށް ބަލައިލުމެވެ.
ހަމަކޮންމެ ކަމެއްގައި އިންޑިޔާ އާއި ޕާކިސްތާނަކީ ބޮޑު ދެ ވާދަވެރިންނެވެ. އެއްބަޔަކު ކުރާކަމެއް އަނެއް ބަޔަކު މާމޮޅަށް މާފުރިހަމަޔަށް ކުރެވޭތޯ އަބަދުވެސް ތިބެނީ ފޫގަޅައިގެންނެވެ. އަސްކަރީ ކަންކަމުގައެވެ. ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާގައެވެ. ކުޅިވަރުގެ ދާއިރާގައިވެސްމެއެވެ. އިންޑިޔާއިން ނިއުކުލިއަރ ޕްރޮގްރާމެއް ފެށީމާ ޕާކިސްތާނުގެ އޭރުގެ ބޮޑުވަޒީރު ޒުލްފިގާރު އަލީ ބުއްޓޫ ވިދާޅުވެފައިވެއެވެ. އިންޑިޔާއިން ނިއުކުލިއަރ ބޮމެއް ހަދައިފިއްޔާ ނުކައިނުބޮއި ބަނޑަށް ތިބެގެންވިޔަސް، އަދި ގެރިބަކަރީގެ މިސާލުގައި ފަތްކައިގެން ތިބެން ޖެހުނަސް ޕާކިސްތާނުން ހުއްޓައިލާނީ ނިއުކުލިއަރ ބޮމެއް ހަދައިފައެވެ. ބުއްޓޫގެ މިވިދާޅުވުން ހަގީގަތަކަށްވިއެވެ. އިންޑިޔާއިން 1998 ގައި ނިއުކުލިއަރ ބޮމެއް ހަދައި ޓެސްޓްކުރީމާ ހަމައެއަހަރު ޕާކިސްތާނުންވެސް ވަނީ ނިއުކުލިއަރ ބޮމެއް ހަދައި ޓެސްޓްކޮށްފައެވެ.
ވާދަވެރިކަމުގެ މައިދާނުގައި ކުޅިފަސް ހޯދުމަށްޓަކައި މިޒަމާނުގައި ފުރިހަމަވާންޖެހޭ ކަންކަން ހުރެއެވެ. އިގްތިސާދީ ކެރިފޯރުންތެރިކަމާއި ހަމަޖެހުމެވެ. މިކަންކަމަށް ރިއާޔަތްކުރާއިރު ތިލަފަތް ބަރުވަނީ އިންޑިޔާ ކޮޅަށެވެ. ގާތްގަޑަކަށް 3.5 ޓްރިލިއަން ޑޮލަރުގެ އިގްތިސާދަކާއެކު އިންޑިޔާއަކީ ދުނިޔޭގެ އެންމެ ބޮޑު ފަސްވަނަ އިގްތިސާދެވެ. ޕާކިސްތާނަކީ 375 ބިލިޔަން ޑޮލަރުގެ އިގްތިސާދަކާއެކު ދުނިޔޭގައި 42 ވަނައަށް އެންމެ ބޮޑު އިގްތިސާދެވެ. މިއީ ވަރަށް ބޮޑު ފަރަގެކެވެ. ކަންކަމަށް ޚަރަދުކުރުމާއި ތަރައްގީ ކުރުމުގައި އިންޑިޔާގެ ފޯރުންތެރިކަން ޕާކިސްތާނަށްވުރެ ހުރިހާ ގޮތަކުންވެސް މައްޗެވެ. މިކަން މިހެންހުރީމާ ފަހަކަށް އައިސް ގިނަ ކަންކަމުގައި ކުޅިފަސްހޯދާތީ ފެންނަނީ އިންޑިޔާއިންނެވެ. މިކަމުގެ އެންމެ ރީތި އެއް މިސާލަކީ ދެ ގައުމުގެ ޖައްވީ ޕްރޮގްރާމުގެ ތަފާތެވެ.
