ދިރާގާއި ސްޕާކްހަބް ގުޅިގެން ކުރިއަށްގެންދިޔަ ލީން ސްޓާޓްއަޕް މޯލްޑިވްސް 2023 ވޯކްޝޮޕް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
ދިރާގުން މިއަދު ބުނީ ވިޔަފާރީގެ ހުނަރުތައް ތަރައްގީކުރުމަށާއި ސްޓާޓްއަޕްގެ ސަގާފަތް އެކުލަވާލުމުގެ ހިތްވަރުދިނުމަށް ކުރިއަށްގެންދިޔަ މި ވޯކްޝޮޕްގައި ރާއްޖޭގައި އުފެއްދުންތެރިކަމާއި ވިޔަފާރި ކުރިއެރުވުމަށްޓަކައި ލީން މެތަޑޮލޮޖީތައް ބޭނުންކުރާނެގޮތް ދަސްކުރުމަށް ޝައުގުވެރިވި 50 ފަރާތަކުން ބައިވެރިވެފައިވާ ކަމަށެވެ.
ދިރާގުން ބުނީ މި ވޯކްޝޮޕްގެ ބައިވެރިން ވަނީ އެމީހުންގެ މަސައްކަތުގެ އެކި މަރުހަލާތަކުގައްޔާއި ވިޔަފާރިތައް ފަށައިގަތުމަށް ލީން މެތަޑޮލޮޖީގެ އުސޫލުތައް ބޭނުން ކުރެވިދާނެ ގޮތުގެ އިލްމާއި ހުނަރު ހޯދާފައި ކަމަށެވެ. އެގޮތުން މި ޕްރޮގްރާމްގެ ސަބަބުން ކަސްޓަމާ ވެލިޑޭޝަން އަދި އެކްސްޕެރިމެންޓޭޝަން މެދުވެރިކޮށް ބައިވެރިންނަށް ހިޔާލުތައް ހޯދުމަށް ތަފާތު ޕްލެޓްފޯމެއް ލިބި، އައިޓަރޭޓިވް ޑިވެލޮޕްމަންޓާއި ރެޕިޑް ޕްރޮޓޯޓައިޕިންގެ މުހިންމުކަން ދެނެގަތުމަށް ބައިވެރިންނަށް އެހީތެރިވެދީފައިވާނެ ކަމަށް ދިރާގުން ބުންޏެވެ.
މީގެ އިތުރުން ޒަމާނީ ވަސީލަތްތަކާއި، އުސޫލުތައް ތައާރަފުކޮށް، ޕްރޮޓޯޓައިޕްތައް ހަލުވިކަމާއެކު ހަދާނެގޮތުގެ މައުލޫމާތުވެސް ބައިވެރިންނަށް ފޯރުކޮށްދީފައިވާނެ ކަމަށް ދިރާގުން ބުންޏެވެ.
ސްޕާކްހަބްގެ ޗީފް އޮޕަރޭޝަންސް އޮފިސަރު އައިޝަތު އަދުނާން ވިދާޅުވީ ސްޕާކްހަބްގެ އަމާޒަކީ ރާއްޖޭގައި އުފެއްދުންތެރިކަމާއި ސްޓާޓްއަޕް ކުރިއަރުވާ މާހައުލެއް އަބަދުވެސް ގާއިމުކުރުން ކަމަށެވެ. އަދި މި ވޯކްޝޮޕްގައި ބައިވެރިންގެ ފުރިހަމަ ޝައުގުވެރިކަން ފެނުމުން، ރާއްޖޭގައި ހަރުދަނާ ސްޓާޓްއަޕް އިކޯސިސްޓަމެއް އުފެއްދުމަށް ކުރާ މަސައްކަތުގެ މުހިންމުކަން ކަށަވަރުވެގެން ގޮސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ދިރާގުގެ ސީސީއޯ އަލީ ރިޔާޒު ވިދާޅުވީ ވިޔަފާރީގެ ހުނަރު ތަރައްގީކުރުމަށް ހިތްވަރުދީ، ސްޓާޓްއަޕް ސަގާފަތް ބާރުވެރިކުރުވުމަށް އެކުންފުނިން އަބަދުވެސް އެއްބާރުލުން ދެމުން ދާނެ ކަމަށެވެ. އަދި މި ވޯކްޝޮޕުން ބައިވެރިންނަށް ދަސްވި ކަންކަން، ކުރިއަށް އޮތް ތަނުގައި ސްޓާޓަޕްތަކާއި ވިޔަފާރިތަކުގައި ބޭނުންކުރަމުން ގެންދާނެކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު