ފުވައްމުލަކު ސިޓީގައި ޑައިވް ސްކްލޫ ހިންގާ ފަރާތްތަކުން ކައުންސިލުގައި އިހުތިޖާޖު ކުރަން ފަށައިފިއެވެ.

ޑައިވަރުން އިހުތިޖާޖު ކުރަމުންދަނީ ފުވައްމުލައް ސިޓީ ކައުންސިލުން ގެޒެޓުކޮށްފައިވާ "ފުވައްމުލަކު އިހުތިސާސް ތެރޭގައި ހިމެނޭ ކަނޑުގެ ސަރަހައްދު ފަތުރުވެރިކަމުގެ ބޭނުމަށް މެނޭޖުކުރުމާ ބެހޭ ގަވާއިދު"ގެ ދަށުން ޑައިވްކުރާ މީހުންގެ އަތުން ފީއެއް ނެގުމަށް ނިންމުމާ ގުޅިގެންނެވެ. ސިޓީ ކައުންސިލުގެ އެ ނިންމުމާ ގުޅިގެން އެ ރަށު ޑައިވް ސްކޫލުތަކުންނާއި ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ގިނަ ފަރާތްތަކުން މީގެ ކުރިންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެ ގަވާއިދުގައިވާ ގޮތުން ފުވައްމުލަކުގެ އިހުތިސާސް ތެރޭގައި ހިމެނޭ ކަނޑުގެ ސަރަހައްދުތަކަށް ޑައިވްކޮށް ފީނައި ފޮޓޯ ނެގުމަށް ކައުންސިލުން ހާއްސަ ހުއްދައެއް ހޯދަންޖެހެއެވެ. އެ ސަރަހައްދުތަކަށް ޑައިވްކުރާ ރާއްޖޭން ބޭރުގެ ސަފާރީ ނުވަތަ އުޅަނދުތަކުން ޑައިވްކުރާ ކޮންމެ މީހަކަށް 15 ދުވަހުގެ މުއްދަތައް 200 ޑޮލަރު ދައްކަންޖެހޭނެ ކަމަށް ގަވާއިދުގައިވެއެވެ.

އޭގެ އިތުރުން ފުވައްމުލަކުގައި ރަޖިސްޓްރީ ކޮށްފައި ނުވާ ޑައިވް ސްކޫލުތަކާއި ލޯކަލް ސަފާރީތަކުން ޑައިވްކުރާ ކޮންމެ ފަތުރުވެރިއެއްގެ އަތުން 15 ދުވަހަށް 55 ޑޮލަރު ޗާޖުކުރާއިރު ރަޖިސްޓްރީ ކޮށްފައިވާ ޑައިވް ސްކޫލުތަކުން 40 ޑޮލަރު ނަގާނެއެވެ. އަދި ޑައިވްކުރާ ކޮންމެ ދިވެއްސެއް އަދި ވޯކްޕާމިޓް ހޯލްޑަރެއްގެ އަތުން އެ މުއްދަތަށް 20 ޑޮލަރު ނެގުމަށްވެސް ވަނީ ކަނޑައަޅައިފައެވެ.

މިކަމާ ގުޅިގެން ޑައިވަަރުން ވަނީ އެ މީހުންގެ ޝުއޫރުތައް ފެންނަ ބޯޑުތަކާ އެކު މިއަދު ހެނދުނު ރަށު ކައުންސިލް އިދާރާއަށް ވަދެ، އިހުތިޖާޖު ކޮށްފައެވެ. އެ ރަށުން "ވަން" އާ ވާހަކަދެއްކި ޑައިވަރަކު ބުނި ގޮތުގައި ރަށުގައި ހިންގާ އެއް ޑައިވްސްކޫލް ފިޔަވައި އެހެން ހުރިހާ ޑައިވް ސްކޫލުތަކުން އެ އިހުތިޖާޖުގައި ބައިވެރިވިއެވެ. އަދި ކައުންސިލުން މިހާރު އެ ފަރާތްތަކާއެކު މަޝްވަރާގެ ބައްދަލުވުމެއް ބާއްވަމުން ގެންދާ ކަމަށްވެސް އޭނާ ބުންޏެވެ.

ފުވައްމުލަކަކީ ރާއްޖޭގައި އޮންނަ އެންމެ މަޝްހޫރު ޓައިގާ ޝާކް ޑައިވް ޕޮއިންޓް އޮންނަ ރަށެވެ. ފުވައްމުލައް ބަނދަރު ތޮށީގެ ބޭރުގައި އޮންނަ "ފަރިކެޑެ" ސަރަހައްދުގެ ބައެއްގެ ގޮތުގައި އޮންނަ އެ ޑައިވް ޕޮއިންޓަކީ ހިމާޔަތްކޮށްފައިވާ ސަރަހައްދެކެވެ. އަދި ފަތުރުވެރިންނާއި ދިވެހިންގެ މެދުގައިވެސް މަގުބޫލު ސަރަހައްދެކެވެ.