ޖައްވީ ޕްރޮގްރާމެއް އިންޑިޔާއަށްވުރެ ކުރިން ފެށީ ޕާކިސްތާނުންނެވެ. ޕާކިސްތާނުގެ ޖައްވީ ޕްރޮގްރާމަށް 62 އަހަރު ވެއްޖެއެވެ. އިސްލާމީ ދުނިޔޭގައި އަދި ތިންވަނަ ދުނިޔޭގެ ގައުމެއްގައި އެންމެ ފުރަތަމަ ޖައްވީ ޕްރޮގްރާމެއް ފެށީވެސް ޕާކިސްތާނުގައެވެ. އެކަމަކު ޕާކިސްތާނުގެ މި ޕްރޮގްރާމް އަދިވެސް އޮތީ ބިންމަތީގައެވެ. އުދުއްސައި ނުގަނެވެއެވެ. އިންޑިޔާއިން ޖައްވީ ޕްރޮގްރާމެއް އިފްތިތާހު ކުރީވެސް ޕާކިސްތާނަށްވުރެ އެއް އަހަރު ފަހުން 1962 ގައެވެ. އިންޑިޔާގެ މި ޕްރޮގްރާމް މިހާރު ހަނދާ ހަމައަށްވެސް ފޯރައިފިއެވެ. އިންޑިޔާއިން މި ޖުލައި މަހުގެ ސާދަ ވަނަ ދުވަހު ޗަންދުރާޔަން-3 ގެ ނަމުގައި އައު އުޅަނދެއް ވަނީ ހަނދަށް އުދުއްސައިލައިފައެވެ. ހަނދުގެ ދެކުނު ތަނޑިއާ ކައިރި ހިސާބަކަށް މި އުޅަނދު ތިރިކުރާނީ ކުރިއަށް އޮތް އޮގަސްޓް މަހުގެ ތޭވީސް ވަނަ ދުވަހުއެވެ. އިންޑިޔާ ހިމެނޭނީ ހަނދަށް އުޅަނދެއް ފޮނުވައި އަދި އެ އުޅަނދު އަލުން ދުނިޔެއަށް ގެންނަ ތިންވަނަ ގައުމު ކަމުގައެވެ.
ހަގީގަތުގައިވެސް މިއީ އިންޑިޔާގެ ވަރަށް ބޮޑު ކާމިޔާބީއެކެވެ. ކުރިއަށް އެޅުނު ވަރަށް ބޮޑު ފިޔަވަޅެކެވެ. ހަނދު ބަލަން މިހާ ބުރަ މަސައްކަތެއް، މިހާ ބޮޑު ޚަރަދެއް ކުރުމުގެ ބޭނުމަކީ ކޮބައިހޭ، އެއީ މައްޗަށް ބަލައިލުމުން ފެންނާން އޮންނަ އެއްޗެކޭ ވިދާޅުވެ ޕާކިސްތާނުގެ ކުރީގެ ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު ފުއާދު ޗައުދަރީ އިންޑިޔާގެ ޖައްވީ ޕްރޮގްރާމަށް ޖޯކު ޖެއްސެވިއަސް މިއީ ދޮގުކުރެވެން ނެތް ކާމިޔާބީއެކެވެ. ޕާކިސްތާނުގެ ޖައްވީ ޕްރޮގްރާމުގައި ރޭވިފައިހުރި ކަންކަން ތަންފީޒުވާ ދުވަހެއް އަދި ނާދެއެވެ. އޭގެތެރޭގައި ހަނދަށް އިންސާނުން ފޮނުވުންވެސް ހިމެނެއެވެ. އެކަމަކު އެކަމަށް އަމާޒު ހިފުމުގެ ބަދަލުގައި ބޮޑަށް އިސްކަންދޭ ކަމަށް ފެންނަނީ ޕާކިސްތާނުގައި އުފައްދާ ސެޓެލައިޓްތައް އެހެން ގައުމުތަކުގެ ރޮކެޓްގައި ޖައްވަށް ފޮނުވުމުގެ މަސައްކަތަށެވެ. ޕާކިސްތާނުގެ ޖައްވީ ޕްރޮގްރާމަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ފައިސާގެ ތާށިކަމެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