ކުރިއަށް އޮތް ފަސް ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނެފިއެވެ.

މެޓް އޮފީހުން ބުނީ ކުރިއަށް އޮތް ދުވަސްތަކުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވާނެ ކަމަށެވެ. އެހެންކަމުން ރާއްޖޭގެ އެކި ހިސާބުތަކަށް ގުގުރައި ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި ބައެއް ސަރަހައްދުތަކަށް ކެރީގެ އަސަރު ކުރާނެ ކަމަށް ވެސް މެޓް އޮފީހުން ބުންޏެވެ.

ވިލާގަނޑުގައި 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާ ކުރެވުނު ނަމަވެސް އާންމު ގޮތެއްގައި ވައި ޖެހޭނީ ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށް ވެސް މެޓުން ބުންޏެވެ.

މެޓުން ބުނީ އަންނަ ބުދަ ދުވަހުގެ ނިޔަލަށް ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސްވާނެ ކަމަށެވެ. އެހެންކަމުން ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.