3000 ކާރު އަރުވައިގެން ދަތުރުކުރަމުންދިޔަ ކާގޯ ބޯޓެއްގައި ރޯވެއްޖެއެވެ.

ޖަރުމަނުން ފުރައިގެން މިސްރަށް ދަތުރުކުރަމުންދިޔަ އެ ބޯޓުގައި ރޯވި އަލިފާންގަނޑާއެކު މުޅި ބޯޓުތެރެއަށް ދުންގަނޑު ފެތުރިގެން ދިޔަ ކަމަށް ބޯޓުގެ ކެޕްޓަނާ ހަވާލާދީ ނޫސްތަކުން ބުނެއެވެ.

ދުމުގެ އަސަރުކުރުމުގެ ސަބަބުންނާއި އެކިވަރުގެ އަނިޔާ ލިބުމުގެ ސަބަބުން އެކަކު މަރުވެފައިވާއިރު، 22 މީހަކަށް ފަރުވާ ދީފައިވާކަމަށްވެސް އޮފިޝަލުން ބުނެއެވެ.

ބޯޓުގައި ރޯވި އަލިފާންގަނޑު ނިއްވުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ޑަޗް ކޯސްޓްގާޑުގެ އޮފިޝަލަކު ވަނީ ބޯޓުގައި ރޯވާން މެދުވެރިވި ސަބަބު ކަމަށް މިހާތަނަށް އެނގިފައިވަނީ ބޯޓަށް އަރުވާފައިވާ ކާރުތަކުގެ ތެރެއިން އިލެކްޓްރިކް ކާރެއްގައި ރޯވެގެން ކަމަށް ބެލެވޭކަމަށް ބުނެފައެވެ. އެ ބޯޓަށް 25 އިލެކްޓްރިކް ކާރު އަރުވާފައިވާކަމަށް ވެސް އޮފިޝަލުން ބުނެއެވެ.

ރޯވި ބޯޓު ޓަގުބޯޓެއްގައި ޖަހައިގެން ރައްކާތެރި ހިސާބަކަށް ގެންދިއުމުގެ މަސައްކަތް އޮފިޝަލުން އަންނަނީ ކުރަމުންނެވެ.