ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްކޮށް ހުންނަވައިގެން އުފެއްދެވި ސިޔާސީ ޕާޓީ، 'ދަ ޑިމޮކްރެޓްސް' ގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށް ކުރިމަތިލެއްވީ، ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު އެކަންޏެވެ.
'ދަ ޑިމޮކްރެޓްސް' ގެ ރިޔާސީ ޕްރައިމަރީ އަންނަ ހުކުރު ދުވަހު ބާއްވަން ހަމަޖެހިފައިވާ އިރު، އެ ޕްރައިަރީއަށް ކުރިމަތިލާން ހުޅުވައިލި ފުރުސަތު މިއަދު ހަވީރު 4:00 އަށް ވަނީ ހަމަވެފައެވެ.
ނަން ނުޖެހުމަށް އެދި 'ދަ ޑިމޮކްރެޓްސް' ގެ އިސް ބޭފުޅަކު ‘ވަން’އަށް ވިދާޅުވީ، އިލްޔާސް ލަބީބު ނޫން ބޭފުޅަކު ޕްރައިމަރީއަށް ކުރިމަތިލައްވާފައި ނުވާ ކަމަށެވެ. ޕްރައިމަރީއަށް ކުރިމަތިލެއްވުމަށް އިލްޔާސް ލަބީބު ފޯމު ހުށަހެޅުއްވީ މިއަދު މެންދުރު 1:00 ހާއިރުއެވެ.
'ދަ ޑިމޮކްރެޓްސް' ގެ އިންތިހާބީ ކޮމިޓީއާ ފޯމު ހަވާލުކުރެއްވުމަށްފަހު އިލްޔާސް ލަބީބު މިއަދު ވިދާޅުވީ، ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށް އިސްވެ ނުކުންނެވީ، 'ދަ ޑިމޮކްރެޓްސް' އުފެއްދި މަގުސަދު ހާސިލުކުރުމަށްޓަކައި އެ ޕާޓީގެ ހުރިހާ މެންބަރުގެ އުންމީދުތައް ހަގީގަތަކަށް ހެއްދެވުމަށް ކަމަށެވެ. އެކަމުގައި ކުރިއަށް ވަޑައިގަންނަވާނީ، ރައީސް މުހައްމަދު ނަޝީދާއި ޕާޓީގެ އިސް ބޭފުޅުންނާއި ޕާޓީ މެންބަރުންގެ ވިސްނުމާއި ފިކުރާ އެއްގޮތަށް ކަމަށްވެސް ވިދާޅުވިއެވެ.
ރިޔާސީ ޕްރައިމަރީއަށް އެންމެ ކެނޑިޑޭޓަކު ކުރިމަތިލައްވާފައިވާތީ، 'ދަ ޑިމޮކްރެޓްސް' ގެ އަސާސީ ގަވާއިދު ބުނާގޮތުން ދާން ޖެހޭނީ ފެންނަ ނުފެންނަ ވޯޓަކަށެވެ.
'ދަ ޑިމޮކްރެޓްސް' ގެ އަސާސީ ގަވާއިދުގެ 124 ވަނަ މާއްދާގެ (ށ)ގައި ބުނެފައި ވަނީ، ރިޔާސީ ޕްރައިމަރީއަށް އެއް ކެނޑިޑޭޓަކު އެކަނި ކުރިމަތިލައިފި ހާލަތެއްގައި ފެންނަ ނުފެންނަ ކަމުގެ ވޯޓެއް ޕާޓީގެ މެންބަރުންގެ މެދުގައި ނަގައި، އެ އިންތިހާބުގައި، ފެންނަ ކަމުގެ 10 ޕަސެންޓް ވޯޓު އެމީހަކަށް ލިބިއްޖެނަމަ އެމީހަކީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ކަމުގައި ކަނޑައަޅަން ވާނެ ކަމަށެވެ.
އަސާސީ ގަވާއިދުގެ، 125 ވަނަ މާއްދާގައި ބުނަނީ، ކެނޑިޑޭޓުގެ ރަނިން މޭޓުގެ ގޮތުގައި ކަނޑައަޅާނެ ފަރާތެއް ނިންމާނީ ރިޔާސީ އިންތިހާބަށް ކުރިމަތިލާ ފަރާތް ކަމަށެވެ.
'ދަ ޑިމޮކްރެޓްސް' ގެ ރިޔާސީ ކެނޑިޑޭޓް ކަނޑައެޅުމަށް ބާއްވާ ވޯޓުލުން އޮންނާނީ އަންނަ ހުކުރު ދުވަހުއެވެ. އެ ދުވަހުގެ ވޯޓުލުން ކުރިއަށްދާނީ މެންދުރުފަހު 2:00 އިން ހަވީރު 6:00 އަށެވެ.
ރިޔާސީ ޕްރައިމަރީގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 4045 މީހުންގެ ލިސްޓަށް، މިއަދު ހަވީރު 4:00 ގެ ކުރިން ޝަކުވާ ހުށަހެޅުމުގެ ފުރުސަތުވެސް އެ ޕާޓީން ވަނީ ހުޅުވާލައިފައެވެ.
އެ ޕްރައިމަރީގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 4045 މީހުންގެ ލިސްޓެއް ވަނީ އާންމުކޮށްފައެވެ. އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އޮންލައިންކޮށެވެ. އެހެންކަމުން https://bit.ly/demscpln، މި ލިންކް މެދުވެރިކޮށް، ޝަކުވާ ބަލައިގަތުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށްވެސް 'ދަ ޑިމޮކްރެޓްސް' އިން ބުނެފައިވެއެވެ.
ހުށަހަޅާ ޝަކުވާތައް ބެލުމަށްފަހު ޕްރައިމަރީގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ދާއިިމީ ލިސްޓު ޝާއިއުކުރަން ހަމެޖހިފައިވަނީ މާދަމާއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު