ސައުދީގެ ރައްޔިތުންނަށް އެމީހުންގެ ރައްޓެހިން އުމްރާއަށް ގެންދިއުމަށް ހާއްސަ ވިސާއެއް ދޫކުރުމަށް އެގައުމުން ނިންމައިފިއެވެ.

ސައުދީ އަރަބިއްޔާގެ މިނިސްޓްރީ އޮފް ހައްޖު އެންޑް އުމްރާ އިން ވަނީ އެގައުމުގެ ރައްޔިތުންނަށް އެހެން ގައުމުތަކުގައި ދިރިއުޅޭ ރައްޓެހިންނަށް އުމްރާ ކުރުމަށް އެގައުމަށް އެތެރެވުމަށް ''ޕާސަނަލް ވިޒިޓް ވިސާ"ގެ ނަމުގައި ހާއްސަ ވިސާއެއް ދިނުމަށް ނިންމައިފައެވެ.

މިނިސްޓްރީން ބުނީ ޕާސަނަލް ވިޒިޓް ވިސާ އިން އެގައުމަށް ސިންގަލް އެންޓްރީގެ އިތުރުން މަލްޓިޕަލް އެންޓްރީ ވިސާ ލިބޭނެ ކަމަށެވެ.

''ޕާސަނަލް ވިޒިޓް ވިސާ" އޮންލައިންކޮށް ނެގޭނެ ކަމަށް މިނިސްޓްރީ އޮފް ހައްޖު އެންޑް އުމްރާ އިން ވަނީ ބުނެފައެވެ. އަދި އެ ވިސާ އިން އުމްރާގެ އަޅުކަމުގެ އިތުރުން ސައުދީ އަރަބިއްޔާގެ ގަދީމީ ސަރަހައްދުތަކަށް ދަތުރުކުރެވޭނެ ކަމަށް ވެސް މިނިސްޓްރީން ބުނެފައިވެއެވެ.

މިނިސްޓްރީ އޮފް ހައްޖު އެންޑް އުމްރާ އިން ވަނީ ''ޕާސަނަލް ވިޒިޓް ވިސާ"ގެ ސިންގަލް ވިސާގެ ދިގުމިނަކީ 90 ދުވަސް ކަމަށް ބުނެފައެވެ. އަދި މަލްޓިޕަލް ވިސާއިން ވެސް އެގައުމަށް އެތެރެވާ ކޮންމެ ފަހަރަކު މަޑުކުރެވޭނީ 90 ދުވަހެވެ. ނަމަވެސް ވިސާ އާ ކުރުމަކާ ނުލައި، އަހަރެއް ވަންދެން ކޮންމެ ފަހަރަކު 90 ދުވަހަށް މަޑުކުރެވޭނެއެވެ.