އެމްއެމްޕީއާރުސީ މެދުވެރިކޮށް ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން މަނީ ލޯންޑަރިންނާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ ސާބިތުވެ، 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން، އެ މަނިކުފާނުގެ ވަކީލުން ބައްދަލުކުރިޔަ ނުދީ މިއަދު ހުރަސްއަޅާފައިވާ ކަމަށް ބުނެ އެ ޕާޓީން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ވަކީލުން ޔާމީންއާ ބައްދަލުކުރަން ކަރެކްޝަނަލް ސާވިސްގެ އޮފިޝަލުން ދެކޮޅު ހެދީ، އެނގިފައިވާ ގޮތުގައި ވަކީލުން ގެންދިޔަ ބައެއް ލިޔެކިޔުންތައް ހިމެނޭ ފައިލެއް އެ އޮފިޝަލުންނަށް ދައްކަން ޔާމީންގެ ވަކީލުން ދެކޮޅު ހެދުމުންނެވެ.
ޕީޕީއެމްގެ ތަރުޖަމާން، ހީނާ ވަލީދު މީޑިއާތަކަށް މިއަދު ފޮނުވި މެސެޖުގައި ވިދާޅުވީ ޔާމީންއާ ބައްދަލުކުރަން ވަކީލުންނަށް މިއަދު އޮތީ ވަގުތު ދީފައި ކަަމަށާއި ނަމަވެސް ވަކީލުން މާފުއްޓަށް ވަޑަައިގެން ފަހުން އެ ބައްދަލުވުމަށް ކަރެކްޝަނުން ހުރަސްއަޅާފައިވާ ކަމަށެވެ.
މިކަމާ ގުޅޭ ގޮތުން "ވަން" އަށް މައުލޫމާތު ދެއްވަމުން ކަރެކްޝަންސްގެ މީޑިއާ އޮފިޝަލު ވިދާޅުވީ، ވަކީލުންނަށް ޔާމީންއާ ބައްދަލުނުކުރެވުނީ ބައެއް ލިޔެކިޔުންތައް ދެއްކުމަށް އެ ބޭފުޅުން ދެކޮޅު ހެދުމުން ކަމަށާއި ޖަލަށް އެއްވެސް އެއްޗެއް ވެއްދޭނީ ޗެކުކޮށްފައި ކަމަށެވެ.
ޔާމީންގެ ވަކީލުންނަށް އެ މަނިކުފާނާ ބައްދަލުކުރުމުގެ ހުއްދަ ނުދިންއިރު ރިޔާސީ އިންތިހާބުގައި ވާދަކުރަން އެ މަނިކުފާނުގެ ފޯމު ހުށަހަޅަން ޕީޕީއެމުން ދަނީ މަސައްކަތް ކުރަމުންނެވެ. ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލާފައި އޮތީ މިއަދުން ފެށިގެން އަންނަ މަހުގެ ހަތަކަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު