އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހިންގާ އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން ލޯނުގެ ގޮތުގައި މި އަހަރުގެ މިހާތަނަށް 1.7 ބިލިޔަން ރުފިޔާ ދޫކޮށްފިއެވެ.
އެސްޑީއެފްސީއަކީ އެންމެ ކުދި، ކުދި، އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގުސަދުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އުފައްދާފައިވާ ތަނެކެވެ.
ވިޔަފާރިތަކަށް ލޯނު ދިނުމުގެ އިތުރަށް މާކެޓްގައި ހުރި ފުރުސަތުގެ މައުލޫމާތު ފޯރުކޮށްދިނުމާއި އެ ވިޔަފާރިތަކުގެ ފައިނޭންޝިއަލް ލިޓްރަސީ އިތުރުކުރުމަށް މަސައްކަތްކޮށް، އެންމެ ކުދި، އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ފުރުސަތުތައް ތަނަވަސްކޮށް ދިނުންވެސް އެ ކޯޕަރޭޝަން އުފެއްދި މަގުސަދުގެ ތެރޭގައި ހިމެނެއެވެ.
އެސްޑީއެފްސީގެ އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ، ހުސްވި ޖޫން 30ގެ ނިޔަލަށް 1423 ފަރާތަކަށް 1.7 ބިލިއަން ރުފިޔާގެ ލޯނު އެޕްރޫވްކޮށް އޭގެ ތެރެއިން 1272 ފަރާތަށް 1.34 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާ ކަމަށެވެ.
އޭގެ އިތުރުން ކޮވިޑުގެ ހާލަތުގެ ސަބަބުން ވިޔަފާރިތަކަށް ދިމާވި މާލީ ދަތިތައް ހައްލުކުރުމަށް "ކޮވިޑް-19 ވިޔަފާރި އެހީ"ގެ ނަމުގައި ކުރިއަށް ގެންދިޔަ ސްޓިމިއުލަސް ޕެކޭޖުގެ ދަށުން 2146 ފަރާތަށް 373 މިލިއަން ރުފިޔާގެ ލޯނު އެޕްރޫވް ކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
އޮފިޝަލް ވިދާޅުވީ، މިހާތަނަށް އެންމެ ގިނައިން ދޫކޮށްފައި ވަނީ 500،000 އާއި އެއް މިލިއަން ރުފިޔާއާ ދެމެދުގެ ލޯނު ކަމަށެވެ.
އެސްޑީއެފްސީން މައިގަނޑު ގޮތެއްގައި ލޯނު ދޫކުރަނީ އިގުތިސާދީ އަށް ދާއިރާ އަކަށެވެ. އޭގެ ތެރޭގައި ލޯކަލް ޓޫރިޒަމް، ދަނޑުވެރިކަން، މަސްވެރިކަން، އުފެއްދުންތެރިކަން، އަދި އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާ ހިމެނެއެވެ. އަދި ކޮމާސް، ދަތުރުފަތުރު އަދި އިމާރާތްކުރުމުގެ ސިނާއަތުގެ ވިޔަފާރިތަކަށްވެސް މާލީ އެހީތެރިކަން ފޯރުކޮށްދެއެވެ.
މިގޮތުން އަލަށް ވިޔަފާރި ފެށުމަށާއި ވިޔަފާރި ތަރައްގީކުރުމަށްޓަކައި ވިޔަފާރި ހިންގުމަށް ބޭނުން މުދަލާއި މެޝިނަރީ ގަތުމަށް އަދި ދުވަހުން ދުވަހަށް ބޭނުންވާ ހަރަދުތައް ކުރުމަށް ލޯނަށް އެދުމުގެ ފުރުސަތުވެސް ހުޅުވާލާފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު