މި އަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތާއި ގުޅުވައިގެން ބޭއްވި، ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި އެ މަނިކުފާނުގެ އަނބިކަނބަލުން ފަޒުނާ އަހުމަދު ބައިވެރިވެވަޑައިގެންފިއެވެ.

ރާއްޖޭގެ މިނިވަން ކަމަށް 58 އަހަރު ފުރޭ 59ވަނަ މިނިވަން ދުވަހުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން ބޭއްވި، ދިދަ ނެގުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު 6:00 ގައި ޖުމްހޫރީ މައިދާނުގައެވެ.

ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ވަޒީރުންނާއި ދައުލަތުގެ އިއްޒަތްތެރީން ވަނީ ރައީސުލްޖުމްހުރިއްޔާގެ ދެކަނބަލުންގެ އަރިހުގައި ބައިވެރިވެ ވަޑައިގަންނަވާފައިވެއެވެ.

މި ރަސްމިއްޔާތަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޖުމްހޫރީ މައިދާނަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ދެންނެވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދުދީދީ އާއި ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ އެވެ. މި ރަސްމިއްޔާތުގައި ދިދަ ނެގުމުގެ އިތުރުން ދުވަހާ ގުޅޭ ހާއްސަ ދުއާއެއް ވަނީ ކޮށްފައެވެ. އިސްވެ އެ ދުއާ ކޮށްދެއްވާފައިވަނީ އައްޝައިޚް އާޒިމް ހާލިދެެވެ.

ރާއްޖޭގެ މިނިވަން ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ޖުލައި މަހުގެ 26 ވަނަ ދުވަހެވެ. ރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބިފައިވަނީ 26 ޖުލައި 1965 ގައެވެ.