އަންނަ ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހު ބާއްވަން ހަމަޖައްސާފައިވާ ރިޔާސީ އިންތިހާބާ ގުޅޭގޮތުން ހުށަހެޅޭ ޝަކުވާތައް ބަލައިގަތުމަށްޓަކައި "ގައުމީ ކޮމްޕްލެއިންޓްސް ބިއުރޯ" ގާއިމުކޮށްފިއެވެ.

ކޮމްޕްލެއިންޓްސް ބިއުރޯ ގާއިމުކޮށްފައިވަނީ، އިންތިހާބާ ބެހޭ މަރުކަޒު (ދަރުބާރުގެ)ގަ އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނީ، ޝަކުވާ ހުށަހަޅާ ފޯމު އެ ކޮމިޝަނުގެ ވެބްސައިޓުންނާއި އިންތިހާބާ ބެހޭ މަރުކަޒާއި އެ ކޮމިޝަނުގެ އިދާރާގެ ކައުންޓަރުންނާއި ރަށްރަށުގެ ރަށު ކައުންސިލް އިދާރާ އަދި އަތޮޅު/ސިޓީތަކުގައި ގާއިމުކުރެވިފައިވާ އެ ކޮމިޝަންގެ ފޯކަލް ޕޮއިންޓުތަކުން ލިބޭނެ ކަމަށެވެ.

މީގެ އިތުރުން ރާއްޖެއިން ބޭރުގައި ގާއިމުކޮށްފައިވާ ފޯކަލް ޕޮއިންޓުތަކުންވެސް ޝަކުވާ ހުށަހަޅާ ފޯމު ލިބެން ހުންނާނެ ކަމަށް އީސީން ބުންޏެވެ.

ގައުމީ ކޮމްޕްލެއިންޓްސް ބިއުރޯއަށް ގުޅޭނެ ނަންބަރުތަކަކީ 3004498 އަދި 3004450 އެވެ. މި ބިއުރޯގެ އީމެއިލް އެޑްރެހަކީ [email protected] އެވެ.

ގައުމީ ކޮމްޕްލެއިންޓްސް ބިއުރޯ ހުޅުވިފައި ހުންނާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން މެންދުރުފަހު 3:00 އަށެވެ. އަދި ހުކުރު ދުވަހު މެންދުރުފަހު 2:00 އިން ހަވީރު 5:00 އަށެވެ.

އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ކޮމްޕްލެއިންޓްސް ބިއުރޯ އުފައްދާފައިވީ ނަމަވެސް އިންތިހާބާ ގުޅުންހުރި ކޮރަޕްޝަންގެ މައްސަލަތައް ހުށަހަޅަން ޖެހޭނީ، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ކަމަށާއި ބްރޯޑްކާސްޓް ކުރުމާބެހޭ މައްސަލަތައް ހުށަހަޅަން ޖެހޭނީ ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އަށް ކަމަށެވެ.